ބަންގުލަދޭޝްގައި ޑޮކްޓަރުކަން ކިޔަވަމުންދިޔަ ރައުދާ އާތިފް މަރުވީ، އޭނާ ރައްޓެހިވެގެން އުޅުނު މީހާ އޭނާއަށް 'ލަނޑުދިނުމުން' އެކަމުގެ ހިތާމައިގައި ދަންޖެހިގެން ކަމަށް ބަންގުލަދޭޝްގެ ޕޮލިސް ބިއުރޯ އޮޕް އިންވެސްޓިގޭޝަން (ޕީބީއައި) ގެ ފައިނަލް ރިޕޯޓުން ބުނެފިއެވެ.

"ދަ ޑެއިލީ ސްޓާ" ނޫހުގައި ޕީބީއައިގެ އިންވެސްޓިގޭޝަން އޮފިސަރު ސަބް އިންސްޕެކްޓަރު ސައިދުއް ރަހުމާނާ ހަވާލާދީ ބުނެފައިވަނީ ރައުދާ މަރުވިގޮތް ތަހުގީގު ކުރުމަށްފަހު ހުށަހެޅި ފައިނަލް ރިޕޯޓު މިއަދު މެންދުރު ރާޖްޝާހީ ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އަހުމާނާ ހަވާލާދީ މި ނޫހުގައި ބުނެފައިވަނީ ޕީބީއައިއަށް ލިބުނު ހެކިތަކަށް ބަލާއިރު، ރައުދާ މަރުވެފައިވަނީ ދަންޖެހިގެން ކަމަށާއި، އޭގެ ސަބަބަކަށް ވަނީ އޭނާ ރައްޓެހިވެގެން އުޅުނު މީހާއާއި ވަކިވުމުން އެކަމުގެ ސަބަބުން ލިބުނު ހިތާމައިގައި ކަމަށް ބުނެފައިވެއެވެ.

"ކަލޭ އަހަރެން މަރާލީ" ރައުދާ އޭނާ ރައްޓެހިވެގެން އުޅުނު މީހާ އަށް އޭނާ މަރުވުމުގެ އެއްގަޑި އިރު ކުރިން ވަޓްސްއެޕުން މެސެޖްކޮށްފައި ވާކަން ހާމަވާ ކަމަށް ރިޕޯޓުން ބުނެއެވެ. އަދި އޭނާގެ ވަޓްސްއެޕުގެ ކޯލް ލޮގްގައި އެންމެ ފަހު ކޯލަކަށް އޮތީ ރައުދާ ރައްޓެހިވި މީހާގެ ފޯން ކޯލެއް ކަމަށް ފައިނަލް ރިޕޯޓުގައި ބުނެފައިވެއެވެ.

ރައުދާ ރައްޓެހިވެގެން އުޅުމު މީހާއަކީ ދިވެއްސެއް ކަމަށް މި ރިޕޯޓުގައި ބުނާ އިރު، އޭނާ މިވަގުތު ކިޔަވަން ހުރީ ޔޫކޭގެ ލަންޑަން އިންޕީރިއަލް ކޮލެޖްގެ މޮލެކިއުލާ ބައޮލޮޖީ އެންޑް ޕެތަލޮޖީ އޮފް ވައިރަސެސް ޑިޕާޓްމަންޓުގައި ކަމަށް ފައިނަލް ރިޕޯޓުގައި ބުނެފައިވެއެވެ.

ރައުދާ ދަންޖެހި މަރުވެފައި ހުއްޓާ ފެނުނީ އޭނާ ބަންގްލާދޭޝްގައި ކިޔަވަން އުޅުނު ކޮލެޖްގެ ނިދާ ކޮޓަރި ތެރެއިން، މާޗް 29، 2017 ގައެވެ. ރައުދާ މަރުވީ ދަންޖެހިގެން ކަމަށް އެންމެ ފުރަތަމަ ހެދި އޮޓޮޕްސީން ވެސް ދެއްކިއެވެ. ނަމަވެސް ރައުދާ އަމިއްލައަށް މަރު ނުވާނެ ކަމަށާއި ބަޔަކު އޭނާ މަރާލީ ކަމަށް ބުނެ އާއިލާއިން މައްސަލަ ހުށަހެޅުމުން ރައުދާގެ ހަށިގަނޑު ކަށްވަޅުން ނަގައިގެން ދެ ވަނަ އޮޓޮޕްސީއެއް ވެސް ހެދި އެވެ.

މި ރިޕޯޓުގައި ބުނާ ގޮތުން، ރައުދާ މަރުވުމުގެ ހަތަރު ވަރަކަށް މަސް ކުރިން އެދެމީހުންގެ ދެމެދުގައި އެފެއާއެއް ހިންގިކަމަށް ބުނެފައިވެއެވެ. އަދި ދެ ހަފްތާ ވަންދެން އިންޑިއާގައި ދެމީހުން އެކުގައި ހޭދަކުރި ކަމަށާއި، މިކަން ޕީބީއައި އަށް އެނގިފައިވަނީ ރައުދާގެ ފޯނާއި، ލެޕްޓޮޕުން ފެނުނު ފޮޓޯތަކުންނާއި، 17000 ޕޭޖުގެ ވަޓްސްއެޕް އަދި ފޭކްސްބުކު ކޮންވަޒޭޝަން ތަކުން ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ރައުދާ ރައްޓެހިވެގެން އުޅުނު މީހާ އޭނާއަށް އޮޅުވާލިކަން ރައުދާއަށް އެނގިފައި ވަނީ، ރައުދާ މަރުވުމުގެ އެއް ރޭ ކުރިން އޭނާ އެފިރިހެން މީހާގެ އެފްބީ މެސެންޖާއަށް ވަދެ ބެލުމުން ކަމަށް ޕީބީއައި އޮފިޝަލުން ވަނީ ބުނެފައެވެ.

މާޗް 28، 2017 ވަނަ ދުވަހުގެ ރޭ ނިދާ ބޭސް ކައިގެން މަރުވާން މަސައްކަތް ކުރި ކަމަށާއި، އޭނާއަށް އެ ކޮލެޖްގައި އެރޭ ފަރުވާދީފައިވާ ކަމަށް ވެސް މި ރިޕޯޓުގައި ބުނެފައިވެއެވެ. މީގެ އިތުރުން މީދާ މަރާ ބޭސް ރައުދާގެ އެނދުމަތިން ފެނިފައިވާ އިރު، އޭނާ އެ ބޭނުންކޮށްފައި ނުވާކަމަށް ޕީބިއައި ރިޕޯޓުގައި ބުނެފައިވެއެވެ.

"އަހަރެން ލޯބިވީ ކަލޭދެކެ އެކަނި، ކަލޭ އަހަރެން ދެކެ ލޯތްބެއް ނުވޭ. ކަލޭތީ ނުބައި އިންސާނެއް. ކަލޭ އަހަންނަށް ތިހިރީ ފޫ ނުބެއްދޭވަރުގެ ގެއްލުންދީފައި. އެއްވެސް އެއްޗެއް އަހަރެންގެ ނެތް. އަހަންނަށް އިހުސާސްކުރެވެނީ އެކަނިވެރިކަން. އަހަންނަށް އިހުސާސްކުރެވެނީ މަރުވެފައިވާކަން"
ރައުދާ އޭނާ ރައްޓެހިވެގެން އުޅުނު މީހާއަށް ކުރި މެސެޖްގައި ބުނެފައިވެއެވެ.

ރައުދާ ދަންޖެހިފައިވަނީ ރައްޓެހިވެގެން އުޅުމު މީހާއަށް "ކަލޭ އަހަރެން މަރާލީ" ލިޔުމަށްފަހު އެރޭ ދަންވަރު 2:30 ގައި ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

"މި މެސެޖްތަކުން ދައްކާގޮތުންނަމަ ރައުދާއަށް އޭނާ ރައްޓެެހިވި މީހާ އޮޅުވާލުމުން އޭނާއަށް އެކަމެއް ކެތް ނުކުރެވުނު"
ފައިނަލް ރިޕޯޓުގައި އިންވެސްޓިގޭޝަން އޮފިސާ ބުނެފައިވެއެވެ.

މި ރިޕޯޓުގައި ބުނެފައިވަނީ، ރައުދާ ރައްޓެހިވި މީހާ އަކީ ބަންގުލަދޭޝް މީހަކަށް ނުވުމުން އޭނާގެ މައްޗަށް އެއްވެސް ދައުވާއެއް ކޮށްފައި ނުވާނެ ކަމަށެވެ.