19 ވަނަ ރައްޔިތުންގެ މަޖިލީހަށް ބޮޑު އަގުލަބިއްޔަތަކާއެކު ހޮވިވަޑައިގެންނެވި މަޖިލީހުގެ އާ ރައީސް، ރައީސް މުހައްމަދު ނަޝީދާއި، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މަރުހަބާ ދަންނަވައިފިއެވެ.

މިއީ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ލީޑަރުންގެ ތެރެއިން ނަޝީދާއި އީވާއަށް މަަރުހަބާ ދެންނެވި ފުރަތަމަ ލީޑަރެވެ. ނަޝީދަށް މަރުހަބާ ދަންނަވާ މައުމޫން ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރައްޔިތުންގެ މަންފާއަށްޓަކައި ހަވާލުކުރެވިފައިވާ ޒިންމާ އަދާކުރެއްވުމުގައި ކާމިޔާބަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މަޖިލީހުގެ ރައީސްކަމަށް ނަޝީދު ހޮވިވަޑައިގެންނެވީ ރޭ ބޭއްވި 19 ވަނަ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި މެންބަރުންގެ މެދުގައި ނެގުނު ސިއްރު ވޯޓަކުން 67 ވޯޓު ހޯއްދަވައިގެންނެވެ. ނަޝީދާއި ދެން ވާދަކުރެއްވީ 18 ވަނަ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމެވެ. ގާސިމަށް ލިބިވަޑައިގަތީ 17 ވޯޓެވެ.

މައުމޫން އީވާއަށް މަރުހަބާ ދަންނަވާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސަކަށް އަންހެން ބޭފުޅަކު އައްޔަން ކުރެއްވުމުން އުފާފުޅު ކުރައްވާކަމަށެވެ.

އީވާ މަޖިލީހުހެ ނައިބު ރައީސަކަށް ގެނައުމަށް ނެގީ ފެންނަ ނުފެންނަ ވޯޓަކުންނެވެ. އީވާ މަޖިލީހުގެ ނައިބު ރައީސް ކަމަށް ގެނައުމަށް 76 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.

މީގެ އިތުރުން މައުމޫން ވަނީ އާ މަޖިލީހުގެ ހުރިހާ މެންބަރުންނަށް މަރުހަބާ ދަންނަވާއެވެ. ރައްޔިތުންގެ މެދުގައި ތަފާތުކުރުމެއް ނެތި އަމާންކަމާއި ގުޅުން ބަދަހި ކުރުމުގައި ދެމިތިބޭނެ ކަމަށެވެ.