ބައެއް މީހުން ބުނެ އުޅޭ ގޮތުގައި "ޔޯގާ" ގެ އަސްލަކީ ހިންދީން ކުރާ އަޅުކަމަކަށް ކިޔޭ ނަމެކެވެ. ނަމަވެސް މިހާރަކަށް އައިސް ކުޅިވަރެއްގެ ގޮތުގައި "ޔޯގާ" ކުރާ މީހުން ރާއްޖޭގައިވެސް އުޅެއެވެ. ސުވާލަކީ މުސްލިމުން މިފަދަ ކުޅިވަރު ތަކުގައި ބައިވެރި ވުމުގެ ހުކުމަކީ ކޮބައިތޯ؟

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ފުރަތަމަ:

ފަހުގެ ޢިލްމުވެރިން "ޔޯގާ" އާއި ބެހޭ ގޮތުން ތަފާތު ގޮތް ތަކަށް ވާހަކަ ދައްކަވާފައިވެއެވެ. ބައެއް ޢިލްމުވެރިން މުޅި އެއްތި އެއްކޮށް ޙަރާމް ކުރައްވައެވެ. އަނެއްބައި ޢިލްމުވެރިން މުޅި އެތި އެއްކޮށް ހުއްދަ ކުރައްވައެވެ. އަނެއްބައި ޢިލްމުވެރިން "ޔޯގާ" ގެ ތަފާތު ވައްތަރުތައް ވަކި ކުރައްވައެވެ. އޭގެ ތެރެއިން ޝަރީޢަތާއި އެއްގޮތްވާ ކަންތައް ހުއްދަ ކުރައްވައެވެ. އަދި ޝަރީޢަތާއި ޚިލާފުވާ ކަންތައް މަނާ ކުރައްވައެވެ.

"ޔޯގާ" އޭ ކިޔޭ ކުޅިވަރުގެ އަޞްލަކީ ހިންދީންނާއި ބުޑިސްޓުންގެ ޢަގީދާގެ ތެރޭގައި ހިމެނޭ ކަމެކެވެ. "ޔޯގާ" ހުއްދަ ކުރައްވާ ޢިލްމުވެރިން ވިދާޅުވަނީ އެއީ ހަށިގަނޑަށް ލިއްބައިދޭ ކަސްރަތެކެވެ. އެހެންކަމުން ހުއްދަވާނެއެވެ. މަނާ ކުރައްވާ ޢިލްމުވެރިން ވިދާޅުވަނީ އެއީ ޣައިރު މުސްލިމުންގެ ޢަގީދާ އާއި ގުޅިފައިވާ ކަމެކެވެ. އެފަދަ މީހުންނާއި އެއްގޮތް ނުވުމުގެ ގޮތުން އަހަރުމެން މުސްލިމުން އެކަން ދޫކޮށްލަން ޖެހެއެވެ. އަދި ބައެއް ޢިލްމުވެރިން "ޔޯގާ" ގެ ތަފާތު ވައްތަރުތައް ވަކި ކުރައްވައެވެ. އޭގެ ތެރެއިން ޝަރީޢަތާއި އެއްގޮތްވާ ކަންތައް ހުއްދަ ކުރައްވައެވެ. އަދި ޝަރީޢަތާއި ޚިލާފުވާ ކަންތައް މަނާ ކުރައްވައެވެ.

މުޙައްމަދު ޢަބްދުލް ފައްތާޙު ފަހީމް ލިޔުއްވާފައިވާ "އަލްޔޯގާ ވައްތަނައްފުސް" އޭ ކިޔުނު ފޮތުގެ 19 ވަނަ ޞަފްޙާ ގައި އައިސްފައިވެއެވެ. "ހިންދީންގެ މުގައްދަސް ބަހުގައި ޔޯގާ ގެ މާނައަކީ އެކުވެރި ކަމެވެ. އަދި ﷲ އާއި ގުޅުވާލުމެވެ. މާނައަކީ ހަށިގަނޑާއި ސިކުނޑި އާއި ގުޅުވާލުމެވެ. އަދި ﷲ އާއި ގުޅުވާލުމެވެ. އެއީ އިންސާނާ މަޢްރިފަތާއި ޙިކްމަތުގެ ތެރެއަށް ގެންގޮސްދިނުމެވެ. އަދި ދިރިއުޅުމުގެ ކަންތައްތައް ދެނެގަތުމުގެ ސަބަބުން އޭނާގެ ވިސްނުމާއި ފިކުރު ތަރައްގީވުމެވެ. އަދި ކަންކަމުގައި ކޮށިވިސްނުން ގެންގުޅުމުން ދުރުހެލި ކުރުވުމާއި، ދީނީ ޙިޒްބީ ތަޢައްޞުބުން މީހާ އެކަހެރި ކުރުވުމެވެ. އަދި އިންސާނާ އަށް ބާއްޖެވެރި އުފާވެރި ދިރިއުޅުމެއް ލިބުމެވެ."

ޖަމީލް ޞަލީބާގެ "އަލްމުޢްޖަމުލް ފަލްސަފީ" ގެ 2/590 ގައި ލިޔުއްވާފައިވެއެވެ.

"ޔޯގާ" އަކީ ސަންސިކުރުތް ލަފްޡެކެވެ. އޭގެ މާނައަކީ އެއްބައިވަންތަ ކަމެވެ. މީސްތަކުންގެ އެކުވެރިކަން ދެމެހެއްޓުމަށް ޓަކައި ހިންދީންގެ ޙަކީމުން ކުޅޭ ކުޅިވަރަކަށް "ޔޯގާ" އޭ ކިޔެއެވެ. އެހެންކަމުން "ޔޯގާ" އަކީ ފަލްސަފީ މަޛްހަބެއް ނޫނެވެ. އެހެންނަމަވެސް އެއީ ޙިއްސީ ގޮތުންނާއި ބުއްދީގެ ގޮތުން އިންސާނާ މިނިވަން ކުރުމަށް ދެވޭ ބައެއް ކަހަލަ ތަމްރީނު ތަކެކެވެ. އަދި އޭގެ ސަބަބުން އިންސާނާ ޙަގީގަތާއި ހަމައަށް ވާޞިލުކޮށްދެއެވެ.

ދެވަނަ:

ޔޯގާ އަކީ ކޮބާ؟

"ޔޯގާ" އޭ ބުނެވޭ ބަހުގެ މާނައަކީ "އެއްބައިވަންތަ ކަމެވެ." ހިންދީންގެ ފާދިރީ އަކު ބުނެފައިވެއެވެ. "އެއީ އިންސާނާ އާއި އޭނާގެ ރޫޙާއި ދެމެދުގައި އޮންނަ އެއްބައިވަންތަ އެކުވެރި ކަމެވެ."

"ޔޯގާ" އެކުލެވިގެންވަނީ ތަމްރީނުތަކެއްގެ މައްޗަށެވެ. އޭގެ ތެރެއިން އެންމެ މުހިންމު އަދި އެންމެ މަޝްހޫރު ތަމްރީނަށް ދެވިފައިވާ ނަމަކީ "ސުރްޔާ ނަމަސްކާރު" އެވެ. ސަންސިކުރުތް ބަހުން މި ލަފްޡުގެ މާނައަކީ އަށްގުނަވަން މަތީ އިރަށް ސަޖިދަ ކުރުމެވެ. އެއީ ދެފައިތިލަ، ދެކަކޫ، ދެއަތް، މޭ އަދި ނިތްކުރިއެވެ.

"ޔޯގާ" ކުޅޭ އިރު ހެދުމެއް ނުލާ ހުރުމަކީ އެންމެ އެދެވިގެންވާ ގޮތެވެ. ހެދުމެއް ލީނަމަވެސް، މެޔާއި ބުރަކަށި އަދި ފަލަމަސްގަނޑު ހާމަ އަށް ބޭއްވުމަކީ އެންމެ އެދެވިގެންވާ ގޮތެވެ. އަދި އިރުއޮއްސޭ ގަޑި އާއި އިރުއަރާ ގަޑީގައި އެކަސްރަތުތައް ކުރުމެވެ. އަދި ބޮޑަށް އެދެވިގެންވަނީވެސް ވީހާވެސް ހާމަތަނެއްގައި އެކަސްރަތުތައް ކުރުމެވެ. އިރު ނުފެންނަ ތަނެއްގައި (ޢިމާރާތެއްގެ ތެރޭގައި) ކަސްރަތު ކުރާނަމަ އިރެއް ކުރަހާފައި ފާރުގައި ތަތް ކޮށްފައި ބެހެއްޓުން އެދެވިގެންވެއެވެ.

"ޔޯގާ" ގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ޙާޞިލްކުރަން ބޭނުން މީހަކު ކާންވާނީ ހުސްތަރުކާރީއެވެ. އެއްވެސް ބާވަތެއްގެ މަހެއް ކައިގެން ނުވާނެއެވެ. އަދި ކަސްރަތު ކުރަމުން ގެންދާ ގަޑީގައި އަޑުހަރުކޮށް ކިޔަން ޖެހޭ ވަކި ޚާއްޞަ ކަލިމަތަކެއް ހުރެއެވެ. އޭގެ ތެރޭގައި (ހުރާމް، ހުރީމް، ހުރައުމް، ހާރާ) ހިމެނެއެވެ.

މީގެ އިތުރުން އިރަށް ދެވިފައިވާ ބާރަ ނަން ކިޔަން ޖެހެއެވެ. އެއީ "ޔޯގާ" ގެ ވަރަށް ޚާއްޞަ ކަމެކެވެ. އިރަށް ދެވިފައިވާ ނަންތަކުގެ ތެރޭގައި:

"ރާފާނާމާ" މާނައަކީ "ހުރިހާ ތަކެއްޗެއް ތިޔަ ފަރާތަށް ޙަމްދު ކުރާ ފަރާތަށް އަހަރެންގެ ބޯ ތިރި ކުރަމެވެ."

"ސޫރްޔާނާމާ" މާނައަކީ: "ހުރިހާ އެންމެންނަށް ހިދާޔަތް ދެއްކި ފަރާތަށް އަހަރެންގެ ބޯ ތިރި ކުރަމެވެ."

"ބަހާނާފިނަމާ" މާނައަކީ: "ރީތިކަން ދެއްވި ފަރާތަށް އަހަރެންގެ ބޯ ތިރި ކުރަމެވެ."

"ސަފީޓަރްނަމާ" މާނައަކީ: "ދިރިއުޅުން ދެއްވި ފަރާތަށް އަހަރެންގެ ބޯ ތިރި ކުރަމެވެ."

"ޔޯގާ" ގައި ބައިވެރިވާ ބައެއް މީހުން ބުނެ އުޅެއެވެ. "ހެނދުނު ތިންގަޑި ބައިގާ ހޭލައިގެން ހެނދުނު ހަގަޑި ފަނަރަ ވަންދެން މި ތަމްރީނުތައް ހަދައެވެ. އަދި ހަވީރު ހަޔަކުން ހަގަޑި ބައިވަންދެން މިތަމްރީނުތައް ހަދައެވެ. މިގޮތުން ދުވާލަކު ތިންގަޑި ފަނަރަ މިނިޓްވަންދެން މިތަމްރީނުތައް ހަދައެވެ. ބައެއް މީހުން މިއަށްވުރެވެސް ގިނަ އިރު މިކަން ކުރާ ކަމަށްވެއެވެ. ގިނަވަގުތު މިކަން ކުރި ވަރަކަށް ފައިދާ ބޮޑުވާނެ ކަމުގައި އެބައިމީހުން ބުނެއުޅެއެވެ. (އަލްޔޯގާ ފީ މީޒާނިއް ނަގްދިލް ޢިލްމީ، ޞ 13-18).

ތިންވަނަ:

އިސްލާމީ ނަޡަރަކުން "ޔޯގާ" ގައި ބައިވެރި ވުން:

އެއްވެސް މުސްލިމަކު "ޔޯގާ" ގައި ބައިވެރި ވުމަކީ ހުއްދަ ކަމެއް ނޫނެވެ. އެއީ ދީނީ ކަމެއްގެ ގޮތުގައި ބައިވެރިވިޔަސް، ނުވަތަ ބަޔަކު ކުރާތީ ކުރާ ކަމެއް ކަމުގައި ވިޔަސް، ނުވަތަ ކަސްރަތު ކުރުމުގެ ނިޔަތުގައި ކަމަށް ވިޔަސްވެސް އެވެ. "ޔޯގާ" ގައި ބައިވެރިވުން ހުއްދަނުވާނެ ސަބަބުތަކުގެ ޚުލާޞާ ތިރީގައި މިވަނީއެވެ.

  1. އެއީ ތަވްޙީދުގެ ޢަގީދާ އާއި ފުށު އަރާ ކަމަކަށްވުން. ސަބަބަކީ އޭގައި އިރުގެ ނަންތައް ކިޔާ، އިރަށް ސަޖިދަކޮށް ހެދުމުން ﷲ އާއި އެކު އެހެން ފަރާތެއް އަޅުކަން ކުރުމުގައި ބައިވެރި ކުރެވޭކަން. ސޫރަތުއް ރަޢްދުގެ 36 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (قُلْ إِنَّمَا أُمِرْ‌تُ أَنْ أَعْبُدَ اللَّـهَ وَلَا أُشْرِ‌كَ بِهِۚ إِلَيْهِ أَدْعُو وَإِلَيْهِ مَآبِ) މާނައަކީ: "ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނަށް أمرކުރައްވާފައިވާކަންކަށަވަރީ، اللَّهއަށް އަޅުކަން ކުޅައުމަށެވެ. އަދި އެކަލާނގެއަށް شريكނުކުރުމަށެވެ. ތިމަންކަލޭގެފާނު ގޮވައިލައްވަނީ، އެކަލާނގެއަށްއަޅުކަންކުރުމަށެވެ. އަދި ތިމަންކަލޭގެފާނު އެނބުރިދިއުންވަނީ އެކަލާނގެحضرةއަށެވެ." ސޫރަތުއް ޒުމަރުގެ 65 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (وَلَقَدْ أُوحِيَ إِلَيْكَ وَإِلَى الَّذِينَ مِن قَبْلِكَ لَئِنْ أَشْرَ‌كْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ الْخَاسِرِ‌ينَ) މާނައަކީ: "ހަމަކަށަވަރުން، ކަލޭގެފާނަށާއި، ކަލޭގެފާނުގެ ކުރީގެ رسولންނަށް وحىކުރައްވާފައިވެއެވެ. ކަލޭގެފާނު شريكކުރައްވައިފިނަމަ، ކަލޭގެފާނުގެ عملތައް باطلވެއްޖައީސްކަން ކަށަވަރެވެ. އަދި އޭރުން ކަލޭގެފާނު ވާހުށީގެއްލެނިވެގެންވާ މީހުންގެ ތެރެއިންކަން ކަށަވަރެވެ."
  2. "ޔޯގާ" ގައި ބުދަށް އަޅުކަން ކުރާ މީހުންނާއި އެއްގޮތްވުން ތަކެއް ހިމެނޭ ކަން. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (مَن تشبَّه بقوم فهو منهم)رواه أحمد وأبو داود والطبراني،މާނައަކީ: "ބަޔަކު މީހުންނާއި އެއްގޮތް ވެގަންފި މީހަކީ އެބައިމީހުންގެ ތެރެއިންވާ މީހެކެވެ."
  3. "ޔޯގާ" ގައި ކުރެވޭ ބައެއް ކަސްރަތު ތަކަކީ އިންސާނާ އަށް އޭގެ ސަބަބުން ޞިއްޙީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިއްބައިދޭ ކަމަކަށްވުން.
  4. އޭގެ ސަބަބުން އިންސާނާ އަށް ބޮޑެތި ގެއްލުންތަކެއް ލިއްބައިދޭ ކަމެއްގައި ވަގުތުތައް ބޭކާރުވެގެން ދިޔުން. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (لا تزول قدما عبد يوم القيامة حتى يسأل عن أربع : عن عمره فيم أفناه ، وعن علمه ما فعل فيه ، وعن ماله من أين اكتسبه وفيم أنفقه ، وعن جسمه فيم أبلاه) رواه الترمذي،މާނައަކީ: "ގިޔާމަތް ދުވަހުގައި އިންސާނާ އާއި ހަތަރު ކަމަކުން ސުވާލުވެވުމަށް ފަހުގައި މެނުވީ އޭނާގެ ފައިތިލަ ގުޑުވާ ނުލެވޭނެއެވެ. އޭނާގެ ޢުމުރު ހޭދަކުރީ ކޮން ގޮތަކަށްތޯއެވެ. އޭނާގެ ޢިލްމުން ކުރީ ކޮން ކަމެއްތޯއެވެ. އޭނާ މުދާ ހޯދި ގޮތާއި ހޭދަ ކުރި ގޮތެވެ. އަދި އޭނާގެ ހަށިގނަޑުން ކުރީ ކޮންކަންތަކެއްތޯއެވެ."
  5. "ޔޯގާ" ގައި އެކުލެވިގެންވާ ގިނަގުނަ ނުރަގަޅުކަންތައް ތައް، މިޘާލަކަށް އޮރިޔާމުން ތިބެން ޖެހުން، އޭގެ ސަބަބުން ނިކުންނަ ގިނަގުނަ ނޭދެވޭ މައްސަލަތައް، އަދި ގިނައިރު ތަކެއްވަންދެން އަވީގައި ތިބެން ޖެހުމުގެ ސަބަބުން ލިބޭ ގެއްލުންތައް، އަދި ﷲ ޙަލާލް ކުރެއްވި މަސްކެއުމުން އަމިއްލަ އަށް މަޙްރޫމްވެގަނެގެން ހުންނަން ޖެހުން ފަދަ ކަންތައް ހިމެނިގެންވެއެވެ. (އަލްޔޯގާ ފީ މީޒާނިއް ނަގްދިލް ޢިލްމީ، ޞ 84-86 އަށް). والله أعلم