ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނުހައްގުން ވަޒީފާއިން ވަކިކުރާ މީހުންގެ ދަފްތަރެއް އެކުލަވާލާ، ޕީޕީއެމް/ޕީއެންސީ ސަރުކާރެއްގައި މުސާރައާއެކު ވަޒީފާ އިއާދަކުރުމަށް ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.

ރޭ ކުއްލިގޮތަކަށް ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު ވިދާޅުވީ މިހާރަކަށް އައިސް އެންމެ ގިނަ އިން އަޑުއިވެނީ ނުހައްގުން މީހުން ވަޒީފާއިން ވަކިކުރާ ވާހަކަ ކަމަށާއި، އެ މީހުންނަށް އިންސާފު ހޯދައިދޭން ބޭނުންވާ ކަމަށެވެ. އަދި ދަފްތަރެއް އެކުލަވައިލަން ނިންމީ، ވަޒީފާގެ ބިރުވެރިކަމާ ގުޅޭ ގޮތުން ހުށަހަޅާ ޝަކުވާތަކާ މެދު މަޝްވަރާ ކުރުމަށް ފަހު ކަމަށާއި، ދަފްތަރުގައި ނޯޓު ކުރުމުގެ ފުރުސަތު އަންނަ ހަފުތާގައި ހުޅުވާލާނެ ކަމަށް ސުޖާއު ވިދާޅުވިއެވެ.

"ވަޒީފާއިން ވަކިކުރާ ފަރާތްތަކަށް ޕީއެންސީ އާއި ޕީޕީއެމްގެ ލީގަލް ޓީމުން އެހީތެރިކަން ފޯރުކޮށްދޭނެ. ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ވާނަމަ، ޓްރައިބިއުނަލްއަށް ގޮސްގެން ވަކާލާތުކޮށްދޭނެ. އެހެންނަމަވެސް ޓްރައިބުއުނަލްއަށް މައްސަލަ ލާނީ ވަޒީފާއިން ވަކިކުރާ މީހާ ބޭނުންވާ ނަމަ. ދަފްތަރު ހެދުމުގެ މައިގަނޑު މަގުސަދަކީ މިވެރިކަން ނިމޭއިރު ވަޒީފާއިން މީހުން ކެނޑުމުގެ ކިހާވަރެއްގެ ރިކޯޑެއް ހާސިލްކޮށްފައިވާ މިންވަރު ބެލުން"
ސުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ތިޔާގިކަން ގެނުވި ފަސް އަހަރު ކަން ރައްޔިތުން ގަބޫލުކުރާނެ ކަމަށެވެ. ނަމަވެސް މި ސަރުކާރުން ވެރިކަމާ ހަވާލުވެ، މިދިޔަ ހަ މަސް ތެރޭގައި ގިނަ އަދަދެއްގެ މީހުން ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށެވެ. އަދި މިހާތަނަށް ޕީޕީއެމާއި ޕީއެންސީ އަށް ލިބިފައިވަނީ މީހުން ވަޒީފާއިން ވަކިކުރުމުގެ ޝަކުވާކަމަށް އޭނާ ވިދާޅުވިއެވެ.

"ޕީޕީއެމްގެ ސަރުކާރުން އުފެއްދި ވަޒީފާތަކުންނާއި އެ ނޫން ވެސް ސަރުކާރުގެ މަގާމްތަކުން ވަކިކޮށް، ޒުވާނުން ބިކަ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. އެކަމަށް ހައްލު ހޯދަން މަސައްކަތް ކުރަމުން މިދަނީ. މި ސަރުކާރުން، މީހުން ވަޒީފާ އިން ވަކިކުރަނީ އުފެދިފައި ހުންނަ މަގާމްތައް އުވާލައިގެން"
ސުޖާައު ވިދާޅުވިއެވެ.

ސުޖާއު ވިދާޅުވީ ވަޒީފާ އިން ވަކިކުރާ މީހުންގެ ދަފްތަރު ބެލެހެއްޓުމަށް ހާއްސަ އެޕްލިކޭޝަން ފޯމެއް އަންނަ ހަފުތާގައި ތައާރަފްކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެ ފޯމު ލިބޭނީ ޕީއެންސީގެ އޮފީހުން އެކަނި ކަމަށާއި އޭގައިވާ މައުލޫމާތު ފުރިހަމަ ކުރުމުން ދަފްތަރުގައި ރަޖިސްޓަރީވާނެ ކަމަށެވެ.

ޕީއެންސީން 2023 ވަނަ އަހަރު ވެރިކަމަށް އަންނާނެކަމަށް އެ ޕާޓީން ބުނަމުން އަންނަ ވާހަކަ ރޭ ސުޖާއު ވަނީ ތަކުރާރު ކުރައްވާފައެވެ. އޭނާ ވިދާޅުވީ ވެރިކަމަށް އައުމަށްފަހު، މި ސަރުކާރުން ނުހައްގުން ވަޒީފާއިން ވަކިކުރި ހުރިހާ ފަރާތްތަކަށް ވެރިކަމުގެ 48 ގަޑިއިރު ތެރޭގައި މުސާރައާ އެކު ވަޒީފާ ދޭނެ ކަމަށެވެ.

"ﷲގެ ރަހުމަތާ އެކު 2023 ގައި ވެރިކަމަށް އައިސް އަޅުގަނޑުމެން ސަރުކާރުން އުފެދޭތާ 48 ގަޑިއިރު ތެރޭގައި އަޅުގަނޑުމެން އެންމެ އިސްކަމެއް ދޭނީ ވަޒީފާއިން ނުހައްގުން ވަކި ކުރި ހުރިހާ ބޭފުޅުންނަށް އެބޭފުޅުން ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން މުސާރައާ އެކު އެވަޒީފާއެއް އިޔާދަކޮށްދިނުން"
ސުޖާއު ވިދާޅުވިއެވެ.

ވަޒީފާއިން ވަކިކުރާ މީހުންގެ ދަފްތަރެއް އެކުލަވާލަން ޕީޕީއެމް/ޕީއެންސީން ނިންމާފައިވާ އިރު ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގެ ފަހު ދުވަސްކޮޅު، ހައުސިން ޑިވަލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ވަޒީފާއަށް ނެގި 148 މުވައްޒަފަކު ވަކިކުރަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެެވެ. މީގެ އިތުުރުން ދައުލަތުގެ މީޑިއާ ހިންގާ ޕީއެސްއެމުން ވެސް ބައެއް މުވައްޒަފުން ވަކިކުރާނެކަމަށް ވަނީ ބުނެފައެވެ.