ކުރީ ޒަމާނުގައި ރާއްޖޭގައި ޚުޠުބާ ކިޔާއިރު، އަސާގަނޑެއް ހިފައިގެން ހުންނަކަމަށް ކުރީގެ ދުވަސްވީ ބޭފުޅުންގެ އަރިހުން މަޢުލޫމާތު ލިބެއެވެ. މިކަމަކީ ސުންނަތުން ސާބިތުވާ ކަމެއްތޯ؟
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ހުކުރު ޚުޠުބާ ކިޔަން ހުންނަ ވަގުތުގައި ޚަޠީބު މީހާ ޢަޞާ އެއް ނުވަތަ އެނޫންވެސް އެފަދަ އެއްޗެއް ހިފަހައްޓައިގެން ހުރުމުގެ މައްސަލާގައި ޢިލްމުވެރިންގެ ދެގައުލެއް ވެއެވެ.
ފުރަތަމަ ގައުލު:
މާލިކީ، ޝާފިޢީ، ޙަންބަލީ މަޛްހަބުގެ ޢިލްމުވެރިން ދެކިލައްވާ ގޮތުގައި އެއީ ސުންނަތެކެވެ. އެދެވިގެންވާ ކަމެކެވެ.
އިމާމް މާލިކް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "ހުކުރު ޚުޠުބާ ކިޔަން ކޮޅަށް ހުންނަ ވަގުތުގައި ޢާޞާ އެއްގެ މައްޗަށް ބުރަވެ ހުރުމަކީ މެމްބަރުތަކަށް އަރާ އިމާމުންނަށް އެދެވިގެންވާ ކަމެކެވެ. އެއީ އަހަރުމެން އަޑުއަހާ އަދި ދެކިފައިވާ ގޮތެވެ."
(އަލްމުދައްވަނަތުލް ކުބްރާ 1/151، ޖަވާހިރުލް އިކްލީލް 1/97، ޙާޝިޔަތުއް ދަސޫގީ 1/382).
އިމާމް ޝާފިޢީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.
"ކޮންމެ ވައްތަރެއްގެ ޚުޠުބާ އެއް ނަމަވެސް ޚަޠީބު މީހާ އެއްޗެއްގެ މައްޗަށް ބުރަވެ ހުރުމަށް ތިމަން ކަލޭގެފާނު ލޯބި ކުރައްވަމެވެ." (އަލްއުއްމު 1/272، ނިހާޔަތުލް މުޙްތާޖް 2/326، ޙާޝިޔަތު ގަލްޔޫބީ ވަޢުމައިރާ 1/272).
އަލްބަހޫތީ އަލްޙަންބަލީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.
"އެއް އަތުން ކަނޑިއެއް، ނުވަތަ ގައުސެއް ނުވަތަ ޢަޞާ އެއް ހިފައިގެން ހުރުން ސުންނަތް ވެގެން ވެއެވެ." (ކައްޝާފުލް ގިނާޢު 2/36، އަލްއިންޞާފު 2/397).
މި ބޭފުޅުންގެ ދަލީލަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޚުޠުބާ ވިދާޅުވާ އިރުގައި ޢަޞާ އެއްގެ މައްޗަށް ބުރަވެ ވަޑައިގެން ހުންނަވާ ކަމަށް އެތަޢް ޙަދީޘެއްގައި ޘާބިތުވެފައިވާ ކަމެވެ. އޭގެ ތެރޭގައި ޙަކަމް ބިން ޙުޒްނު ރިވާ ކުރެއްވި ޙަދީޘް ހިމެނެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. (أن النبي صلى الله عليه وسلم قام يوم الجمعة (متوكئا على عصا أو قوس فحمد الله وأثنى عليه... ) މާނައަކީ: "ހުކުރު ދުވަހެއްގައި ޢަޞާ އެއް ނުވަތަ ގައުސެއްގެ މައްޗަށް ބުރަވެ ވަޑައިގެން ހުންނަވާ ކީރިތި ރަސޫލާ ޞައްލަﷲޢަލައިހި ވަސައްލަމަ ތެދުވެ ވަޑައިގަތެވެ." މިއީ އަބޫދާވޫދު ރިވާ ކުރެއްވި ޙަދީޘެކެވެ. އިމާމް ނަވަވީ ވިދާޅުވެފައިވެއެވެ. މިއީ ޙަސަން ދަރަޖައިގެ ޙަދީޘެކެވެ." (އަލްމަޖްމޫޢު 4/526)، އަދި ޝައިޚް އަލްބާނީވެސް އެކަލޭގެފާނުގެ "ޞަޙީޙް އަބީދާވޫދުގައި" މިއީ ޙަސަން ދަރަޖައިގެ ޙަދީޘެއް ކަމުގައި ވިދާޅުވެފައިވެއެވެ. ނަމަވެސް ބައެއް ޢިލްމުވެރިން މި ޙަދީޘް ޟަޢީފް ކުރައްވައެވެ. އިބްނު ކަޘީރު ރަޙިމަހުﷲ އެކަލޭގެފާނުގެ "އިރްޝާދުލް ފަގީހު 1/196 ގައި ވިދާޅުވެފައި ވަނީ މި ޙަދީޘްގެ ސަނަދަކީ އެހާ ވަރުގަދަ ސަނަދެއް ނޫން ކަމަށެވެ.
ދެވަނަ ގައުލު:
ޙަނަފީ މަޛްހަބުގެ ގިނަ ޢިލްމުވެރިން ދެކިލައްވާ ގޮތުގައި އެއީ މަކްރޫހަ ކަމެކެވެ. ނަމަވެސް ޙަނަފީ މަޛްހަބުގެ ބައެއް ފިގްހުވެރިން އެއީ ސުންނަތެއް ކަމުގައި ވިދާޅުވެއެވެ.
އަލްފަތާވާ އައްތަތާރްޚާނިއްޔާގެ 2/61 ގައި އައިސްފައިވެއެވެ. "ޢަޞާ އެއް ނުވަތަ ގައުސެއްގެ މައްޗަށް ބުރަވެ ހުރެ ޚުޠުބާ ކީނަމަވެސް ހުއްދަވާނެއެވެ. ނަމަވެސް އެއީ މަކްރޫހަ ކަމެކެވެ. ސަބަބަކީ އެއީ ސުންނަތާ ޚިލާފު ކަމަކަށް ވީތީވެއެވެ."
އަލްފަތާވާ އިލްހިންދިއްޔާގެ 1/148 ގައި އައިސްފައިވެއެވެ.
"ގައުސެއް ނުވަތަ ޢަޞާ އެއްގެ މައްޗަށް ބުރަވެ ހުރެ ޚުޠުބާ ކިޔުން މަކްރޫހަ ވެގެން ވެއެވެ."
އިބްނުލް ގައްޔިމް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.
"ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަތްޕުޅުގައި ޢަޞާ އެއް އަދި އެހެން އެއްޗެއްވެސް ޚުޠުބާ ވިދާޅުވާ ގަޑީގައި ނޯވެއެވެ. ނަމަވެސް މެމްބަރަށް އަރައިވަޑައިގަތުމުގެ ކުރިން ގައުސެއް ނުވަތަ ޢަޞާ އެއްގެ މައްޗަށް ބުރަވެ ވަޑައިގެން ހުންނެވިއެވެ. ހަނގުރާމާގައި ގައުސެއްގެ މައްޗަށް ބުރަވެ ވަޑައިގަންނަވައެވެ. ހުކުރު ދުވަހުގައި ޢަޞާ އެއްގެ މައްޗަށް ބުރަވެ ވަޑައިގަންނަވައެވެ. އެކަލޭގެފާނު ކަނޑި އެއް ގެންގުޅުއްވި ކަމަށް އެނގޭކަށް ނެތެވެ. ބައެއް ޖާހިލުން ހީކުރާ ގޮތުގައި ހުރިހާ ޙާލަތެއްގައިވެސް އެކަލޭގެފާނު ކަނޑި އެއް ގެންގުޅުއްވިއެވެ. އަދި އެއީ ދީން ގާއިމުވެފައިވަނީ ކަނޑީގެ ބާރުގައި ކަމަށް އިޝާރާތް ކުރެއްވުމަށްޓަކައެވެ. ނަމަވެސް މިއީ އެބައިމީހުންގެ ޖާހިލު ކަމުން ދައްކާ ވާހަކަ އެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މެމްބަރަށް އަރައިވަޑައިގަންނަވަން ފެއްޓެވި ފަހުން ކަނޑި އެއް ގެންގުޅުއްވާ ކަމެއް ޘާބިތެއް ނުވެއެވެ. އަދި ގައުސެއްވެސް ނުވަތަ އެހެން އެއްޗެއްވެސް ގެންގުޅުއްވާ ކަމެއް ޘާބިތެއް ނުވެއެވެ. އަދި މެމްބަރަށް އަރައިވަޑައިގަތުމުގެ ކުރިންވެސް ކަނޑި އެއް ގެންގުޅުއްވާ ކަމެއް ޘާބިތެއް ނުވެއެވެ. ނަމަވެސް ގައުސެއް ނުވަތަ ޢަޞާ އެއްގެ މައްޗަށް ބުރަވެ ވަޑައިގަތެވެ." (ޒާދުލް މަޢާދު 1/429).
ފަޟީލަތުއް ޝައިޚް މުޙައްމަދު ޞާލިޙުލް ޢުޘައިމީން ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ.
"ޚުޠުބާ ކިޔާ އިރު ކަނޑި އެއް، ނުވަތަ ގައުސެއް ނުވަތަ ޢަޞާ އެއްގެ މައްޗަށް ބުރަވެ ހުރުން ސުންނަތް ވެގެންވެއެވެ. މިކަމުގެ ދަލީލެއްގެ ގޮތުގައި ދައްކަނީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ކިބައިން ރިވާވެގެންވާ އެޙަދީޘެއްގެ ޞައްޙަ ކަމާއި މެދު ސުވާލު އުފެދިފައިވާ ޙަދީޘެކެވެ. އެ ޙަދީޘަކީ ޞައްޙަ ޙަދީޘެއް ކަމުގައި ބެލިނަމަވެސް، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މެމްބަރަށް އަރާ ވަޑައިގަންނަވަން ފެއްޓެވި ފަހުން އެއްވެސް އެއްޗެއްގެ މައްޗަށް ބުރެވެ ވަޑައިގެން ކަމެއް ޘާބިތު ނުވާ ކަމުގައި އިބްނުލް ގައްޔިމް ރަޙިމަހުﷲ ވިދާޅުވެއެވެ.
މިއިން އެނގޭ އެއްޗަކީ ޚަޠީބު މީހާ ބަލިކަށިކަމުން އެއްޗެއްގެ މައްޗަށް ބުރަވެ ހުރުމަށް ކޮންމެހެން ބޭނުން ޖެހިއްޖެ ހިނދެއްގައި އެގޮތަށް ހެދުމަކީ މައްސަލަ އެއް ނޫނެވެ. ސަބަބަކީ އެއީ ޚަޠީބު މީހާ ކޮޅަށް ހުރުމަށް އެހީތެރިވެދޭ ކަމަކަށްވާތީވެއެވެ. ޚަޠީބު މީހާ ކޮޅަށް ހުރުމަކީ ސުންނަތެކެވެ. ސުންނަތަކަށް މަގުފަހި ކޮށްދޭ ކޮންމެ ކަމަކީ ސުންނަތެކެވެ. ޢަޞާ އެއްގެ ބޭނުމެއް ނެތިއްޖެ ޙާލަތެއްގައި ކޮންމެހެން އެއްޗެއް ނުގެންގުޅުމަކުން މައްސަލަ އެއް ނެތެވެ." (އައްޝަރްޙުލް މުމްތިޢު 5/62-63).والله أعلم .