ބުރުގާ ނާޅާ އަންހެނާގެ އެއްވެސް އަޅުކަމެއް ގަބޫލުކުރަށްވާނެތޯ؟ އަދި ފިރިމީހާ ވެސް އެކަމާ މާބޮޑަށް އަޅާނުލާ އެއީ އޭނާގެ އަމިއްލަ ކަމެކޭ ބުނެފަ ހުރުމުން މިކަމުގައި ފިރިމީހާގެ އަޒާބަކީ ކޮބާ؟

بــســــــــــــــم اللّـه. الحمد للّـه وحده والصلاة والسلام على من لا نبي بعده.

މުއުމިނު އަންހެނާ އޭނާގެ އައުރަ ނިވާކުރުމަކީ ވާޖިބެއްކަން ދީނުގެ ހުރިހާ ޢިލްމުވެރިން އިއްތިފާޤުވެލައްވައެވެ. މާތް ﷲ ވަޙީ ކުރައްވަނީ ( يَا أَيُّهَا النَّبِيُّ قُل لِّأَزْوَاجِكَ وَبَنَاتِكَ وَنِسَاءِ الْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِن جَلابِيبِهِنَّ ذَلِكَ أَدْنَى أَن يُعْرَفْنَ فَلا يُؤْذَيْنَ....) އަލްއަޙްޛާބު 59. މާނައީ: " އޭ ނަބިއްޔާއެވެ! ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި، ކަލޭގެފާނުގެ ދަރިދަރިކަނބަލުންނާއި، މުއުމިނުންގެ އަންހެނުން، އެކަނބަލުންގެ ފޭރާންތަކުން (ޖިލްބާބުތަކުން) ނިވައިވެ ތިބުމަށް ކަލޭގެފާނު އެކަނބަލުންނަށް ވިދާޅުވާށެވެ. އެކަނބަލުންނަކީ މުއުމިނު ޢިއްފަތްތެރި އަންހެނުންކަން އެނގިގެންވުމަށާއި ފާސިޤުންގެ ކިބައިން އެކަނބަލުންނަށް އުނދަގޫ ނުލިބުމަށް އެގޮތް މާ ގާތްކަން ބޮޑެވެ."

މިގޮތުން މުއުމިނު އަންހެނާގެ މޫނާއި ދެ އަތްތިލަ ނޫން އެހެން ހުރިހާ ތަނެއް ނިވާކޮށް ފޮރުވުމަށް ހުރިހާ ޢިލްމުވެރިންވެސް އިއްތިފާޤުވެލައްވައެވެ. ހިޔާލުތަފާތު ވެފައިވަނީ މޫނު ނިވާ ކުރުމާ މެދުގައެވެ. ބައެއް ޢިލްމުވެރިން މޫނު ނިވާކުރުން ވާޖިބު ކުރައްވާއިރު، ބައެއް ޢިލްމުވެރިން ވާޖިބެއްކަމަށް ދެކިވަޑައިނުގަންނަވައެވެ. އަދި ވާޖިބެއްކަމަށް ދެކިވަޑައިނުގަންނަވާ ޢިލްމުވެރިންވެސް ފިތުނަވެރި ޙާލަތްތަކުގައި މޫނު ނިވާ ކުރަންޖެހޭނެކަމަށް ވިދާޅުވެއެވެ. ކޮންމެއަކަސް މޫނުނިވާކުރުމަކީވެސް ދީނުގެތެރެއިން ވާކަމެއްކަމާމެދު ހުރިހާ ޢިލްމުވެރިންވެސް އެއްބަސްވެލައްވައެވެ. ވީމާ، މުއުމިނު އަންހެނުންނަށް އޮތީ އެކަނބަލުންގެ ޢައުރަ ނިވާކޮށްގެން ތިބުމެވެ.

މުއުމިނު އަންހެނާގެ ޢައުރައަކީ ފޮރުންވަންޖެހޭ އެއްޗެއްކަން ޤަބޫލުކޮށް އެހެންނަމަވެސް ބުރުގާ ނާޅާ އަންހެންނާ މާތް ﷲ ގެ އިރާދަފުޅާ މިންވަރުފުޅުން ސުވަރުގެ ވަންނާނެއެވެ. އޭނާއަކީ ކާފަރެކޭ ނުބުނެވޭނެއެވެ. އަދި އޭނާއަކީ ނަރަކައިގައި އަބަދުގެ އަބަދަށް ދެމި އޮންނާނެ މީހެއްނޫނެވެ. އެހެންނަމަވެސް އެފަދަ މީހަކު އެވަނީ ވަރަށް ބޮޑު ނުރައްކަލެއްގައެވެ. ސަބަބަކީ އައުރަ ނިވާނުކުރުމަކީ ބޮޑެތިފާފަތަކުގެ ތެރެއިން ފާފައަކަށް ވާތީއެވެ. މާތް ﷲ އެމީހެއްގެ ފާފަ ނުފުއްސަވައިފިނަމަ ނަރައިކައިގެ ވޭންދެނިވި ޢަޛާބު އެމީހަކަށް ޙައްޤުވެގެންވުމާއި އަދި އެކަމުގެ ވަޢީދުގެ ބަސްފުޅު އައިސްފައިވާތީއެވެ.

ބުރުގާ އެޅުމަކީ (އައުރަނިވާކުރުމަކީ) ވާޖިބެއްކަމާމެދު އިންކާރުކޮށް ނުވަތަ އެއަށް ފުރައްސާރަކޮށް މަލާމާތް ކުރުމަކީ މުރުތައްދުވެ ދީނުންބޭރުވާނެ ކަމެކެވެ. އެއީ ދީނުގައި ކަނޑައެޅިގެން ބަޔާންވެގެންވާ ކަމަކަށް އެނގިހުރެ އިންކާރުކޮށް ނުވަތަ މަލާމާތްކުރުމަކީ އެމީހަކު ދީނުންބޭރުވެ ކާފަރު ވާނޭ ކަމެއްކަމަށްވާތީއެވެ.

މިފަދަ މީހަކު މަރުވުމުގެ ކުރިން މާތް ﷲއަށް ތައުބާވެ އިސްތިޣްފާރުކުރަންޖެހޭނެއެވެ. އެހެންނޫނީ އެކަމުގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑެވެ.

ސުވާލުގައި ތިވާ ބުރުގާ ނާޅާ (ނުވަތަ ހެދުން ލައިގެން އޮރިޔާމުން ތިބޭ) މީހުން ސުވަރުގެ ނުވަދެވޭނޭ ނުވަތަ ސުވަރުގޭގެ ވަސްވެސް ނުފެންނާނޭޙަދީޘްގައި އޮންނަކަމަށް ޢިލްމުވެރިން ވިދާޅުވާ ޙަދީޘަކީ ޞައްޙަ ޙަދީޘެކެވެ.

މާތްރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވަނީ: " صِنْفَانِمِنْأَهْلِالنَّارِلَمْأَرَهُمَاقَوْممَعَهُمْسِيَاطٌكَأَذْنَابِاْلبَقَرِيَضْربُونَبِهَاالنَّاسَ،وَنِسَاءٌكَاسِيَاتٌعَارِيَاتٌ مُمِيْلاَتٌمَائِلاَتٌ،رُؤُوْسُهُنَّكَأَسْنِمَةِالْبَخْتِالْمَائِلَةِ،لاَيَدْخُلْنَالْجَنَّةَوَلاَيَجِدْنَرِيْحَهَا،وإنَّرِيْحَهَالَيُوْجَدمِنْمَسِيْرَةِكَذَاوَكَذَا " ރަވާހު މުސްލިމް. 5547 .މާނައީ: "ނަރަކައިގެ އަހްލުވެރިންގެ ތެރެއިން ދެބާވަތެއްގެ ބަޔަކުވެއެވެ. ތިމަން ކަލޭގެފާނު އެދެބައިމީހުން ދެކެވަޑައިނުގަންނަވަމެވެ. އެއީ ގެރީގެ ނިގޫފަދަ ޗާބޫކުތަކުން މީހުންގެ ގައިގާ ނުޙައްޤުން ތަޅާ އަދަބު ދޭ ބަޔަކާއި، ހެދުންލައިގެން އޮރިޔާމުން ތިބޭ އަންހެނުންގެ ބައެކެވެ. އެކަނބަލުންނަކީ ޢިއްފަތްތެރިކަމުގެ ސީދާމަގުން އެއްކިބާކޮށް ލަންބުވާ ބައެކެވެ. އެކަނބަލުންގެ އިސްތަށިގަނޑު ހީވާނީ ޖަމަލު ގޮށްގަނޑު ހެންނެވެ. އެކަނބަލުންނަށް އެއްގޮތަކަށްވެސް ސުވަރުގެއަކަށް ނުވަދެވޭނެއެވެ. އަދި ސުވަރުގޭގެ ވަސްވެސް ނުލިބޭނެއެވެ. އެތާނގެ ވަސް އެވަނީ އެވެނި މިވެނި މޭލުކޮޅަށް ފޯރާފައެވެ."

މިޙަދީޘްގައި އެވާ " لاَيَدْخُلْنَالْجَنَّةَوَلاَيَجِدْنَرِيْحَهَا" މާނަ: " އެކަނބަލުންނަށް އެއްގޮތަކަށްވެސް ސުވަރުގެއަކަށް ނުވަދެވޭނެއެވެ. އަދި ސުވަރުގޭގެ ވަސްވެސް ނުލިބޭނެއެވެ." މި ބަސްފުޅަކީ ވަޢީދުގެ ބަސްފުޅެކެވެ. މިބަސްފުޅުގެ ޝަރަޙާގައި ދެމާނައެއް ދޭހަވާކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. އެއީ:

1- އައުރަ ނިވާނުކުރުމަކީ ޙަރާމްކަމެއްކަން އެނގި ހުރެ އެ ޙަރާމްކަންތައް ޙަލާލުކޮށް އައުރަ ނިވާނުކުރާ މީހާ ސުވަރުގެ ނުވަންނާނެއެވެ.

2- ފުރަތަމަ ސުވަރުގެއަށް ގޮވާލެވޭއިރު ކާމިޔާބުލިގެންވާ މީހުންނާއެކު ނުވަދެވޭނެއެވެ.

ކޮންމެއަކަސް އެފަދަ މީހަކު އެވަނީ ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައަކަށް އަރައިގެންފައެވެ. އެމީހަކު އައުރަ ނިވާނުކޮށްހުރެ މަރުވެއްޖެނަމަ މާތްﷲ އެމީހަކަށް ފުއްސަވައިދެއްވައިފިނަމަ އުފަލުގެ ކޮޅެއްނެތެވެ. ފުއްސަވައިނުދެއްވައިފިނަމަ ހަލާކުގެ ކޮޅެއްނެތެވެ. އެމީހަކަށް ވޭންދެނިވި ޢަޛާބު ހުއްޓެވެ. އެހެން ނަމަވެސް އެމީހަކު ނަރަކައިގައި އަބަދަށް ދެމިނުއޮންނާއެވެ. އައުރަނިވާނުކުރުން، އަދި ޒިނޭކުރުން ފަދަ ބެޑެތި ފާފަތައްކުރާމީހުންނާމެދު އަހްލުއްސުންނާ ވަލްޖަމާޢަތުގެ ޢަޤީދާއަކީ މިއީއެވެ.

މާތް ﷲ ވަހީކުރައްވަނީ: " إِنَّ اللَّهَ لَا يَغْفِرُ أَنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَلِكَ لِمَنْ يَشَاءُ " ނިސާ ސޫރަތުގެ 48 ވަނަ އާޔަތް. މާނައީ: ހަމަކަށަވަރުން ﷲ، އެކަލާނގެއަށް ޝަރީކު ކުރުމުގެ ފާފައެއް ނުފުއްސަވާނެތެވެ. އެނޫން ފާފަތައް، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފުއްސަވާނެތެވެ...." އާދެ އޭނަގެ ފާފަތަކުން ތައުބާނުވާ މީހާއެވެ.

އެހެންނަމަވެސް އޭނަގެ ފާފައިން ތައުބާވެއްޖެނަމަ މާތް ﷲ އެމީހަކަށް އެފާފަ އެއް ފުއްސަވާދެއްވާނެއެވެ. މާތްﷲ ވަހީކުރައްވަނީ: " قُلْ يَا عِبَادِي الَّذِيْنَ أَسْرَفُوْا عَلَى أَنْفُسِهِمْ لاَ تَقْنَطُوْا مِنْ رَحْمَةِ اللهِ إِنَّ اللهَ يَغْفِرُ الذُّنُوْبَ جَمِيْعًا..." ޒުމަރު ސޫރަތުގެ 53 ވަނަ އާޔަތް. މާނައީ:" ކަލޭގެފާނު ވިދާޅު ވާށެވެ! އެބައިމީހުނަގެ އަމިއްލަ ނަފުޞުތަކުގެ މައްޗަށް ފާފައިން އިސްރާފްކޮށްފައިވާ، ތިމަންރަސްކަލާންގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ﷲގެ ރަޙްމަތުން އުއްމީދު ކަނޑާނުލާށެވެ. ހަމަކަށަވަރުން ﷲ އީ، އެންމެހައި ފާފަތައް ފުއްސަވާ ރަސްކަލާނގެއެވެ."

މާތްﷲ އަޅުގަނޑުމެން އެންމެންނަށް ހިދާޔަތު ދައްކަވާ ހެޔޮމަގަށް އުޅުމުގެ ތަޥްފީޤުދެއްވާށި! އާމިން.

މަޙްރަމް ނޫން މީހުންގެ ކުރިމަތީގައި އަންހެނާގެ އައުރަ ނިވާކުރުމަކީ ލާޒިމު ކަމެކެވެ. އަދި ނިވާ ނުކޮށް އުޅުމަކީ ބޮޑުވެގެން ހުރި ވަޢީދު ހުރި ނުބައި ކަމެކެވެ. މިހެންކަމުން ތިމާގެ އަނބިމީހާގެ އައުރަ ނިވާކުރުމަށް ނަޞޭޙަތްދީ ބާރުއަޅަން ޖެހޭނެއެވެ. އަނބިމީހާ ހެޔޮގޮތުގައި ތަރުބިއްޔަތުކޮށް ގެންގުޅުމަކީ އަނބިމީހަށްޓަކައި ފިރިމީހާގެ މައްޗަށްވާ ޙައްޤެކެވެ. އަދި ފިރިމީހާގެ އެންމެހައި އަމުރުތަކަށް ކިޔަމަން ގަތުމީ ފިރިމީހާއަށްޓަކައި އަނބިމީހާގެ މައްޗަށްވާ ޙައްޤެކެވެ. އެބަހީ: މާތް ﷲ އަށް އުރެދުމެއްނުވާ ކޮންމެ ކަމެއްގައި އަނބިމީހާ ފިރިމީހާއަށް ކިޔަމަށްވާން ޖެހޭނެއެވެ.

އަނބިމީހާއަކީ ބުރުގާ ނާޅާ ހުރި މީހެއް ނަމަ އަދި ޝަރުއީ ފަރުދާއިން ފަރުދާ ނުކޮށް ހުރި މީހެއް ނަމަ އޭނާ އިސްލާހު ވޭތޯ މަސައްކަތް ކުރުމަކީ ފިރިމީހާގެ ވާޖިބެކެވެ. އަދި ޙިކުމަތްތެރިކަމާއި އެކުގައި ޢިލްމުވެރިންގެ ނަޞޭޙަތްތައް ދައްކައި އިއްވައި ހެދުމުގައި ދެމި ހުރެވޭތޯ ބަލަން ވާނެއެވެ. ނަޞޭޙަތުން ފައިދާ ކުރާނެއެވެ. (ހަމަ އެއާއެކު ތެދުމަގު ދައްކަވާތޯ ދުޢާވެސް ކުރަން ވާނެއެވެ.) ނަމަވެސް ނަޞޭޙަތުންނާހައި ނުކިޔަމަންތެރިވުމުގައި ހައްދު ފަހަނައަޅައި ހިނގައްޖެނަމަ އެކަމުގެ ގެއްލުން އޮތީ އަނބިމީހާއަށެވެ.

ފިރިމީހާ މިކަމަކީ އަނބިމީހާގެ އަމިއްލަ ކަމެކޭ ބުނެ ދޫކޮށްލައިގެން ހުރެގެން ނުވާނެއެވެ. ސަބަބަކީ ތިމާގެ އަމިއްލަ ނަފްސާއި އަހްލުވެރިން ނަރަކައިން ސަލާމަތް ކުރުމަށް މަސައްކަތް ކުރުމަށް ކީރިތި ގުރްއާނުގެ ތަޙްރީމް ސޫރަތުގެ 6 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. "يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ عَلَيْهَا مَلَائِكَةٌ غِلَاظٌ شِدَادٌ لَّا يَعْصُونَ اللَّـهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ ﴿٦﴾"މާނައަކީ: " އޭ إيمانވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ نفسތަކާއި،ތިޔަބައިމީހުންގެ أهلވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ ملائكةންވެއެވެ. اللَّه، އެބޭކަލުންނަށް ކުރައްވާأمرއަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް أمرކުރައްވާކަންތައް އެބޭކަލުން ކުރައްވާނެތެވެ".

واللهأعلم