ށ. ފޭދޫގައި ހާއްސައެހީއަސް ބޭނުންވާ މީހަކު ހޮޅިދަނޑިއެއްގައި ބަނދެ، ފޮޓޯ ނަގާ ސޯޝަލް މިޑިއާގައި އާންމުކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިއަދު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަނީ އަންހެނަކު މަގުމަތީގައި ޖަހާފައި ހުރި ހޮޅިދަނޑިއެއްގައި ބަދެފައިވާ މަންޒަރެވެ. ދެ ފޮޓޯއެއް އާންމުކޮށްފައި ވާއިރު، އެއް ފޮޓޯގައި އެމީހާގެ ބޮލުގައި ސިމެންތި ހުސްކުރި ގޯންޏެއް ވަނީ އަޅުވާފައެވެ. އަދި ފެންނަން ހުރީ ހަމައެކަނީ އަނގަޔާއި ނޭފަތެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި އެއީ ރޭގަނޑުގެ ވަގުތެކެވެ.

މިކަމާއި ގުޅިގެން ސޯޝަލް މިޑިއާގައި އެކަން ކުށްވެރިކޮށް އެކިފަރާތްތަކުން ވާހަކަ ދައްކަމުން އަންނަ އިރު، މި މީހާގެ މައްސަލަ ފެންމަތިވުމާއެކު އެމީހާ ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމަށް ޖެންޑާ މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.

"ދަޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މީހާއަކީ ށ. ފޭދޫ މީހެކެވެ. އަދި މި އަންހެން މީހާގެ ފިރިމީހާއަކީ ވެސް ސިނކުޑީގެ މައްސަލަ ހުންނަ މީހެކެވެ. މި ދެމަފިރިންގެ ފަސް ކުދިން ތިބި އިރު، އެ ދެމީހުންނަށް އަޅާނުލާ ކަމުގެ ވާހަކަތައް މި ފޮޓޯތަކާއެކު ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

މި މީހާއަށް އަނިޔާކުރި މައްސަލަ ޖެންޑާގެ ސަމާލުކަމަށް އައިސް ޖެންޑާއިން އެމީހާއާއި ހަވާލުވުމުގެ މަސައްކަތް ކުރަމުން ދާކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. މައުލޫމާތު ލިބޭ ގޮތުގައި މި މީހާއަށް މީގެ ކުރިންވެސް އެކި ކަހަލަ އަނިޔާތަށް ކޮށްގެން ކަމާބެހޭ ފަރާތްތަކަށް އަންގާފައި ވެއެވެ. ނަމަވެސް މިހާތަނަށް އެއްވެސް އިދާރާއަކުން އެކަމާ ފިޔަވަޅެއް އަޅާފައި ނުވެއެވެ.