ށ. ފޭދޫގައި ހާއްސައެހީއަށް ބޭނުންވާ އަންހެނަކަށް އަނިޔާކުރާ މައްސަލަ ބަލާ، އެމީހާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާކަމަށް ޖެންޑާ މިނިސްޓްރީން ހާމަކޮށްފިއެވެ.

ފޭދޫގައި ހާއްސައެހީއަށް ބޭނުންވާ މީހަކު ހޮޅިދަނޑިއެއްގައި ބަނދެ، ފޮޓޯ ނަގާ ސޯޝަލް މިޑިއާގައި އާންމުކުރި މައްސަލައެއް ފެންމަތިވެފައިވަނީ މިއަދުއެވެ. ނަމަވެސް އެމީހާއަށް ތަފާތު އަނިޔާތަށް ކުރަމުން އަންނަ މައްސަލަ މީގެ ކުރިން ވެސް ވަނީ ދައުލަތުގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައެވެ.

މިއަދު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަނީ އަންހެނަކު މަގުމަތީގައި ޖަހާފައި ހުރި ހޮޅިދަނޑިއެއްގައި ބަދެފައިވާ މަންޒަރެވެ. ދެ ފޮޓޯއެއް އާންމުކޮށްފައި ވާއިރު، އެއް ފޮޓޯގައި އެމީހާގެ ބޮލުގައި ސިމެންތި ހުސްކުރި ގޯންޏެއް ވަނީ އަޅުވާފައެވެ. އަދި ފެންނަން ހުރީ ހަމައެކަނީ އަނގަޔާއި ނޭފަތެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި އެއީ ރޭގަނޑުގެ ވަގުތެކެވެ.

މި މައްސަލައާއި ގުޅިގެން ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ށ.ފޭދޫގައި އަންހެނަކަށް ރަހުމުކުޑަ އަނިޔާތަކެއް ދިން މައްސަލައެއްގެ ރިޕޯޓު ލިބުމާއެކު އޭނާއަށް ބޭނުންވާ ރައްކައުތެރިކަން ދައުލަތުން ވަނީ ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި މި އަނިޔާވެރި އަމަލު ހިންގި ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި އަންހެން މީހާގެ ފިރިމީހާއަކީ ވެސް ސިނކުޑީގެ މައްސަލަ ހުންނަ މީހެއް ކަމަށް މައުލޫމާތު ލިބެއެވެ. މި ދެމަފިރިންގެ ފަސް ކުދިން ތިބި އިރު، އެ ދެމީހުންނަށް އަޅާނުލާ ކަމުގެ ވާހަކަތައް މި ފޮޓޯތަކާއެކު ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.