ގދ. ރަތަފަންދޫގެ ފިހާރައެއް ފަޅާލައިގެން ވައްކަން ކޮށް ނަގާފައިވާ ފައިސާއާއި އެކު ހަތަރު މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، މި ދިޔަ ހުކުރު ދުވަހު އެ ރަށުގެ ފިހާރައެއް ފަޅާލައިގެން ވައްކަން ކޮށްފައިވާ މައްސަލައިގައި ފުލުހުންގެ ތަހުގީގުން ވަނީ ވަގަށް ނަގާފައިވާ ފައިސާ ހޯދާފައެވެ. މީގެތެރޭގައި 20900 ރުފިޔާ އާއި، 412 ޑޮލަރުގެ އިތުރުން 10 ޔޫރޯ އަދި ދެ ކާޓުން ސިނގިރޭޓް ހިމެނެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޯށްފައިވަނީ 21 އަހަރާއި 27 އަހަރާއި 19 އަހަރުގެ ފިރިހެނެއްގެ އިތުރުން 17 އަހަރުގެ ކުޑަކުއްޖެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެ އަތޮޅު ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ހައްޔަރު ކުރެވުނު މީހުންގެ ބަންދަށް ތިން ދުވަސް ދީފައި ކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ފުލުހުން ދަނީ އާންމުންގެ މުދަލާއި ފައިސާ ރައްކާތެރި ކުރުމަށް ގިނަ މަސަތްކަތްތަކެއް ކުރަން ފަށާފައެވެ. ނަމަވެސް މިފަހަކަށް އައިސް ވައްކަމާ ފޭރުމުގެ މައްސަލަތައް ވަނީ މާލޭގެ އިތުރުން އަތޮޅުތެރޭގައި ވެސް އިތުރު ވެފައެވެ. އެގޮތުން ރޯދަމަހުގެ ފުރަތަމަ ހަފްތާތެރޭގައި ތ. ވިލިފުށީ ގެއަކުން ވަނީ ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފައެވެ.