ސިނަމާލެ ބްރިޖް މަތިން ސައިކަލުގައި ދިޔަ މީހަކު އޯވާޓޭކް ކުރަން އުޅެނިކޮށް ގޮސް ކާރެއްގައި ޖެހި 116 ފޫޓަށް ކަހާލައިގެން ގޮސް ސައިކަލެއްގައި ޖެހި އެކްސިޑެންޓް ވެއްޖެއެވެ.

ފުުލުހުން ބުނީ މިއަދު ހެންދުނު 9:15 ހާއިރު، ހުޅުމާލެ އިން މާލެ އަށް ދުއްވާފައި ދިޔަ ދެ ސައިކަލެއް އެކްސިޑެންޓް ވެފައިވާ ކަމަށެވެ. މި ހާދިސާ ހިނގީ، ސައިކަލެއްގައި ދިޔަ މީހަކު އޯވާޓޭކް ކުރުމަށް ކާރު ލޭނަށް އެރި ވަގުތު އެ ލޭނުން ދުއްވާފައި ދިޔަ ކާރެއްގައި ޖެހި، ކަހާލައިގެން ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މި މީހާ ކާރުގައި ޖެހުމަށް ފަހު 116 ފޫޓަށް ކަހާލައިގެން ގޮސް ދުއްވާފައި ދިޔަ އެހެން ސައިކަލެއްގައި ޖެހުނު ކަމަށެވެ.

މި ހާދިސާގައި ސައިކަލު ދުއްވި މީހާގެ ގައިގެ އެކި ތަންތަނުން މަށައިގެން ގޮސް، އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ. އޭނާއަށް މިހާރު އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް، ފަރުވާ ދެމުންދާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި މި މީހާގެ ސައިކަލު ކަހާލައިގެން ގޮސް ޖެހުނު ސައިކަލުގައި ތިބި ދެ މީހުންނަށް ވެސް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި ހާދިސާގައި ސައިކަލު ދުއްވަން އިނީ 20 އަހަރުގެ ލައިސަންސް ނޯންނަ މީހެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި އޭނާ ދުއްވަން އިން ސައިކަލު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

މިހާރަކަށް އައިސް، މިފަދަ އެކްސިޑެންޓްތައް ރާއްޖޭގައި ގިނަ ވެފައިވާކަން ފާހަގަ ކުރެވެއެވެ. އެގޮތުން، މި ރޯދަ މަހުގެ ފުރަތަމަ ހަފްތާގައި ވެސް މާލެ ސަރަހައްދުގައި 50 އާށް ވުރެ ގިނަ އެކްސިޑެންޓް ވަނީ ހިނގާފައެވެ.