ޕާޓީގެ ލީޑަރުކަމުން ވަކިވެވަޑައިގަންނަވާނެކަން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ތެރޭސާ މޭ އިއުލާން ކުރެއްވުމާއެކު، ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކަމުގެ މަގާމު ކަށަވަރުކުރުމުގެ ރޭސް، ވަރުގަދަ ނޮމިނޭޝަންތަކަކާއެކު ފަށައިފިއެވެ.

ކޮންޒަވޭޓިވް ޕާޓީގެ ލީޑަރަކަށް އިންތިހާބުކުރެވޭ ޝަހްސު ވެގެންދާނީ އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރަށްވެސްމެއެވެ.

އިނގިރޭސިވިލާތުގެ ޚަބަރުތައް ބުނާ ގޮތުގައި ޕާޓީގެ އިސްވެރިން މިހާރުވެސް މަސައްކަތްޕުޅުކުރައްވަމުން ގެންދަވަނީ މިއަހަރުގެ ޖުލައި މަސް ނިމެންވާއިރަށް އާ ލީޑަރު އިންތިހާބުކޮށް ނިންމުމަށެވެ.

އިނގިރޭސިވިލާތުގެ ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުކަމުން ރަސްމީކޮށް އިސްތިއުފާ ދެއްވާނީ އަންނަ މަހުގެ 7 ވަނަ ދުވަހު ކަމަށާ، ޕާޓީގެ ލީޑާޝިޕަށް އާ ބޭފުޅަކު އިންތިހާބު ކުރެއްވެންދެކަށް ބޮޑުވަޒީރު ކަމުގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވާނެ ކަން ތެރޭސާ މޭ އިއުލާން ކުރެއްވީ ހުކުރު ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ.

މިހާތަނަށް ވަރުގަދަ 4 ފަރާތަކުން ވަނީ ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުކަމަށް ވާދަކުރެއްވުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އޭގެ ތެރޭގައި، ފޮރިން ސެކްރެޓަރީ ޖެރެމީ ހަންޓް، އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ސެކްރެޓަރީ ރޯރީ ސްޓުވާޓް، ކުރީގެ ފޮރިން ސެކްރެޓަރީ ބޯސް ޖޯންސަން އަދި ކުރީ ވާކް އެންޑް ޕެންޝަން ސެކްރެޓަރީ އެސްތާ މެކްވޭ ފާހަގަކޮށްލެވެއެވެ.

ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުކަމުގެ މަގާމަށް އާ ބޭފުޅަކު ހަމަޖެއްސުމުގެ ކަންކަން ކުރިއަށްދާނީ އެ މަގާމުން މޭ ވަކިވެވަޑައިގަންނަވާތާ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ކަމަށް މައުލޫމާތު ލިބެއެވެ.

އިނގިރޭސިވިލާތުގެ ކޮންޒަވޭޓިވް ޕާޓީގެ ލީޑާޝިޕާ ބޮޑުވަޒީރު ކަމުން ތެރޭސާ މޭ މި އިސްތިއުފާ ދެއްވަނީ، ވިލާތުގެ އިއްތިހާދު (އީޔޫ)ގެ މެންބަރުކަން ދޫކޮށްލުމަށް އިނގިރޭސިވިލާތުގައި ނެގި ހިޔާލު ހޯދުމުގެ (ބްރެގްޒިޓް) ވޯޓަށް ފަހު އަދިވެސް އެމައްސަލަ ކޮޅެއްގައި ނުޖެއްސި ދިގުލައިގެން ދިއުމުގެ ސަބަބުންނެވެ.

އިސްތިއުފާ ދެއްވަން ނިންމެވިކަން އިއުލާން ކުރައްވާ، ވާހަކަފުޅު ދައްކަވަމުން މޭ ވަނީ ބްރެގްޒިޓް ވޯޓުގައި އިނގިރޭސިވިލާތުގެ ރައްޔިތުން ނިންމި ނިމުމަށް އާ ލީޑަރުވެސް އިހުތިރާމް ކުރައްވާނެ ކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.