އިންޑިއާގެ 17 ވަނަ އާންމު އިންތިހާބަށްފަހު ބާރްތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ)އިން ވެރިކަމުގެ 2 ވަނަ ދައުރެއް ކަށަވަރުކުރުމާއެކު، އިންޑިއާއާއިއެކު ސުލްހައިގެ މަޝްވަރާތައް ފެށުމަށް ޝައުގުވެރިވާކަމުގެ ސިގުނަލެއް ޕާކިސްތާނުން ދީފިއެވެ.

ސުލްހައިގެ މަޝްވަރާތަކަށް ޕާކިސްތާނުން ދިއްކޮށްލި އަތާއެކު އެގައުމުންވަނީ އިންޑިއާއަށް އިންޒާރުގެ މެސެޖެއްވެސް ރައްދުކޮށްފައެވެ. އެގޮތުން އެއްގަމުގެ އެއްސަރަހައްދުން އަނެއް ސަރަހައްދަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ "ޝާހީން 2" މަރުކާގެ މިސައިލެއް ކާމިޔާބު ކަމާއެކު ތަމްރީނުތަކުގައި ޓެސްޓުކޮށްފައިވާކަން ޕާކިސްތާނުން ވަނީ އިއުލާންކޮށްފައެވެ. 1500 މޭލުގެ ރާސްތާއަކަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ "ޝާހީން 2" މަރުކާގެ މިސައިލްއަކީ ނިއުކްލިއާ ހަތިޔާރާ އަސްކަރީ ބަރު ހަތިޔާރު އުފުލުމުގެ ގާބިލުކަން ލިބިފައިވާ ވަރުގަދަ މިސައިލެކެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާއިން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، "ޝާހީން 2" މަރުކާގެ މިސައިލަކީ ސަރަހައްދީ ހަމަޖެހުން ގާއިމު ކުރުމަށް ޕާކިސްތާނަށް ކަށަވަރުކުރަންޖެހޭ ކަންކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހާސިލުކުރުމުގެ ގާބިލުކަން ލިއްބައިދޭ މިސައިލެއް ކަމަށެވެ. ނަމަވެސް މި ބަޔާނުގައި، މިސައިލްގެ އަމާޒަކީ އިންޑިއާ ކަމަށް އެއް ފަހަރުވެސް ސީދާ އިބާރާތުން ބުނެފައެއް ނުވެއެވެ.

ފާއިތުވީ ދޮޅު އަހަރެއްހާ ދުވަހަކީ ޒަމާންވީ ހަތުރުންގެ ގޮތުގައި އޮތް އިންޑިއާއާއި ޕާކިސްތާނުގެ ގުޅުންތައް އިންތިހާއަށް ހީނަރުވެގެން ދިޔަ ދުވަސްކޮޅެކެވެ. ނަމަވެސް ޕާކިސްތާނުގެ ބޮޑުވަޒީރު ކަމަށް އިމްރާން ހާން އިންތިހާބު ކުރެވުމާއެކު އިންޑިއާއިއެކު ސުލްހައިގެ މަޝްވަރާތައް ފެއްޓެވުމަށް ދޭތެރެ ދޭތެރެއިން އިޝާރާތްތައް ކުރައްވައެވެ. ނަމަވެސް ދެގައުމުގެ ގުޅުން އިތުރަށް ހޫނުވެގެން ދިއުމާއެކު، އިންޑިއާއާއިއެކު ސުލްހައި ގާއިމު ކުރުމުގެ އިތުރު މަސައްކަތެއް ކުރާނީ އިންޑިއާގެ އާންމު އިންތިހާބުގެ ކަންކަން ނިންމާ، އާސަރުކާރު އެކުލަވާލެވި ހަމަޖެހި ނިމުމުން ކަމަށް ޕާކިސްތާނުން ވަނީ ބުނެފައެވެ. ކަންމިހެންއޮތްއިރު، ޕާކިސްތާނާ އިންޑިއާގެ ސުލްހަ އެދެވޭ ރާސްތާއަކުން ކުރިއަށް ގެންދެވެން އޮތީ، އިންޑިއާގެ ވެރިކަމުގެ ދެވަނަ ދައުރެއް ބީޖޭޕީއިން ކަށަވަރުކޮށްގެން ކަމަށް ގަބޫލުފުޅު ކުރައްވާކަމަށް، ޕާކިސްތާނުގެ ބޮޑުވަޒީރު ވަނީ މީގެ މަހެއްހާ ދުވަސްކުރިން ވިދާޅުވެފައެވެ.