މާލޭ ކޮމާޝަލް ބަނދަރު އުތުރުފަރާތުން ނެރާ ދިމާ ކަނޑުމަތިން، ބޯޓަކާއި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ގެއްލުންތަކެއް ވެއްޖެއެވެ.

މިއަދު މެންދުރު ފަހު 1:00 ޖަހާކަން ހާއިރު ހިނގި މި ހާދިސާގައި ދެ އުޅަނދަށްވެސް އެކިވަރުގެ ގެއްލުންވެ، ބޯޓުގައި ހުރި މުދަލަށް ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގަން މެދުވަރިވީ މާލެ ނޯތު ހާބަރުން ނުކުތް ބޯޓު ވިލިމާލެއާ ދިމާއަށް ދަތުރު ކުރަމުން ދަނިކޮށް، ކޮމާޝަލް ހާބަރުން ފިލާ ބަރުކޮށްގެން ނުކުތް ދޯނި، ބޯޓުގެ ވާތްފަރާތު ފަހަތު ކަނުގައި ޖެހިގެން ކަމަށެވެ. މި އެކްސިޑެންޓުގައި ދެ އުޅަނދަށް ގެއްލުންވި އިރު، ބޯޓުގައި ހުރި ބައެއް މުދަލަށް ގެއްލުން ލިބުނު ކަމަށް ފުލުހުން ބުނެއެވެ.

ނަމަވެސް މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާ ނުވާކަމަށް ފުލުހުން ބުނެއެވެ. އަދި ދެ އުޅަނދު ދުއްވި ދެ މީހުން އަތުގައި ވެސް ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ ކަމަށާއި، އެކްސިޑެންޓްގައި ދޯނި ދުއްވި މީހާގެ އިހުމާލު އޮތްކަމަށް ބެލެވޭތީ އޭނާގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. ފަހަކަށް އައިސް ހިނގާ އެކްސިޑެންޓްތައް އިތުރުވެފައިިވާ އިރު، މިއީ މި ރޯދަ މަހު ކަނޑުމަތީގައި ހިނގި މިފަދަ ފުރަތަމަ ހާދިސާއެވެ.