19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ކުރިމަތި ނުލައްވާނެ ކަމަށާއި، ތާއީދު ކުރައްވާނީ މައްޗަންގޮޅި މެދު ދާއިރާގެ އިންތިހާބީ މެންބަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކަމަށް ކާށިދޫ ދާއިރާގެ އިންތިހާބީ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެެވެ.
ޖާބިރަކީ މަޖިލީހުގެ ރައީސްކަމަށް ވަޑައިގަތުމުގެ ޝައުގުވެރިކަން ފާޅުކުރެއްވި މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މެންބަރެކެވެ. ޕްރައިމަރީގައި އެމްޑީޕީގެ ޓިކެޓް ނާކާމިޔާބުވެ ވަޑައިގަތުމުން، އަމިއްލަ ގޮތުން ކާށިދޫ ދާއިރާއަށް ޖާބިރު ހޮވި ވަޑައިގެންނެވި ނަމަވެސް އޭނާ އަކީ އެމްޑީޕީގެ މެންބަރެކެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ޖާބިރު ވިދާޅުވީ މަޖިލީހުގެ ރައީސްކަމަށް ކުރިމަތި ނުލައްވާނެ ކަމަށެވެ. އަދި ތާއިދު ކުރައްވަނީ ރައީސް ކަމަށް ނަޝީދު ގެންނެވުމަށް ކަމަށާއި، ނައިބު ރައީސަކަށް ގެންނަވަން ތާއިދުކުރައްވަނީ އީވާ އަށް ކަމަށެވެ.
"މަޖިލީހުގެ ރައީސްކަމަށް ގެންނަން އެންމެ އެކަށީގެންވާ ބޭފުޅަކީ ރައީސް ނަޝީދު. އެހެންވީމަ ދެން އަޅުގަނޑު ކުރިމަތިލުމުގެ ބޭނުމެތް ނެތްތާ. ނަޝީދަކީ އެކަމަށް އެންމެ ގާބިލް ބޭފުޅާއަކީ. އެހެން ނޫނަސް އަސްލަމް ކުރިމަތިލެއްވި ނަމަ އަޅުގަނޑު ހުރީ އަސްލަމަށް ތާއިދުކުރާ ގޮތަށް" ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ ރޭ އެމްޑީޕީން ބޭއްވި ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމަށް ދައުވަތު ނުދިނީތީ ހިތާމަ ކުުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ އަމިއްލަ ގޮތުން މަޖިލީހަށް ހޮވި ވަޑައިގެންނެވި ނަމަވެސް އޭނާ އަކީ އަދިވެސް އެމްޑީޕީގެ މެންބަރެއް ކަމަށާއި، އެހެންކަމުން އޭނާ ވާނީ އެމްޑީޕީގެ މަޖިލިސް މެންބަރަކަށް ކަމަށެވެ.
"މިރޭ ރައީސާއި ނައިބުރައީސް ހޮވާ ޖަލްސާއަށްފަހު އަޅުގަނޑު ވާނީ އެމްޑީޕީގެ މަޖިލިސް މެންބަރަކަށް. އެއީ އަޅުގަނޑު އަމިއްލަ ގޮތުން ވާދަކޮށްގެން ހޮވުނު ނަމަވެސް، އަޅުގަނޑަކީ އެމްޑީޕީގެ މެންބަރެއް. އެމްޑީޕީން އަޅުގަނޑު ވަކި ނުކުރޭ" ޖާބިރު ވިދާޅުވިއެވެ.
ޖާބިރަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސްޕެޝަލް އެންވޯއީއެވެ. އަދި މިރޭ މަޖިލީހުގެ މެންބަރުކަމުގެ ހުވާ ކުރެއްވުމާއެކު އޭނާ އޮޓެމެޓިކުން އެންވޯއީ ކަމުގެ މަގާމުން ވަކިވާނެއެވެ.