ނުރައްކާތެރި އެޗް.އައި.ވީ އެއިޑްސް ޖެހިގެން ޕާކިސްތާނުގެ ސިންދް ޕްރޮވިންސަކުން ރިޕޯޓްކުރި މީހުންގެ އަދަދު 600 އަށްވުރެ މައްޗަށް އަރައިފިއެވެ.

މި އެންމެން އެޗް.އައި.ވީއަށް ޕޮޒިޓިވް ވެފައިވަނީ ސިއްހީ ހިދުމަތް ދިނުމުގައި ހަރަކާތްތެރިވި ކުޑަކުދިންގެ ޑޮކްޓަރަކު، އިންފެކްޓްވެފައިވާ ސިރިންޖު ބެނުންކުރުމުގެ ސަބަބުން ކަމަށްވެއެވެ. އެ ޑޮކްޓަރަކީވެސް އެޗް.އައި.ވީ ޖެހިފައިވާ ޑޮކްޓަރެއް ކަމަށް ބުނެވެއެވެ.

ވެރިރަށް އިސްލާމްއާބާދުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕާކިސްތާނުގެ ސްޕެޝަލް ހެލްތް އެޑްވައިޒާ ޒަފަރު މިރުޒާ ވިދާޅުވީ، މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ޓެސްޓު ކުރި މީހުންގެ ތެރެއިން 681 މީހަކު އެޗް.އައި.ވީއަށް ޕޮޒިޓިވް ވެފައިވާކަމަށާ، އޭގެ ތެރޭގައި އުމުރުން އެންމެ 2 އަހަރާ 12 އަހަރާ ދެމެދު 537 ކުޑަކުއްޖަކުވެސް ހިމެނޭކަމަށެވެ.

މިހާ ގިނަ އަދަދެއްގެ ބަޔަކު އެޗް.އައި.ވީއަށް ޕޮޒިޓިވް ވަމުންދަނީ އިންފެކްޝަންގެ އަސަރު ހުރި ސިރިންޖުގެ ސަބަބުންކަމަށް ވެދާނެ ކަމަށާ، ނަމަވެސް އަސްލު ސަބަބު ދެނެގަތުމުގެ ތަހުގީގުތައް މިހާރުވެސް ކުރިއަށްދާކަން މިރުޒާ ވަނީ ފާހަގަކުރައްވާފައެވެ.

ޕާކިސްތާނުގައި އެޗް.އައި.ވީ އެއިޑްސް ފެތުރެމުންދާ މިންވަރާ މެދު ކަންބޮޑުވުންތަކެއް އުފެދިފައިވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެގޮތުން މަސްތުވާތަކެތި ބޭނުންކުރުމާ، ނަހަމަ ގޮތުގައި ޖިންސީ އަމަލު ހިންގުން ވިޔަފާރިއެއްގެ ގޮތުގައި ކުރަމުންދާ ދިއުމުގެ ސަބަބުން ޕާކިސްތާނުގެ ބައެއް ސަރަހައްދުތަކުގައި އެއިޑްސް ބަލީގެ ނުރައްކާ ވަނީ އިންތިހާއަށް ބޮޑުވެފައެވެ.