ޖަޕާނުގެ ކަވަސާކީ ސިޓީގައި ތޫނު އެއްޗަކުން ހަމަލާދީ 16 މީހަކު ޒަހަމްކޮށްލައިފިއެވެ.
މިއަދު ހެނދުނު ދިން މި ހަމަލާގައި ޒަހަމްވީ މީހުންގެ ތެރޭގައި ޕްރައިމަރީ ސްކޫލެއްގައި ތައުލީމު ހާސިލުކުރަމުންދާ 8 ދަރިވަރަކުވެސް ހިމެނޭ ކަމަށް ޚަބަރު ލިބެއެވެ.
ހަމަލާ ދިން މީހާވަނީ ވަގުތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ހަމަލާ ދިން މީހާ އަމިއްލައަށް އޭނާގެ ކޮނޑަށް ތޫނު އެއްޗަކުން ހަމަލާދީފައިވާއިރު، އޭނާއަށްވެސް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާކަމަށް ޖަޕާނުގެ ޚަބަރުތައް ބުނެއެވެ.
ހައްޔަރު ކުރި މީހާއަކީ އުމުރުން 40-50 އަހަރާއި ދެމެދު ފިރިހެނެއް ކަމަށާ، ތޫނު އެއްޗަކުން މީހުން ޒަހަމްކުރަން ފަށާފައިވަނީ ބަސް ހުއްޓިއެއްގައި މީހުން މަޑުކޮށްގެން ތިއްބާކަމަށް މައުލޫމާތު ލިބެއެވެ. ހަމަލާ ދޭން އެމީހާ ބޭނުންކުރި ކަމަށް ބެލެވޭ 2 ވަޅިއެއް، އެ ސަރަހައްދުގެ ޕާކެއްގެ ކައިރިން ފެނިފައިވާކަމަށް ޚަބަރުތައް ބުނެއެވެ.
މިހާދިސާގައި ޒަހަމްވީ މީހުންނަށް ފަރުވާ ދެމުންދަނީ ކުއްލިހާލަތުގައި ގާއިމުކުރާ ޓެންޓުތަކެއް ޖަހައިގެންކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ކަވަސާކީއަކީ އާންމު ގޮތެއްގައި ހަމަހިމޭން ސިޓީއަކަށްވާއިރު، މިއަދުގެ ހަމަލާއާއި ގުޅިގެން އެ ސިޓީގެ ރަށްވެހިންގެ ހިތްތަކުގައި ވަނީ ނުތަނަވަސްކަމާ ބިރުވެރިކަން އުފެދިފައެވެ.
މި ހާދިސާއާއި ބެހޭ އިތުރު ތަފްސީލެއް، ޖަޕާނުގެ ކަމާބެހޭ ފަރާތްތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.