ދީބާޖާ މައްސަލައިގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ރިޝްވަތު ނެންގެވި ކަމަށް ތުހުމަތުކޮށް އޮންލައިން ނޫސް، ސީއެންއެމް ގައި ރިޕޯޓެއް ޝާއިއު ކުރި ކަމަށް ބުނެ އެ ނޫހާ މެދު ފިޔަވަޅު އަޅައިދިނުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ފުލުހުންނާއި ޕީޖީ އަދި މީޑިއާ ކައުންސިލްގައި އެދިއްޖެ އެވެ.

މިކަން ހާމަކޮށް ޑީޖޭއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ "ދީބާޖާ މައްސަލައިގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ރިޝްވަތު ނެންގެވިކަމުގެ ތުހުމަތު" މި މައުޟޫގެ ދަށުން ލިޔެފައިވާ ލިޔުމަކީ އެއްވެސް ހަގީގަތެއް ނެތް ދޮގުވެރި ތުހުމަތުތަކެއް މައްޗަށް ބިނާކޮށް ލިޔެފައިވާ ލިޔުމެއް ކަމަށެވެ.

އަދި މިއީ ފަނޑިޔާރުންނާއި ފަނޑިޔާރުގޭގެ އަގު ވައްޓާލައި، ބިރުދައްކާ، ކޯޓުގެ ހުރުމަތް ކަނޑާލައި، އަދުލު އިންސާފު ގާއިމް ކުރުމާއި، ގާނޫނު ހިންގުމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ކޯޓުން ކުރާ މަސައްކަތަށް ހުރަސް އެޅުމަށް ލިޔެފައިވާ ލިޔުމެއް ކަމަށްވާތީ، އެކަމާއި ގުޅިގެން ކުރަންޖެހޭ ތަހުގީގުތައްކޮށް އަޅަންޖެހޭ ގާނޫނީ އަދި އިދާރީ ފިޔަވަޅުތައް އެޅުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާއި، ފުލުހުންނާއި، މޯލްޑިވްސް މީޑިއާ ކައުންސިލަށް ހުށަހަޅާފައިވާ ކަމަށެވެ.

"ބަޔާންކުރެވުނު މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކުރި ހުކުމް ބިނާކުރެވުނު ޝަރުއީ އަދި ގާނޫނީ ސަބަބުތައް އެ ހުކުމްގެ ޝަރީއަތް ނިމުގެ ގޮތުގެ ހުލާސާ ރިޕޯޓުގައި ބަޔާންކުރެވި އެ ރިޕޯޓު ވަނީ ގަޟާއީ އިޖުރާއަތުތައް މިނިވަންކަމާއެކު ދެފުށް ފެންނަ ގޮތަށް ގެންދިއުމުގެ އުސޫލާ އެއްގޮތަށް ސުޕްރީމް ކޯޓުގެ ވެބްސައިޓުގައި އާންމުކުރެވިފައި" ޑީޖޭއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެ ހުކުމާ ގުޅިގެން ފަނޑިޔާރުން ރިޝްވަތު ނެންގެވި ކަމަށް ކުރަމުންދާ ތުހުމަތުތަކަކީ އަދި ނޫސްވެރިކަމުގެ ނަމުގައި މަދު ބަޔަކު ކުރާ އެފަދަ ކަންކަމުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ވެސް ޑީޖޭއޭގެ ބަޔާނުގައިވެއެވެ.

އަދި ކޮރަޕްޝަނާއި ފަސާދައިގެ އަމަލެއް ހިންގައިފިނަމަ އެކަން ހުށަހެޅޭނެ މުއައްސަސާތައް ހުރިކަން ފާހަގަކޮށް، ޑީޖޭއޭ އިން ބުނީ، އެ ފުރުސަތުގެ ބޭނުން ކުރުމެއް ނެތި ފަނޑިޔާރުންނާ މެދު ދޮގު ތުހުމަތުތައް ކުރުމާއި އެފަދަ ވާހަކަތައް ފެތުރުމަކީ ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. އަދި އެފަދަ ފަރާތްތަކުގެ މަގްސަދަކީ ސިޔާސީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ނުބައި މަގްސަދުތައް ހާސިލްކުރުމާއި، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި، ބިރު ދެއްކުމާއި، އަދުލުއިންސާފު ގާއިމްކޮށް ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި، ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރުކޮށް ފަނޑިޔާރުގެ އިސްލާހުކުރަން ކުރާ މަސައްކަތް ހުއްޓުވަން މަސައްކަތް ކުރުންކަމަށް ޑީޖޭއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

ޑީޖޭއޭ އިން ވަނީ ނަފްރަތާއި ފިތުނަ ފަސާދަ އުފައްދަން އެފަދަ އަމަލުތައް ނުހިންގުމަށް އިލްތިމާސްކޮށް އެފަދަ ކަންކަން ކުރާ ފަރާތްތަކާއި މެދު ގާނޫނީ ފިޔަވަޅުތަށް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.