އެމްއެމްޕީއާރްސީން ދޫކޮށްފައިވާ އެއްވެސް ރަށެއް ނުވަތަ ފަޅެއްގެ އެއްވެސް ހެޑްލީޒް އެއް ބަދަލު ކުރެވިފައި ނުވާނެ ކަމަށް ބުނެވުނީ ލިޔުމުގެ ކުށަކުން ކަމަށް މިނިސްޓްރީ އޮފް ޓުއަރިޒަމް އިން ބުނެފިއެވެ.
ޓުއަރިޒަމް މިނިސްޓްރީން ބުނީ، އޮންނަ އާންމު އުސޫލުގެ ދަށުން އދ. ހީންފަރުގެ ހެޑްލީޒް މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމްއެމްޕީއާރްސީން އެރަށް ދޫކޮށްފައިވާ ފަރާތް ނޫން އެހެން ފަރަތަކަށް ބަދަލުކޮށްފައި ވާނެ ކަމަށެވެ. އަދި އެ މުއާމަލާތް ހިނގާފައިވަނީ އެއިރު ގާނޫނީ ގޮތުންނާއި ތަހުގީގީ ގޮތުން އެއްވެސް އިދާރާއަކުން އެއްވެސް ހުރަހެއް ނެތުމުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އެ މިނިސްޓްރީން ބުނީ މިދިޔަ ބުދަ ދުވަހު ޕްރެސިޑެންޝަން ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީން ވަނީ އެމްއެމްޕީއާރްސީން ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުގެ ހެޑްލީޒް އާއި ހިއްސާ ބަދަލުކުރުމުގެ މުއާމަލާތްތައް މަޑުޖައްސާލުމަށް އެ މިނިސްޓްރީއަށް އަންގާފައެވެ. އެހެން ކަމުން، ޓުއަރިޒަމް މިނިސްޓްރީން ވަނީ މިދިޔަ ހަފްތާގައި އެ މިނިސްޓްރީން ސޮއި ކުރެވުނު ސަބްލީޒް އެގްރީމެންޓް ބާތިލުކޮށް، އެކަން ތަންފީޒުކޮށްފައެވެ. މިއަދު ބާތިލުކުރި ސަބްލީޒް އެގްރީމަންޓަކީ ސީހައުސް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑަށް މާލެ އަތޮޅުން ދޫކޮށް، ހިއްކާފައިވާ ފަޅެއްގެ ސަބްލީޒް ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެއެވެ.
އެމްއެމްޕީއާރުސީން ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުގެ ހިއްސާ ބަދަލުކުރަން ހުށަހަޅައިފިނަމަ އެ މައުލޫމާތު ކޮމިޝަނަށް ދިނުމަށް ކޮމިޝަނުން ބުނެފައިވާ ކަމަށެވެ. އަދި އެގޮތަށް އަންގާފައިވަނީ ކޮމިޝަނުން ސީރިއަސް ތަހުގީގެއް ހިންގަމުން ދަނިކޮށް އެފަދަ މުއާމަލާތެއް ހިނގައިފި ނަމަ ތަހުގީގަށް ހުރަސް އެޅިދާނެތީކަމަށް ޓުއަރިޒަމް މިނިސްޓާ އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ. އަދި މި ރަށްތަކާއި ފަޅުތަކުގެ މިފަދަ މުއާމަލާތްތައް ކުރިއަށް ދާނީ އެ ކޮމިޝަނުން ބަލާ، އެކަމާއި މެދު ކަނޑައަޅާ ގޮތެއްގެ މަތިން ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެއެވެ.