އެޓާނީ ޖެނެރަލް (އޭޖީ) އިބްރާހިމް ރިއްފަތަކީ ނަޒާހަތްތެރި ބޭފުޅެއްކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ރިއްފަތަށް ތައުރީފު ކުރައްވައިފިއެވެ.
ދައުލަތުން ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް 348 މިލިއަން ރުފިޔާ ދިނުމަށް ސުޕްރީމް ކޯޓުން ހުކުމު ކުރި އިރު އެ މައްސަލަ ކޯޓުން ބޭރުން ހައްލުކުރަން ރިއްފަތު އުޅުއްވި ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ އެ މައްސަލައިގައި އޭނާގެ އަތެއް ވާކަމަށް ބުނެ ތުހުމަތު ކުރަމުންނެވެ. ނަމަވެސް އެކަން ރިއްފަތު ދޮގު ކުރައްވައެވެ.
ރިއްފަތާ މެދު ތުހުމަތުގެ އިނގިލިތައް ދިގުކުރަމުން ދާ ދަނޑިވަޅެއްގައި، ކުރީގެ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ނަޒަރުގައި އަދި އެމަނިކުފާނު ތަޖުރިބާ ކުރެއްވިފައި ހުރި ތަނުގައި، ރިއްފަތަކީ ވަރަށް ވެސް ނަޒާހަތްތެރި ބޭފުޅެކެވެ. އަދި ރިއްފަތު އެއްވެސް ބާވަތެއްގެ ކޮރަޕްޝަންގެ އަމަލެއް ހިންގަވާފާނެ ކަމަށް އެއްގޮތަކަށް ވެސް ގަބޫލުފުޅު ނުކުރެއްވޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ދީބާޖާ މައްސަލައިގައި ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ވަނީ ރިއްފަތާއި، ރައީސް އޮފީހުގެ ލީގަލް ޑިރެކްޓަރު އަހުމަދު އަބްދުﷲ އަފީފް، ދީބާޖާ މައްސަލާގައި ރިޝްވަތު ހޯއްދަވަން މަސައްކަތް ކުރެއްވި ކަމަށް ތުހުމަތު ކުރައްވާފައެވެ. އަލްހާން ވިދާޅުވެފައި ވަނީ އޭނާގެ ކުލައިންޓް ދީބާޖާއިން ދެ މިލިއަން ޑޮލަރު ދިނުމަށް އެދިފައިވާ ކަމަށެވެ. އަދި ސުޕްރީމް ކޯޓުން ބޭރުން މި މައްސަލައިގައި ހައްލެއް ހޯދުމަށް އޭޖީ ލިޔުމަށް ސުޕްރީމް ކޯޓަށް ހުށަހެޅިކަމަށް އަލްހާން ވިދާޅުވިއެވެ.
ދީބާޖާ އިންވެސްޓްމަންޓާ ހަވާލުކުރި އެއްބަސްވުން އުވާލުމުން ބަދަލު ހޯދަން ކުރި ދައުވާގައި ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ފީއެއްގެ ގޮތުގައި އަލްހާން ފަހުމީގެ ލޯ ފާމަށް 174 މިލިއަން ރުފިޔާ ދޭންޖެހޭކަން ވަނީ މީގެ ކުރިން ހާމަވެފައެވެ. ދީބާޖާ އާއި އަލްހާންގެ ލޯފާމާ އެކު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން، ސިވިލް ކޯޓުގެ ގަޒިއްޔާ އިން ދީބާޖާ އަށް ބަދަލުގެ ގޮތުގައި ނަގައިދީފައިވާ 348 މިލިއަން ރުފިޔާގެ 50 ޕަސެންޓު ކަމަށް ވާ 174 މިލިއަން ރުފިޔާ ލޯ ފާމަށް ދޭން ޖެހެއެވެ. އެއީ، މައްސަލަ ކާމިޔާބުވެއްޖެ ނަމަ ދޭ "ސަކްސެސް ފީ" ކަމަށް ވެސް އެއްބަސްވުމުގައިވެއެވެ.