އައިޖީއެމްއެޗްގެ އެމަޖެންސީ ޑިޕާޓްމަންޓުގައި އޭސީ އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
އައިޖީއެމްއެޗްގެ ހިދުމަތުގެ ފެންވަރު ދަށްވަމުންދާ ކަމަށް ބުނެ އާންމުން ދަނީ އެ ހޮސްޕިޓަލަށް ފާޑުކިއުން އަމާޒު ކުރަމުންނެވެ.
އެގޮތުން، ސިއްހީ ހިދުމަތް އެންމެ ބޮޑަށް ބޭނުންވާ ހާލުދެރަ ފަރާތްތަކަށް ހިދުމަތްދޭން ބޭނުންކުރާ އެމަޖެންސީ ރޫމުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ނުކުރެވި ދިވެހި ރައްޔިތުންގެ ފުރާނައަށް ނުރައްކާވާ ދަރަޖައަށް އެތަން ވެއްޓި ހާލުދެރަ ބަލި މީހުން ތިބޭ ސަރަހައްދުގެ އޭސީ ތައް ހަލާކުވެފަ ހުންނަތާ އެތައް މަސްތަކެއް ވޭތުވެގެން ދިޔަ އިރު ވެސް އެ ކަންކަމަށް ހައްލެއް ގެނެސްފައި ނުވާތީ ކަންބޮޑުވާކަމަށް ބުނެ ޕީޕީއެމުން ބަޔާނެއް ނެރެފައިވެއެވެ.
"އެމަޖެންސީ ރޫމަކީ ގިނަ އަދަދެއްގެ ބަލި މީހުން ތިބޭ ތަނަކަށްވެފައި އެ ތަނުގެ ހާލަތު ދަށްވެފައިވުމަކީ ހިތާމަހުރި ކަމެއްކަން މި ފުރުސަތުގައި ފާހަގަކުރަމެވެ. ރާއްޖޭގެ އެތައްހާސް ރައްޔިތުންނެއް ސިއްހީ ހިދުމަތް ހޯދުމަށް ދާ މައި ހޮސްޕިޓަލް ނުބެލެހެއްޓި ހާލަތު މިހާ ދަށުދަރަޖައަކަށް ވެއްޓިފައި ވުމަކީ ސަރުކާރުގެ ދޯހަޅިކަން ރަމުޒުކޮށްދޭ ކަމެއްކަން ފާހަގަކޮށް އެކަން ވީހާވެސް އަވަހަށް ހައްލު ކުރުމަށް މި ޕާޓީއިން އަދުގެ ސަރުކާރަށް ގޮވާލަމެވެ." ޕީޕީއެމްގެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.
އަދި އައިޖީއެމްއެޗްގެ ހިދުމަތުގެ ފެންވަރު ދަށްވަމުންދާ ކަމަށް ބުނެ ޕީޕީއެމުން ނެރުނު މި ނޫސް ބަޔާނުގައި އެތައްހާސް ރައްޔިތުންނެއް ކޮންމެދުވަހަކު ހިދުމަތް ހޯދުމަށް ދާ ރާއްޖޭގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗް ނުބެލެހެއްޓި ހިދުމަތްތަކުގެ ފެންވަރު ދައްވަމުންދާތީ އެ ޕާޓީއިން ކަންބޮޑުވާ ކަމަށް ބުނެފައިވެއެވެ.