އިނގިރޭސިވިލާގެ ސެލެބްރިޓީ ބޮޑު ކައްކާ ޖޭމީ އޮލިވާ ބަނގުރޫޓުވެ އިނދަޖެހުމުގެ ސަބަބުން އެތައް ސަތޭކަ ބައެއްގެ ވަޒީފާ ނުރައްކަލުގެ ހަވާސާއަށް އަރައިފިއެވެ.

ޖޭމީ އޮލިވާ ގުރޫޕުގެ ނަމުގައި އޭނާ ހިންގާ ކެއްކުމުގެ ވިޔަފާރިއަށް މާލީ މައްސަލަތަކެއް ކުރިމަތިވަމުންދާތާ އަހަރުތަކެއް ވަނީ ވެފައެވެ. ނަމަވެސް މުޅިން ބަނގުރޫޓުވެ "ކުށްލި ހާލަތަށް"އައިސްފައިވާއިރު އެކަމާ އިންތިހާއަށް ހިތާމަ ކުރާކަން ޖޭމީ އޮލިވަނީ ހާމަކޮށްފައެވެ.

އޭނާ ކުރި ޓުވީޓެއްގައި ޖޭމީ އޮލިވާވަނީ ފާއިތުވީ ދުވަސްތަކުގައި އޭނާއަށް އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށްވެސް ޝުކުރު އަދާކޮށްފައެވެ.

ވިލާތުގެ އެކި ހިސާބުތަކުގައި ޖޭމީ އޮލިވާގެ ރެސްޓޯރަންޓްތައް ހިންގަމުންދާއިރު، މިހާރު ބައެއް ތަންތަނުގައި ހުރީ ބަންދު ބޯޑު އަޅުވާފައެވެ. ނަމަވެސް އޭނާގެ ކުންފުނިން ބުނީ ވިޔަފާރީގެ މަސައްކަތްތައް އަދިވެސް ކުރިއަށްދާކަމަށެވެ.

ދިވެހިންގެ މެދުގައިވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ، އުމުރުން 43 އަހަރުގެ ޖޭމީ އޮލިވާ އެންމެ ފުރަތަމ މީހުންގެ ސަމާލުކަމަށް އައީ 1999 ވަނަ އަހަރުގެ ޓީވީ ޕްރޮގްރާމް "ދަ ނޭކަޑް ޝެފް" އިންނެވެ.

ޖޭމީ އޮލިވާއަކީ އާދަޔާ ހިލާފަށް ބަރުހެލިވެގެން ދިއުން ނުވަތަ އޮބީސިޓީއާއި ދެކޮޅަށް ސިޔާސީ ފެންވަރުގައި ވަކާލާތު ކުރަމުންދިޔަ ޝެފެކެވެ. އެގޮތުން އޭނާ ވަނީ ސްކޫލްތަކުން ފޯރުކޮށްދޭ ކާނާއަކީ ކުދިންގެ ސިއްހަތާ އެކަށީގެންވާ ކާނާކަމުގައި ހެދުމަށް އިނގިރޭސިވިލާތުގެ ސަރުކާރަށް ތަކުރާރުކޮށް ފިއްތުންތައް ކުރިމަތިކޮށްފައެވެ.