މި އަހަރު ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭން ޖެހޭ ފައިސާ ޕީޕީއެމް ފިޔަވައި އެހެން ޕާޓީތަކަށް ދޭން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ 2019 ވަނަ އަހަރު ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ ޕާޓީތަކަކީ އެމްޑީޕީ، ޕީޕީ، ޖޭޕީ އަދި އެމްޑީއޭ ކަމަށެވެ. ނަމަވެސް މި ޕާޓީތަކުގެ ތެރެއިން ޕީޕީއެމް ފިޔަވައި ބާކީ ތިން ޕާޓީއަށް ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އީސީގެ ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ ޕީޕީއެމަށް ފައިސާ ނުދޭން ނިންމީ، އެ ޕާޓީގެ އަހަރީ ރިޕޯޓުގައި މައްސަލަތަކެއް ހުރެގެން އެ ރިޕޯޓް އިސްލާހު ކުރަން ފޮނުވާފައިވުމުން ކަމަށެވެ. އަދި އަހަރީ ރިޕޯޓް އިސްލާހު ކުރުމަށް ފަހު ހުށަހެޅުމުން ޕީޕީއެމަށް ފައިސާ ދޫކުރައްވާނެކަމަށް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ ޕީޕީއެމުން އެ ޕާޓީގެ އަހަރީ ރިޕޯޓް ހުށަހަޅާފައިވަނީ އިއްޔެ ކަމަށާއި، އަހަރީ ރިޕޯޓް އިސްލާހުކުރަން އަންގާފައިވާނީ މިއަދު ކަމަށެވެ.

ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ އިއްޔެ އަހަރީ ރިޕޯޓް ހުށަހެޅުއްވިކަން ހާމަކުރައްވާފައެވެ.

މިދިޔަ އަހަރުގެ ބަޖެޓުން ޕީޕީއެމަށް ދޭންޖެހޭ ފައިސާގެ ތެރެއިން ނުދީ ހުރި ފައިސާ ވަނީ ދޫކޮށްފައެވެ.