އިންޑިއާގެ ބޮޑުވަޒީރު ކަމުގެ ދެވަނަ ދައުރެއް ކަށަވަރުކުރައްވާފައިވާ ނަރޭންދްރާ މޯދީ މަގާމުގެ ހުވާކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވުމަށް ޕާކިސްތާނަށް ދައުވަތު ލިބިފައި ނުވަނީ އިންޑިއާގެ ދާހިލީ ސިޔާސަތުތައް ބައްޓަންކުރެވިގެން އައިސްފައިވާ ގޮތުން ކަމަށް ޕާކިސްތާނުގެ ހާރިޖީ ވަޒީރު ޝާހް މަޙްމޫދު ގުރައިޝީ ވިދާޅުވެއްޖެއެވެ.

މެއި މަހުގެ 30 ވަނަ ދުވަހަށް ތާވަލުކޮށްފައިވާ މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާންއަށް ދައުވަތު އަރުވާފައި ނުވާ ސަބަބެއް ކަމަށް ވިދާޅުވެ، ޕާކިސްތާނުގެ މީޑިއާއާއި ވާހަކަފުޅު ދައްކަވަމުން ގުރައިޝީ ވިދާޅުވީ، ބީޖޭޕީގެ ސިޔާސަތު އަދާ ޖެހެންދެން ބައްޓަންވަމުން އައީ ޕާކިސްތާނަށް އެއްޗިހި ގޮވުމުގެ އުސޫލެއްގެ ތެރެއިން ކަމަށެވެ. ވަކީން ހައްސާކޮށް އިންތިހާބަށް ކެމްޕޭން ކުރި ދުވަސްވަރު މި ފޯރި ގަދަވި ކަމަށާ، ކުށްލި ގޮތަކަށް ރާގު ބަދަލުކޮށް، ޕާކިސްތާނަށް ދައުވަތު ދިނުމަކީ މާ ފަސޭހަކަމަކަށް ނުވާނެ ކަމަށެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ގުރައިޝީ ވަނީ ޕާކިސްތާނާ އިންޑިއާގެ ގުޅުމަކީ މިނެދޭ ނާޅިން މިނެދިނުމޭ ބުނާ އުސޫލުން އޮންނަ ގުޅުމެއްކަމަށް ސިފަކުރައްވާފައެވެ. އެގޮތުން ޕާކިސްތާނުގެ ބޮޑުވަޒީރު ކަމަށް އިމްރާން ހާން އިސްކުރެއްވުމާއެކު މޯދީ މަރުހަބާ ވިދާޅުވި ފަދައިން، ވެރިކަމުގެ ދެވަނަ ދައުރެއް މޯދީ ކަށަވަރުކުރެއްވުމާއެކު އިމްރާންވެސް މޯދީއަށް މަރުހަބާ ވިދާޅުވެފައިވާނެ ކަމަށް ގުރައިޝީ ވިދާޅުވިއެވެ.

ހުވާކުރެއްވުމުގެ ރަސްމިއްޔާތަކަށް ވަޑައިގަތުމަށްވުރެ، ދެގައުމުގެ މެދުގައި ޖެހިފައިވާ ސީރިއަސް މައްސަލަތަކަށް ހައްލެއް ހޯއްދެވުމަށް ސީރިއަސް މަޝްވަރާތަކަކަށް ވަޑައިގަތުން މާ ބުއްދިވެރި ކަމަށްވެސް ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ވަނީ ވިދާޅުވެފައެވެ.

ޑިޕްލޮމެޓިކް މަސްދަރުތަކުން ލިބޭ މައުލުމާތަށް ބަލާއިރު، އަންނަ މަހު އޮންނަ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ)ގެ ހަވާސާގައި މޯދީއާއި އިމްރާން ބައްދަލުކުރެއްވުން އެކަށީގެންވެއެވެ.