ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ހުކުމް ތަންފީޒުކުރުމުގެ މައްސަލަ ސިވިލް ކޯޓުން ހިންގަނީ ހުކުމް ތަންފީޒު ކުރުމުގައި އަމަލުކުރާ އުސޫލުތަކާ ހިލާފަށް ކަމަށް ވާތީ ހުކުމް ތަންފީޒުކުރުމުގެ މައްސަލަ ބާތިލުކުރަން އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން އެދި އެކަމާއި ގުޅިގެން ނެރުނު ނޫސް ބަޔާނަކީ ހަގީގަތާ ހިލާފު ވާހަކަތެއް ހިމެނޭ ނޫސްބަޔާނެއް ކަމަށް ބުނެ، ދީބާޖާއިން އޭޖީއަށް އިންޒާރު ދީފިއެވެ.

ދީބާޖާއިން މިއަދު ނެރުނު ނޫސްބަޔާނެގައި، ސިވިލް ކޯޓުގެ ގަޒިއްޔާއާއި ގުޅޭގޮތުން ސައްހަ ނޫން މައުލޫމާތުތަކެއް ހިމަނައިގެން އެޓާނީ ޖެނެރަލްގެ އޮފީހުން ނެރެފައިވާ ނޫސްބަޔާނެއް ކަމުގައި ބުނެފައިވެއެވެ. އަދި އެޓާނީ ޖެނެރަލް އޮފީސްފަދަ ދިވެހި ދައުލަތުގެ އެންމެ އިސް 'ވަކީލު' ނިސްބަތްވެ ވަޑައިގަންނަވާ އޮފީހުން ނުރަނގަޅު މައުލޫމާތު ހިމަނައިގެން ނޫސްބަޔާން ނެރުމަކީ އެކަމު ގެއްލުން ދީބާޖާއަށް ކުރާނޭ އަދި ޝަރީއަތުގައި ހިނގަ ހިނގާ އޮތް ގަޒިއްޔާއަކާ މެދު އާންމުންގެ ހިތްތަކުގައި ނުރަނގަޅު ތަސައްވުރެއް އުފެއްދުމަށް މަގުފަހި ކުރާނޭ ކަމެއް ކަމަށް ބުނެފައިވެއެވެ.

"އެކަމުގެ ސަބަބުން މުޖްތަމަައުގެ އާންމު ފަރުދުންގެ މެދުގައި ޝަރުއީ ކޯޓުތަކާއި މެދުވެސް ނުރަނގަޅު ތަސައްވުރެއް އުފެދިގެން ދާފަދަ ކަމެެއް ކަމުގައިވާތީ މިފަދަ ކަންކަން ނުކުރުމަށް ސިވިލް ކޯޓުގެ ގަޒިއްޔާގައި ހިމެނޭ ދެ ހަސްމުންކުރެ އެއް ހަސްމުގެ ހައިސިއްޔަތުން އޭޖީ އޮފީހަށާއި، ދައުލަތުގެ ބަންޑާރަ ނައިބު މަނިކުފާނަށް ދީބާޖާ އިންވެސްޓްމަންޓްގެ ފަރާތުން އިލްތިމާސް ކުރަން" ދީބާޖާގެ ނޫސްބަޔާނުގައި ވެއެވެ.

މީގެ އިތުރުން ބަންޑާރަ ނައިބުގެ އޮފީހުން މިފަދަ ކަމެއް އިތުރަށް ތަކުރާރުވެއްޖެ ނަމަ ދީބާޖާގެ ތަސައްވުރަށް ލިބޭ ގެއްލުމާ ގުޅޭގޮތުން އެކުންފުނީގެ ފަރާތުން އެޅެންހުރި ގާނޫނީ ފިޔަވަޅު އަޅާނެކަން އަންގައި ދީބާޖާއިން ވަނީ އޭޖީއަށް ނަސޭހަތްތެރިވެފައެވެ.

ދީބާޖާގެ ނޫސްބަޔާނުގައި ބުނެފައިވަނީ ސިވިލް ކޯޓުން ހުކުމް ކުރީ އޮކްޓޯބަރު 23، 2014 އިން ފެށިގެން، މަދުވެގެން އެ މަހަކަށް ޖެހޭވަރު ކޮންމެ މަހަކު ކޯޓަށް ދައްކައި ހަ މަސް ތެރޭގައި 348 މިލިއަން ރުފިޔާ ޚަލާސްކުރަން ކަމަށާއި، ހުކުމް ކުރި ތާރީހުން ފެށިގެން، އެޕްރީލް 23، 2015 އަށް ހަ މަސްވެފައިވާ ކަމަށެވެ. އަދި ހުކުމް ތަންފީޒުކުރުމަށް ބަލާފައި ވަނީ ސިވިލް ކޯޓުން އަމިއްލަ އަށް އިސް ނަގައިގެން ކަން ވެސް ދީބާޖާ އިން ބުނެފައިވެއެވެ.

އަދި ދީބާޖާ މައްސަލައިގެ ހުކުމް ތަންފީޒުކުރުމުގެ މައްސަލަ ކުރިއަށް ގެންދަނީ، ސިވިލް ކޯޓުން އިސް ނަގައިގެން ހުކުމް ތަންފީޒުކުރުމުގެ އުސޫލާ ހިލާފަށް ކަމަށް ދޭހަވާ ގޮތަށް އޭޖީ އޮފީހުގެ ނޫސް ބަޔާނުގައި ބުނެފައި އޮތީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށާއި، ސިވިލް ކޯޓުން ކުރި ހުކުމުގެ މުއްދަތު ގުނުމުގައި އަމަލުކުރަން ޖެހޭނީ، މި މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމް ކުރި ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ މުއްދަތު ލިބިދޭ ގޮތަށް ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފައި ވުމަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް ދީބާޖާއިން ބުނެއެވެ.