ޑެންގީ އަދި ޗިކުންގުންޔާ ޖެހޭ މިންވަރު އަދިވެސް އިތުރުވަމުން ދާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

ކޮންމެ ހަފްތާއަކު އެއްފަހަރު އެ އެޖެންސީން އާންމުކުރާ ތަފާސް ހިސާބުތަކަށް ބަލާއިރު، ޑެންގީ އަދި ޗިކުންގުންޔާ ޖެހޭ މިންވަރު އަދި ރިޕޯޓްކޮށްފައިވާ މިންވަރު ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ ހަފްތާގައި އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، މި މަހުގެ ޑެންގީ ޖެހުނު މީހުންގެ އަދަދަކީ 176 ކެވެ. ނަމަވެސް މި ހަފްތާގައި އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މި އަދަދު ވަނީ 281 އިތުރުވެފައެވެ.

އެޗްޕީއޭއީން ބުނީ މިއަހަރުގެ މިހާތަނަށް 2207 ޑެންގީ ކޭސް ރިޕޯޓްކޮށްފައިވާ އިރު، ވޭތުވެދިިޔަ ތިން އަހަރުގެ މި ދުވަސްވަރާ އަޅާބަލާ އިރު، މިއަހަރުގެ މި ދުވަސްވަރު ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރަމުންދާ އަދަދު އަދިވެސް އިތުރު ކަމަށެވެ. މި މަހުގެ ޑެންގީ ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ހދ، ނ، ރ އަދި ބ އަތޮޅުންނެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ޗިކުންގުންޔާ ޖެހޭ މިންވަރު ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ ހަފްތާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް ޗިކުންގުންޔާ ޖެހިގެން ރިޕޯޓްކޮށްފައިވަނީ 83 މީހެކެވެ. ނަމަވެސް މިއަދުގެ ނިޔަލަށް މި އަދަދު ވަނީ 221 އަށް އަރާފައެވެ.

ޗިކުންގުންޔާ ޖެހިގެން މިއަހަރުގެ މިހާތަނަށް 1064 ކޭސް ރިޕޯޓްކޮށްފައިވެއެވެ. އެޗްޕީއޭއިން ބުނީ މިއަހަރުގެ ޖެނުއަރީން ފެށިގެން މި މަހުގެ މިއަދާ ހަމައަށް ޗިކުންގުންޔާގެ ކޭސްތައް އިތުރުވަމުން އަންނަ ކަމަށެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާ އިރު، ޗިކުންގުންޔާ ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ރ، ތ އަދި ގއ އަތޮޅުންނެވެ.