މާލޭގައި ހިންގަމުންދާ އަތޮޅު ފިހާރަތަކުން އަތޮޅު ކައުންސިލްތަކަށް ލިބެންޖެހޭ ފައިސާ ހަވާލުނުކުރާތާ ހަތަރު އަހަރުފަހުން ފައިސާ ޖަމާކޮށްދޭން ފަށައިފިއެވެ.
މާލޭގައި ހިނގަމުންދާ އަތޮޅު ފިހާރަތަކަކީ އަތޮޅު ކައުންސިލްތަކަށް ކުލީގެ 50 އިންސައްތަ ލިބޭ ގޮތަށް ކުއްޔަށް ދީފައިވާ ފިހާރަތަކެކެވެ. ނަމަވެސް އަތޮޅު ފިހާރަތަކުގެ ފައިސާ ކައުންސިލްތަކަށް އެންމެ ފަހުން ދީފައިވަނީ 2014 އަހަރުއެވެ. ފިނޭންސް މިނިސްޓްރީން ބުނީ މި ހަފްތާއިން ފެށިގެން 2015 ވަނަ އަހަރުގެ ފައިސާ ކައުންސިލްތަކަށް ޖަމާކޮށްދޭން ފަށާފައިވާ ކަމަށެެވެ.
އެގޮތުން މި ހަފްތާގައި 16 ކައުންސިލަކަށް 12.5 މިލިއަން ރުފިޔާ ޖަމާކޮށްދީފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އަދި ފައިސާ ޖަމާނުކުރެވޭ ހަތަރު ކައުންސިލަށް ފައިސާ ޖަމާކޮށްދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
އަތޮޅު ފިހާރަތަކުގެ ފައިސާ އަތޮޅު ކައުންސިލްތަކަށް ދިނުމާ ގުޅޭގޮތުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ އަތޮޅު ކައުންސިލްތަކަށް ފައިސާ ލިބޭނެ ގޮތްތައް ވަރަށް މަދުކަމަށާއި، އަތޮޅު ފިހާރަތަކަކީ އޭގެ ތެރެއިން ވަރަށް މުހިންމު ވަސީލަތެއް ކަމަށެވެ.
"މި ސަރުކާރުގެ ވައުދެއް ކައުންސިލް ބާރުވެރި ކުރުވުމަކީ އެގޮތުން ބާރުވެރިކުރުވުމަށް އެންމެ މުހިންމު އެއް ވަސީލަތަކީ މާލީ ގޮތުން ފުއްދުންތެރި ބަޔަކަށްވުން. އެގޮތުން ބަލާއިރު އަތޮޅު ފިހާރަތަކުގެ ފައިސާ ނުލިބި އޮތުމަކީ ކައުންސިލްތަކުގެ ކަންބޮޑުވުމެއް. އޮގޮތުން ނުލިބިހުރި ހިސާބުން ފައިސާ ދޭން މިފެށީ" ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ބާކީ ހުރި އަހަރުތަކުގެ ފައިސާ ވެސް ކައުންސިލްތަކަށް ޖަމާކޮށްދެއްވަމުން ގެންދަވާނެ ކަމަށެވެ.
އތޮޅު ފިހާރަތަކަކީ އަތޮޅުތަކުގެ ބައިވެރިވުމާއެކު މާލޭގެ އުތުރުފަރާތުގައި ގާއިމްކޮށްފައިވާ ފިހާރަތަކެކެވެ. އެކި ފިހާރަތައް އެކި އަގުތަކުގައި ކުއްޔަށް ދީފައިވާ އިރު ކޮންމެ އަތޮޅު ކައުންސިލަކަށް ވެސް ލިބެނީ އެ ފިހާރަތަކުގެ 50 އިންސައްތައެވެ.