ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ހުކުމް ތަންފީޒުކުރުމުގެ މައްސަލަ ސިވިލް ކޯޓުން ހިންގަނީ ހުކުމް ތަންފީޒުކުރުމުގައި އަމަލުކުރާ އުސޫލުތަކާ ހިލާފަށް ކަމަށް ވާތީ ހުކުމް ތަންފީޒުކުރުމުގެ މައްސަލަ ބާތިލުކުރަން އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން އެދިއްޖެއެވެ.

އޭޖީ އޮފީހުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެ ހުކުމްގެ ތަންފީޒު މައްސަލަ ސިވިލް ކޯޓުން ހިންގަން ފަށާފައި ވަނީ އެ ކޯޓުން ސެޕްޓެމްބަރު 2، 2015 އިން ފެށިގެން އަމަލު ކުރަމުން ގެންގޮސްފައިވާ "ކޯޓުން އިސްނަގައިގެން ހުކުމް ތަންފީޒު ކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" އާ ހިލާފަށް ކަމަށެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ސިވިލް ކޯޓުން ކުރި އެ ހުކުމުގައި، ހުކުމުގައި ވާގޮތަށް އަމަލުކުރަން ކަނޑައަޅާފައިވާ މުއްދަތަކީ އޮކްޓޯބަރު 23، 2014 އިން ފެށިގެން ހަ މަސް ދުވަހުގެ މުއްދަތައް ކަމަށާއި، ނަމަވެސް ޖޫން 26، 2018 ގައި ހައިކޯޓުން އެ ހުކުމް ބާތިލްކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ. އެހެންކަމުން ސުޕްރީމް ކޯޓުގެ ހުކުމަށް ބަލައި ސިވިލް ކޯޓުގެ ހުކުމަށް އަމަލުކުރުމުގައި މިހާރު މުއްދަތު ގުނަން ފަށާނެ ތާރީހެއް ކަމަށް ބަލަންޖެހޭނީ ސުޕްރީމް ކޯޓުން ހުކުމް ކުރި ތާރީހުން ފެށިގެން ހަ މަސް ދުވަސް ކަމަށް އެޓާނީ ޖެނެރަލް އޮފީހުގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން، ހުކުމް ތަަންފީޒުކުރުމުގައި ސިވިލް ކޯޓުން އަމަލުކުރަމުން އަންނަ އުސޫލުން، ފެބްރުއަރީ 15، 2015 ގެ ފަހުން ކޮށްފައިވާ ހުކުމްތަކުގެ ތެރެއިން މަހަކު ވަކި ވަރެއް ދައްކަމުން ގޮސް އެ ފައިސާ ހަލާސްކުރާގޮތަށް ހުކުމްކޮށްފައިވާ މައްސަލަތަކުގައި، އެ މަހަކަށް ދައްކަންޖެހޭ ވަރު އެ މަހަކު ދައްކަމުން ނުދާކަން ނުވަތަ ފައިސާ ހަލާސްކޮށްފައިވާކަން އަރަނިވެރިޔާގެ ފަރާތުން އަންގާފައި ނުވާނަމަ، އެ ހުކުމް ތަންފީޒުކުރުމަށް ކޯޓުން އިސްވެ ފަށާނީ ފައިސާ ދައްކާ ހަލާސްކުރަން ކަނޑައަޅާފައިވާ މުއްދަތަށް ފަހު ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. ނަމަވެސް ދީބާޖާ މައްސަލަ ހިންގާފައިވަނީ އެ އުސޫލާ ހިލާފަށް ކަން އޭޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި އެ ހުކުމަކީ ފެބްރުއަރީ 15، 2015 ގެ ކުރިން ކޮށްފައިވާ ހުކުމެއް ކަމުން، އުސޫލުގައިވާ ގޮތުން، އެފދަ ހުކުމެއް ތަންފީޒުކުރުމަށް ކޯޓަށް ހުށަހަޅަން ޖެހޭނީ ކަމާބެހޭ ފޯމަކުން ކަމަށާއި، އެ މައްސަލައެއް ހުކުމް ތަންފީޒު ޑިވިޝަނަށް ފޮނުވުމުގެ ކުރިން ސުލްހަވެރި ހައްލެއް ހޯދުމަށް ޑިސްޕިއުޓު ރިޒޮލިއުޝަންް ޑިވިޝަނަނަށް ފޮނުވާ ގޮތަށް ކަނޑައަޅާފައިވީނަމަ ވެސް، ކަންކަން އެގޮތަށް ފުރިހަމަކޮށްފައި ނުވާކަމަށް އޭޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި އެ ހުކުމް ތަންފީޒު ކުރަން ކަމަށް ބުނެ، މިދިޔަ ހޯމަ ދުވަހު ސިވިލް ކޯޓުގައި ބޭއްވި އަޑުއެހުން ސިއްރު ކުރީ ގާނޫނުއަސާސީގެ އެފަދަ އަޑުއެހުމެއް ސިއްރު ކުރަން ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެގެން ނޫން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އަޑުއެހުމުގައި ދެއްކި ވާހަކަތަކުގެ ސިއްރު ހިފަހައްޓަންޖެހޭ ކަމަށް ޝަރީއަތުގެ މަޖިލީހުގައި އިއުލާންކޮށްފައި ނުވާ ކަމަށް ބުނެ، ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ދީބާޖާގެ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމުގައި ކަން ހިނގާ ދިޔަ ގޮތުގެ މައުލޫމާތު ސިވިލް ކޯޓުން މީޑިއާއަށް ހާމަކޮށްފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން ދައުލަތުގެ މާލީ ބޮޑު މަސްލަހަތެއް ޝާމިލުވާ މައްސަލައެއްގައި އާންމުކޮށް ހުޅުވައިލައިގެން ބާއްވާ އަޑުއެހުމެއްގައި ކަންހިނގާދިޔަ ގޮތުގެ ފުރިހަމަ މައުލޫމާތު އާންމުކޮށް އެންމެހައި ފަރާތްތަކަށް ލިބިދިނުމަށް ހުރަސް އެޅުނު ކަމަށް އެޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިއެވެ.