ކާރުބާރު ބޮޑު މާލޭގެ މަގުމަތަކުގައި ދުންފަތުގެ އިސްތިއުލާމުކުރުން މަނާކުރުމަށް އެކުލަވާލައި ގަވާއިދު ކަމާބެހޭ ފަރާތްތަކާއެކު ވަރަށް އަވަހަށް ހަދަން ފަށާނެކަމަށް މާލެ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

ރޭ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައި ވަނީ މާލޭގެ މަގުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް ގަވާއިދެއް އެކުލަވާލާ އެެއަށް އަމަލުކުރުމަށް ނިންމުމަށް ފާސްކޮށްފައެވެ. "ދަޕްރެސް" އަށް މައުލޫމާތުދެއްވަމުން، ސިޓީ ކައުންސިލްގެ މެންބަރު ހުސައިން ޝަރީފް ވިދާޅުވީ، ކައުންސިލް ބައްދަލުވުމުގައި އެގޮތަށް ނިންމީ އާންމުންގެ ޝަކުވާ ބޮޑުވެ މަގުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރާ މައްސަލަ ބޮޑުވެގެން ކަމަށެވެ.

"އެންމެ ފުރަތަމަ ޖަލްސާގައި ހުށަހެޅީ ސްކޫލްތައް އަދި އޮފީސްތަކާއި މީހުން އެއްވެ އުޅޭތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރަން. އެކަމަކު މިކަމަށް ޖުމްލަ ހައްލެއް ލިބެން އޮތީ މުޅި މާލޭގައި މިކަން މަނާކޮށްގެން ކަމުން ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްކުރީ އެގޮތަށް" ކައުންސިލް މެންބަރު ހުސައިން ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މާލޭގެ މަގުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް ބޭނުންވާ ގަވާއިދު ހެދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކާއެކު ފަށާ ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި އެ ގަވާއިދަށް އަމަލުކުރަން ފަށާނެ ކަމަށެވެ.

"ކަމާބެހޭ މުއައްސަސާތައް، ޕޮލިހާއި ހެލްތް މިނިސްޓްރީއާއި މިފަދަ ކަމާބެހޭ މުއައްސަސާތަކާއި ގުޅިގެން ގަވާއިދު ހަދާނީ. މިއަށް އަމަލުކުރަން ފަށާނީ އަދި ހަ މަސް ފަހުން. މި ކަމަށް އާންމުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދޭ" މެންބަރު ހުސައިން ޝަރީފް ވިދާޅުވިއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ގާނޫނުގެ އެއްވަނަ ބާބު (ދުންފަތުގެ ދުމުން ރައްކާތެރިކަން ލިބިދިނުން) ގެ ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަންތަނުގެ ތެރޭގައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަަޅާ އެންމެހާ ތަންތަން ހިމެނެއެވެ. އެހެންކަމުން ސިޓީ ކައުންސިލުން ހަދާ ގަވާއިދުގެ ދަށުން މާލޭގެ މަގުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރެވިދާނެއެވެ.