ޓެރަރިޒަމްގެ ނުރައްކާތަކުން ސަލާމަތްވެ ތިބުމަށް ރައްޔިތުންގެ އެއްބާރުލުން މުހިންމު ކަމަށް ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓާ (އެންސީޓީސީ) އިން ބުނެފިއެވެ.
އެންސީޓީސީން ބުނީ، ޓެރަރިޒަމްގެ ނުރައްކާތަކުން ސަލާމަތްވެ ރާއްޖޭގެ ކްރިޓިކަލް އިންފްރާންސްޓްރަކްޗާ ތަކާއި މުދަލާއި ފަރުދުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަލާމަތީ ހިދުމަތްތައް ގުޅިގެން ކުރާ މަސައްކަތުގައި ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން މުހިންމު ކަމަށެވެ.
ފުލުހުންނާއި ސިފައިން ގުޅިގެން ޓެރަރިޒަމްގެ ނުރައްކާތަކަށް ހުށިޔާރުވެ ހުނަރުވެރިކަމާއި އެކު ރެސްޕޮންޑް ކުރަންޖެހޭ ހާލަތްތަކުގައި ހަރަކާތްތެރިވުމުގެ ގާބިލްކަން އިތުރު ކުރުމުގެ ގޮތުން ރޭ 22:00 އިން ފެށިގެން މާދަމާ ހެނދުނު 6:00 އާ ހަމައަށް ހާއްސަ ފަރިތަކުރުންތަކެއް ދަނީ ބާއްވަމުންނެވެ. މި ފަރިތަކުރުންތައް ބާއްވަނީ ރާއްޖޭގައި ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެއް ހިންގަން އުޅޭތީ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ވާހަކަތަކެއް ފެތުރެމުންނެވެ. ނަމަވެސް، އެމްއެންޑީއެފާއި ފުލުހުން ވެސް ދަނީ، މި ފަރިތަކުރުންތަކަކީ އެފަދަ އެއްވެސް ކަމަކާއި ގުޅިގެން ހިންގާ ފަރިތަކުރުންތަކެއް ނޫން ކަމަށް ބުނަމުންނެވެ.
މިދިޔަ އެޕްރީލް މަހު 21 ވަނަ ދުވަހު ސްރީލަންކާގައި ދިން ޓެރަރިސްޓް ހަމަލާ އާ ގުޅިގެން އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދަނީ ސިލްސިލާ ފަރިތަކުރުންތަކެއް ކަމަށް އެފަރާތްތަކުން ބުނެއެވެ. ރޭ މި ސިލްސިލާގެ ދެވަނަ ތަމްރީންތައް ފެށުނު އިރު، ފުރަތަމަ ފަރިތަކުރުން ބޭއްވީ މިމަހު ފަސް ވަނަ ދުވަހުއެވެ. ފުލުހުން ބުނީ މިއީ 'މަލްޓި އޭޖެންސީ ކޯޑިނޭޝަން' ރަނގަޅު ކުރުމަށް ބާއްވާ ފަރިތަކުރުން ތަކެއް ކަމަށެވެ. އަދި މި ތަމްރީނުތަކަކީ 2019-2024 އަށް މޯލްޑިވްސް ޕޮލިސް ސާވިސަސް އަށް އެކުލަވާލެވުނު ސްޓްރެޓެޖިކް ޕްލޭންގެ ޕްރައޯރިޓީ އެއް ކަމަށްވާ 'އޮޕަރޭޝަން ރެޑީނެސް' ގެ ދަށުން ކުރަން އިސްކަންދީފައިވާ ކަމެއް ކަމަށެވެ.
މި ތަމްރީނުތަކަކީ އާންމު ތަމްރީނުތަކެއް ކަމުގައި ވިޔަސް، އެއްވެސް ހާލަތެއްގައި ޝައްކުވާ ޒާތުގެ ކަމެއް ހިނގާނަމަ އެންސީޓީސީގެ ހިލޭ ގުޅޭ ނަންބަރު، 1615 އަށް ނުވަތަ ފުލުހުންގެ ހިލޭ ގުޅެ ނަންބަރު 119 އަށް ގުޅާ މައުލޫމާތު ހިއްސާކުރުމަށް އެންސީޓީސީ، އެމްއެންޑީއެފް އަދި ފުލުހުން ދަނީ އިލްތިމާސް ކުރަމުންނެވެ.