ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދައްކަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އަންނަ އާދީއްތަ ދުވަހު ހުޅުވާލާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެހެން އަހަރުތަކޭ އެއްގޮތަށް މި އަހަރުވެސް ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދެއްކުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު، އަންނަ އާދިއްތަ ދުވަހުން ފެށިގެން އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ދައްކާނީ ރޯދަ މަހު އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް 2.4 ކިލޯ ގެ މިންވަރެވެ. މާލެ ސިޓީގައި ގޮވާމުން ފިތުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އަރަބިއްޔާ ސްކޫލުގެ ހޯލުގައެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވަނީ އާދައިގެ ހަނޑޫ، ތައިލެންޑް ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ، ގޮދަން ފުށް އަދި އާޓާ ފުށެވެ. ގޮވާމުން ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން 12:00 އަށް އަދި މެންދުރުފަހު 1:00 އިން 2:30 އަށް އަދި ރޭގަނޑު 8:30 އިން 10:30 އަށެވެ.

އިސްލާމިކް މިނިސްޓްރީގެ ތަފާސް ހިސާބުތައްދައްކާ ގޮތުން، ރޯދަ މަހުގެ 16 ވަނަ ދުވަހާ ހަމައަށް 1.6 މިލިއަން ރުފިޔާ ވަނީ ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައެވެ.