އައިޖީއެމްއެޗުން ދެމުން އައި ކުޑަކުދިންގެ ހާއްސަ ބަލިތަކަށާއި އެތެރެހަށީގެ ހާއްސަ ބަލިތަކުގެ އޯޕީޑީގެ ހިދުމަތް ދަރުމަވަންތަ ހޮސްޕިޓަލުން ދޭ ގޮތަށް ހަމަޖައްސައިފިއެވެ.

އައިޖީއެމްއެޗުން ބުނީ، މި ހިދުމަތްތައް ދޭނީ މާދަމާއިން ފެށިގެން 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލުގެ ދެ ވަނަ ފަންގިފިލާއިންނެވެ.

އެ ދެ ހިދުމަތް ދަރުމަވަންތަ ހޮސްޕިޓަލުގެ އިމާރާތަށް ބަދަލު ކުރަން އައިޖީއެމްއެޗުން ނިންމާފައިވާއިރު މިހާރު އެ ހޮސްޕިޓަލުން ދެމުން ދާ ހިދުމަތްތަކުގެ ތެރޭގައި ފިޒިއޮތެރަޕީ އާއި ސްޕީޗްތެރަޕީ ހިމެނެއެވެ. ފިސިއޮތެރަޕީގެ ހިދުމަތް ހަތަރުވަނަ ފަންގިފިލާއިން ދޭއިރު ސްޕީޗްތެރަޕީގެ ހިދުމަތް ދެނީ ފަސްވަނަ ފަންގިފިލާއިންނެވެ.

އާ އިމާރާތް ޑިޒައިން ކޮށްފައި ވަނީ، އައިޖީއެމްއެޗުގައި އިމަޖެންސީ ފަރުވާދޭ ޑިޕާމްޓްމަންޓުން ނުކުމެގެން ގޮސް ދަރުމަވަންތަ ހޮސްޕިޓަލަށް ވަދެވޭ ގޮތަށެވެ. ދަރުމަވަންތަ ހޮސްޕިޓަލަކީ 500 އެނދުގެ ހޮސްޕިޓަލަކެވެ. އެ އިމާރާތަށް ދައުލަތުގެ ބަޖެޓުން 2.1 ބިލިޔަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.