އީރާނާ ދެކޮޅަށް ހަނގުރާމަ ކުރާކަށް އެމެރިކާއިން ނޫޅޭ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯ ވިދާޅުވެއްޖެއެވެ.

ރަޝިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިފަދަ މޭރުމަކުން ޕޮމްޕޭއޯ ވާހަކަފުޅު ދައްކަވާފައިވާ މިދަނޑިވަޅަކީ އެމެރިކާގެ ޒަމާންވީ ހަތުރުގެ ގޮތުގައި އީރާނާ އެމެރިކާއާއި ދެމެދު ދެންމެދެންމެ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރުވެރިކަން އިންތިހާއަށް އިތުރުވެފައިވާ ދަނޑިވަޅެކެވެ.

މެދުއިރުމަތީ އަރަބި ގަލްފު ކަނޑުގެ ސަރަހައްދުގައި އެމެރިކާގެ އަސްކަރީ ހަރަކާތްތައް ވެސް މިދަނޑިވަޅުގައި އޮތީ އިހުނަށްވުރެ ވަރުގަދަކޮށްފައި ކަމަށްވާއިރު، މިއީ އީރާނަށް ލިބޭ އިންޒާރެއް ނޫންކަމަށާއި، މިއީ އީރާނުން ހަމަލާ ދިނުމަށް ކަނޑައެޅޭ އަމާޒުފަތްގަނޑެއް ކަމަށް އީރާނުން ވަނީ ބުނެފައެވެ.

ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގެއި ލަވްރޯފްއާއި ބައްދަލުކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ޕޮމްޕޭއޯ ވިދާޅުވީ، އެމެރިކާގެ މަސްލަހަތު އޮތް ކަމަކަށް އީރާނުން ހަމަލާ ދީފިނަމަ އެކަށީގެންވާ މޭރުމަކުން އެމެރިކާވެސް ރައްދު ހަމަލާ ދޭނެ ކަމަށެވެ.

ކަންމިހެންއޮތްއިރު އީރާނުގެ ރޫހީ ލީޑަރުވަނީ އެމެރިކާއިއެކު މަޝްވަރާކުރަން ބޭނުން ނުވާކަމަށް ބުނެފައެވެ. ނަމަވެސް އީރާނުގެ ރައީސް ހަސަން ރޫހާނީ ވަނީ އީރާނުންވެސް ހަނގުރާމައެއް ކުރަން ނޫޅޭ ކަމަށް ވިދާޅުވެފައެވެ.