ލޭއަޅާ ކުއްޖެއް ލިބިދާނެތީ ޓެސްޓިއުބް ބޭބީއެއް ހޯދުން ހުއްދަ ނޫންކަން އަންގައިދޭ ދަލީލެއް އޮވޭތޯ؟

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ލޭ އަޅާ ކުއްޖަކު ލިބިދާނެތީ ޓެސްޓިއުބް ބޭބީ އެއް ހެދުން މަނާ ކުރަނީ މަޞާލިޙުލް މުރްސަލާގެ ދަށުންނެވެ. ތިރީގައި މިވަނީ މަޞާލިޙުލް މުރްސަލާ އާއި ބެހޭ މަޢްލޫމާތު ކޮޅެކެވެ.

މަޞާލިޙުލް މުރްސަލާ އާއި ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ކުރިން ބައެއް ކަހަލަ މުގައްދިމާ ތަކާއި ބެހޭ ގޮތުން ވާހަކަ ދައްކާލަން ޖެހެއެވެ.

ފުރަތަމަ މުގައްދިމާ: މަޞްލަޙަތުލް މުރްސަލާ އާއި ޝަރީޢަތާއި ހުރި ގުޅުން:

މަޞްލަޙަތުލް މުރްސަލާ އާއި ޝަރީޢަތާއި ހުރި ގުޅުން ބިނާވެގެން ވަނީ ގުޅިފައިވާ ހަތަރު ކަމެއްގެ މައްޗަށެވެ. އެއީ:

ފުރަތަމަ: ޝަރީޢަތް އައިސްފައިވަނީ ދުނިޔެ އާއި އާޚިރަތުގައި އަޅުތަކުންގެ މަޞްލަޙަތުތައް ޙިމާޔަތްކޮށް، ގެއްލުން ދެނިވި ކަންތަކުން ދުރުހެލި ކުރުވުމަށެވެ.

ދެވަނަ: މި ޝަރީޢަތުގައި އެއްވެސް މަޞްލަޙަތަކަށް އިހްމާލުވެފައެއް ނުވެއެވެ. އިންސާނުންނަށް ހެވެއް ލިބެން އޮތް ކޮންމެ ކަމެއް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ބަޔާން ކުރައްވާފައެވެ. އަދި އިންސާނުންނަށް ގެއްލުން ލިބެން ހުރި ކޮންމެ ކަމެއް ވަނީ ނަހީ ކުރައްވާފައެވެ.

ތިންވަނަ: އިސްވެ ބަޔާން ކުރެވުނު ކަންތައް އެނގުމުން ޝަރީޢަތާއި މަޞްލަޙަތުލް މުރްސަލާ އާއި ދެމެދުގައި ތަޢާރުޟެއް ނުވާކަން އެނގެއެވެ.

ހަތަރުވަނަ: އިސްވެ ބަޔާން ކުރެވުނު ކަންތައް އެނގިއްޖެނަމަ، ޝަރީޢަތުގައި އައިސްފައި ނުވާ މަޞްލަޙަތެއްގެ ވާހަކަ ދައްކާ މީހަކަށް ދެކަމުން ކުރެ ކަމެއް ލާޒިމް ވެގެން ވެއެވެ.

  1. އަޅުތަކުންނަށް ނޭނގުނު ނަމަވެސް އެކަމުގެ މަޞްލަޙަތު ޝަރީޢަތުގައި އައިސްފައިވެއެވެ.
  2. އިންސާނަކަށް ވަކި ކަމެއްގައި މަޞްލަޙަތެއް އޮތްކަމަށް ވިސްނުނު ކަމުގައިވީނަމަވެސް، އެއީ ޙަގީގީ މަޞްލަޙަތެއް ނޫނެވެ. ﷲ ޝަރްޢު ކުރައްވާފައިނުވާ، އެހެންނަމަވެސް ﷲ އަށް ކުއްތަންވުމުގެ ގޮތުން އަޅާ ކުރާ ބައެއް ޢަމަލުތަކަކީ އޭގެ ފައިދާ އަށް ވުރެ ގެއްލުން ބޮޑެތި ކަންތަކެވެ. މަންފާ ބޮޑު ކަމުގައިވީނަމަ ޝަރީޢަތުން އެކަން އިހްމާލެއް ނުކުރީހެވެ.

ދެވަނަ މުގައްދިމާ: މަޞްލަޙާގެ ބައިތައް:

  1. ޝަރީޢަތުގެ ފަރާތުން ފެހޮލައްވާފައިވާ މަޞްލަޙަތުތައް:އެއީ އިންސާނާގެ ކޮށި ވިސްނުމަށް އެކަމެއްގައި މަޞްލަޙަތެއް ވާކަމަށް ވިސްނޭ، އެހެންނަމަވެސް ޝަރީޢަތުގައި އެކަމެއް ފޮހެލެވި، އެކަން މަނާ ކުރާނެ ދަލީލުތައް އައިސްފައިވާ ކަންތަކެވެ. މިޘާލަކަށް ސައްޔިދު މީހާ އޭނާގެ އަޅު އަންހެނާ ޡިހާރުކޮށްފިނަމަ، އެކަމުގެ މަޞްލަޙަތު ހުރި ގޮތަކީ ސައްޔިދު މީހާ އަޅަކު މިނިވަން ކުރުމުގެ ބަދަލުގައި ވިދިވިދިގެން ދެމަސްދުވަހު ރޯދަ ހިފުމުން ކައްފާރާ ދިނުމެވެ. ސަބަބަކީ އަޅަކު މިނިވަން ކުރުމަކީ އޭނާ އަށް އުނދަގޫ ކަމަކަށް ނުވުމެވެ. ނަމަވެސް ޝަރީޢަތުގައި މިކަން އައިސްފައިވާ ގޮތަކީ ޡިހާރު ކުރި މީހާގެ ޞިފަ އަކަށް ބެލުމެއް ނެތި، ޡިހާރުކޮށްފި ކޮންމެ މީހަކުވެސް އަޅަކު މިނިވަން ކުރުމެވެ.
  2. ޝަރީޢަތުގައި އިޢްތިބާރު ކުރެވޭ މަޞްލަޙާ: އެއީ އެކަމެއް ކުރުމަށް ޝަރީޢަތުގައި ދަލީލު އައިސްފައިވާ ކަންތަކެވެ. މިޘާލަކަށް ވައްކަމުގެ ޙައްދު ގާއިމު ކުރެވޭނީ ފޮރުވާ ރައްކާކޮށްފައި ހުންނަ މުދަލަކުން ވައްކަން ކުރުމުންނެވެ.
  3. ސުކޫތުވެފައިވާ މަޞްލަޙާތައް: އެއީ އެކަމެއް އިޢްތިބާރު ކުރުމަށް ނުވަތަ ބާޠިލް ކުރުމަށް ގުރްއާނާއި ސުންނަތުން، އިޖްމާޢިން އަދި ގިޔާސުން ވަކި ޚާއްޞަ ދަލީލެއް އައިސްފައި ނުވާ ކަންތަކެވެ. އެހެންނަމަވެސް ޢާއްމު ދަލީލުތަކުން އެކަމަށް ދަލީލު ލިބެން ހުރި ކަންތަކެވެ. އަދިކިއެއްތަ، އެކަމަކީ ޝަރީޢަތް އެކަމެއް ފުރިހަމަ ކުރުމަށް ޓަކައި ބާވާލެއްވުނު މަގްޞަދުތައް ފުރިހަމަ ކުރުމަށް ޓަކައި ކޮންމެހެން ބޭނުންވާ ކަންތަކެވެ. މިފަދަ ކަންތަކަށް ކިޔޭ ނަމަކީ "މަޞާލިޙުލް މުރްސަލާ" އެވެ. މިޘާލަކަށް: ލިޔެކިޔުމުން ރަޖިސްޓަރީ ނުކުރާހާ ހިނދަކު ވިޔަފާރީގެ މިލްކުވެރިކަން ބަދަލު ނުވާ ގޮތަށް ކަނޑައެޅުން ފަދަ ކަންތަކެވެ.

މިފަދަ ކަންތަކަށް "މުރްސަލާ" އޭ ކިޔުނު ސަބަބަކީ: އެކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމަށް ކަނޑަ އެޅޭނެ ވަކި ޚާއްޞަ ދަލީލެއް އައިސްފައި ނުވުމެވެ.

މަޞްލަޙަތުލް މުރްސަލާގެ ތަޢުރީފް:

އެއީ ޝަރީޢަތުގައި އެކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމަށް ވަކި ޚާއްޞަ ދަލީލެއް އައިސްފައި ނުވާ ކަންތަކެވެ.

އިތުރު ތަފްޞީލު: ޝަރީޢަތުގައި ކަމެއް ކަނޑަ އަޅުއްވާފައިވާނަމަ އެކަމަކީ، އެކަމެއް ކުރުމުން އަޅުތަކުންނަށް މަންފާ ކުރުވަނިވި އަދި އެކަމެއް ނުކޮށް ދޫކޮށްލުމުން ގެއްލުންތަކަކުން ދުރުހެލި ކުރުވާ ކަމެކެވެ.މީސްތަކުންގެ މަޞްލަޙަތު ތަކަކީ ވަކި ވަރެއް ކަނޑައެޅިފައިވާ ކަމެއް ނޫނެވެ. އަދި ކިއެއްތަ އެކަމަކީ އެއީ މީސްތަކުން ދިރިއުޅޭ ވެށި ތަފާތުވުމުންނާއި، މީސްތަކުންގެ ޙާލަތު ތަފާތު ވުމުން ބަދަލު އަންނަ ކަންތަކެވެ. ޙުކުމެއް ތަޝްރީޢު ކުރުމުން ވަކި ޒަމާނެއްގައި ފައިދާ އެއް ކުރިނަމަވެސް އެހެން ޒަމާނެއްގައި ގެއްލުމެއް ވެދާނެއެވެ. އަދި އެއް ޒަމާނެއްގައިވެސް ވެށި ތަފާތު ވުމުން ފައިދާ އާއި ގެއްލުން ތަފާތުވެދެއެވެ. އެއް ގައުމެއްގެ ބަޔަކަށް އެކަމަކުން ފައިދާ ކުރާ އިރު، އަނެއް ގައުމެއްގެ ބަޔަކަށް ގެއްލުން ވެދާނެއެވެ.

މަޞާލިޙުލް މުރްސަލާގެ ބައިތައް:

ފުރަތަމަ: ޝަރީޢަތް ބާވާލައްވާފައިވަނީ އަޅުތަކުންގެ ކަންތައްތަކެއް ރައްކާތެރި ކޮށްދެއްވުމަށެވެ. އެގޮތުން މަޞާލިޙުލް މުރްސަލާ ފަސް ބަޔަކަށް ބެހިގެންވެއެވެ. އެއީ:

  1. ދީން ރައްކާތެރި ކުރުމަށް ޓަކައި އައިސްފައިވާ މަޞާލިޙްތައް.
  2. ނަފްސު ރައްކާތެރި ކުރުމަށް ޓަކައި އައިސްފައިވާ މަޞާލިޙްތައް.
  3. ބުއްދި ރައްކާތެރި ކުރުމަށް ޓަކައި އައިސްފައިވާ މަޞާލިޙްތައް.
  4. އަބުރު ރައްކާތެރި ކުރުމަށް ޓަކައި އައިސްފައިވާ މަޞާލިޙްތައް.
  5. މުދާ ރައްކާތެރި ކުރުމަށް ޓަކައި އައިސްފައިވާ މަޞާލިޙްތައް.

ދެވަނަ: މަޞްލަޙަތުގެ ވަރުގަދަ ކަމަށް ބަލައި، މަޞާލިޙުލް މުރްސަލާ ތިން ބަޔަކަށް ބެހިގެން ވެއެވެ.

ފުރަތަމަ ބައި: ޟަރޫރީ މަޞްލަޙަތުތައް: އެއީ ޟަރޫރީ ކަންތައްތަކެއް ފުރިހަމަކޮށް ދެއްވުމަށް ޓަކައި އައިސްފައިވާ މަޞާލިޙްތައް، އެގޮތުން މި މަޞްލަޙަތު ދޫކޮށްލައިފިނަމަ، އަޅުތަކުންނަށް ބޭނުންވާނެ އެތައް ޟަރޫރީ ކަންތައްތަކެއް ގެއްލިގެން ހިނގައިދާނެފަދަ މަޞާލިޙްތައް.

ދެވަނަ ބައި: ޙާޖަތުގެ މަޞްލަޙަތުތައް: އެއީ ޙާޖަތެއް ފުއްދުމަށް ޓަކައި އައިސްފައިވާ މަޞްލަޙަތު ތަކެވެ. ޟަރޫރީ ކަންތަކަކު ނޫނެވެ. މި މަޞްލަޙަތުގެ ސަބަބުން މީސްތަކުންނަށް ކަންތައްތަކެއް ފަސޭހަވެ، މަންފާތަކެއް ލިބިގެން ދެއެވެ. މިކަމުގައި އެއްވެސް ޟަރޫރީ ކަމެއް ހިމެނިގެން ނުވެއެވެ.

ތިންވަނަ ބައި: ތަހްސީނީ މަޞްލަޙަތުތައް: އެއީ ޟަރޫރީވެސް ނޫން އަދި ޙާޖަތް ވެސް ނޫން މަޞްލަޙަތު ތަކެވެ. ނަމަވެސް އެއީ މަކާރިމުލް އަޚްލާގުގެ މަތިން އަދި ރިވެތި މަންހަޖުގައި ހިފެހެއްޓުމުގެ ގޮތުން އައިސްފައިވާ މަޞްލަޙަތު ތަކެވެ.

މަޞްލަޙަތުލް މުރްސަލާގެ ޟަވާބިޠުތައް:

  1. އެ މަޞްލަޙަތަކީ ނައްޞަކާއި ނުވަތަ އިޖްމާޢަކާއި ފުށޫނާރާ ކަންތަކެވެ.
  2. އެ މަޞްލަޙަތެއް އައިސްފައިވަނީ ކަމެއްގެ ރައްކާތެރިކަން ހޯދައިދިނުމަށް ޓަކައި ކަމުގައިވުން.
  3. ޝަރީޢަތުން ވަކި ގޮތަކަށް ޙުކުމް ކަނޑައެޅިފައިވާ ކަމެއްގައި މަޞާލިޙުލް މުރްސަލާ ހޯދަން ނޫޅުން.
  4. އެއާއި އެއްވަރުގެ ނުވަތަ އެއަށް ވުރެ މަޞްލަޙަތާއި ފައިދާ ބޮޑު ކަމަކާ ފުށޫ ނޭރުން.
  5. އެކަމަކުން ޙާޞިލް ކުރަން ބޭނުންވާ މަޞްލަހަތަކީ ޙަގީގީ މަޞްލަޙަތެއް ކަމުގައިވުން، ޚިޔާލީ މަޞްލަޙަތަކަށް ނުވުން. މާނައަކީ އެކަމަކުން އަޅުތަކުންނަށް ފައިދާ އެއް ލިބި އަދި ގެއްލުމަކުން ސަލާމަތް ވެވުން.
  6. އެކަމެއްގައި އެކުލެވިގެންވާ މަޞްލަޙަތަކީ ޢާއްމު މަޞްލަޙަތަކަށްވުން، ވަކި ފަރްދެއްގެ ޚާއްޞަ މަޞްލަޙަތެއް އެކުލެވިފައިވަ ކަމަކަށް ނުވުން.

މަޞާލިޙުލް މުރްސަލާ އަކީ ޙުއްޖަތެއްތޯ ނުވަތަ ނޫންތޯ؟

ޖުމްހޫރު ޢިލްމުވެރިންގެ ގާތުގައި މަޞްލަޙަތުލް މުރްސަލާ އަކީ ޝަރީޢަތުގެ ޙުކުމްތައް އެކަމެއްގެ މައްޗަށް ކަނޑަ އެޅޭ ފަދަ ޝަރްޢީ ޙުއްޖަތެކެވެ. ނައްޞަކުން ނުވަތަ އިޖްމާޢަކުން ނުވަތަ ގިޔާސަކުން ނުވަތަ އިސްތިޙްސާނަކުން ދަލީލެއް ލިބެން ނެތްކަންތައް ތަކުގައި އެކަމެއްގެ މަޞާލިޙުލް މުރްސަލާ އަށް ބަލާ ޙުކުމް ކަނޑައެޅޭނެއެވެ.

މަޞާލިޙުލް މުރްސަލާ އަކީ ޙުއްޖަތެއް ކަމުގައި ވިދާޅުވާ ޖުމްހޫރު ޢިލްމުވެރިންގެ ދަލީލުތައް:

  1. މީސްތަކުންގެ މަޞްލަޙަތު ތަކަކީ އާވަމުން ދާނެ ކަންތައްތަކެވެ. އަދި އެއީ ނިމުމެއް ނުވާ ކަންތަކެވެ. ޝަރީޢަތުގައި ވަކި ގޮތަކަށް ޙުކުމް ކަނޑައެޅިފައި ނުވާނަމަ މީސްތަކުންގެ މަޞާލިޙްތައް ވެސް އާވަމަކުން ނުދާނެއެވެ. ޝަރީޢަތުގައި ކަނޑައެޅިފައިވާ މަޞްލަޙަތުތަކަށް އެކަނި ބަލައިފިނަމަ މީސްތަކުންގެ ގިނަ މަޞްލަޙަތުތަކެއް ގެއްލިގެން ހިނގައިދާނެއެވެ. މިއީ ޝަރީޢަތުގައި ކަނޑައެޅިފައިވާ އަސާސެއް ކަމުގައިވާ މީސްތަކުންގެ މަޞްލަޙަތުތައް ރައްކާތެރި ކޮށް ދިނުމާއި ފުށޫ އަރާ ކަމެކެވެ.
  2. ޞަޙާބީންނާއި ތާބިޢީން، އަދި އުއްމަތުގެ މުޖްތަހިދުންގެ ތަޝްރީޢާތުތަކަށް ބަލައިފިނަމަ، މީސްތަކުންގެ މަޞްލަޙަތަށް ޓަކައި އެތައް ކަމެއް ކަނޑަ އަޅުއްވާފައިވާކަން އެނގެއެވެ. މިޘާލަކަށް ޒަކާތް ދިނުމުން މަނާވެގަތް މީހުންނާއި ދެކޮޅަށް އަބޫބަކުރުއްޞިއްދީގް ރަޟިޔަﷲ ޢަންހު ކުރެއްވި ހަނގުރާމަ ހިމެނެއެވެ. އަދި ޢުމަރު ރަޟިޔަﷲ ޢަންހުގެ ޒަމާނުގައި އަލަށް އިސްލާމްވާ މީހުންނަށް ޒަކާތުގެ ފައިސާ އިން ލިބިދޭ ޙައްގު ހުއްޓަވާ ލެއްވުން ހިމެނިގެންވެއެވެ.
  3. މަޞްލަޙަތަކީ ޝަރީޢަތުގެ މަގާޞިދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިކަން އެނގެނީ ދަލީލުތަކެއްގެ މައްޗަށް ބިނާކޮށެވެ. އަދި ޙާލަތު ނިޔާ ކުރާ ގޮތުން ލިބެން ހުރި ގަރީނާ ތަކާއި ގުޅިގެންނެވެ. މިފަދަ ކަންތަކަށް ކިޔެނީ މަޞްލަޙަތުލް މުރްސަލާ އެވެ. ގިޔާސެއް ނޫނެވެ. ސަބަބަކީ ގިޔާސަކީ ވަކިކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެކެވެ.

މަޞާލިޙުލް މުރްސަލާ އަކީ ޙުއްޖަތެއް ނޫން ކަމުގައި ވިދާޅުވާ ޢިލްމުވެރިންގެ ދަލީލުތައް:

މަޞްލަޙަތުލް މުރްސަލާ އަކީ ޙުއްޖަތެއް ނޫނެވެ. މީސްތަކުން އެފަދަ ކަންތަކުން ދުރުހެލި ކުރުވުމަށް ޓަކައި އެންމެ މަޞްލަޙަތު ބޮޑު ގޮތަކީ ވައްކަން ކުރާ މީހާ ނުވަތަ ރާބޯ މީހާގެ މައްޗަށް މަރުގެ އަދަބު ދިނުން ކަމުގައިވީނަމަވެސް އެކަން އެގޮތަށް އައިސްފައި ނުވެއެވެ.

މުލާޙަޡާ:

މަޞްލަޙަތުލް މުރްސަލާގެ މައްޗަށް ބިނާވެގެން ކަނޑައެޅޭ ޙުކުމަކީ ޝަރްޢީ ހުކުމެއް ނޫނެވެ. އެކަމުގެ ސަބަބުން ކަމެއް ވާޖިބެއްވެސް ނުވާނެއެވެ. އަދި ކަމެއް ޙަރާމެއްވެސް ނުވާނެއެވެ. ނަމަވެސް އެއީ ވަޟްޢީ ޙުކުމް ތަކެކެވެ. ޝަރްޢީ ހަމަތަކުގެ މަތިން ޢައްޔަން ކުރެވިފައިވާ ކިޔަމަންގަތުން ވާޖިބު ވެރިޔަކު ވަކި ގޮތަކަށް ކަމެއް ކުރަން އެންގުމުން ޙާކިމާ އަށް ތަބަޢަ ވުމުގެ ގޮތުން ކިޔަމަން ގަންފި މީހާ އަށް ޘަވާބު ލިބޭނެއެވެ. އަދި އެކަމެއް ނުކޮށްފިނަމަ މީސްތަކުންގެ ތެރޭގައި ހަމަނުޖެހުން އުފެދި ގެއްލުންތަކެއް ލިބިދާނެ ކަމަށް ބިރު ހީވާނަމަ، ޙާކިމާ އަށް ކިޔަމަންވާން ޖެހޭނެއެވެ. މިޘާލަކަށް ޓްރެފިކްގެ ގާނޫނުތައް، މިފަދަ ގާނޫނުތައް ހެދިފައިވަނީ އެންމެންގެ މަޞްލަޙަތަށް ކަމަށް ވުމުން އެޔަށް ކިޔަމަންތެރިވާން ޖެހޭނެއެވެ.

މަޞްލަޙަތުލް މުރްސަލާ އާއި ބިދުޢަ އާއި ހުރި ތަފާތު:

ފުރަތަމަ: ބިދްޢަ ވަންނާނީ އިންސާނާގެ ސިކުނޑިން އެކަމެއްގެ މާނަ ނުވަތަ ޙިކްމަތް ނުވިސްނޭ ވަކި ގޮތަކަށް ކުރުމަށް އަމުރު ކުރައްވާފައިވާ އަޅުކަމުގެ ކަންތަކުގައެވެ. ނަމަވެސް މަޞްލަޙަތުލް މުރްސަލާ އަކީ މީސްތަކުންނަށް އޭގެ ޙިކްމަތް ވިސްނޭ މުޢާމަލާތާއި ގުޅިފައިވާ ކަންތައް ތަކެވެ.

ދެވަނަ: ބިދުޢަ ވަނީ މަގާޞިދުއް ޝަރީޢާ ގައެވެ. ނަމަވެސް މަޞްލަޙަތުލް މުރްސަލާ އަކީ އެމަގާޞިދުތައް ފުރިހަމަ ކުރުމަށްޓަކައި އޮތް ވަސީލަތެކެވެ. واللهأعلم