ކެއިންބުއިމުގެ އާދަތަކަށް އަންނަ ބަދަލާއެކު ބައެއް މީހުންނަށް ރަމަޟާން މަސްވަނީ ހަށިގަނޑުން އެތައް ތަނެއް ލުއިކޮށްލާ މަހަކަށެވެ. އަނެއްބަޔަކަށް ވަނީ ދިމާ އިދިކޮޅަށެވެ. އާދަޔާ ޚިލާފަށް ހަށިގަނޑު ފަލަވަނީއެވެ. ގިނަ މީހުން ތިބީ އިސްވެ ދެންނެވުނު 2 ހާލަތުގެ ތެރެއިން ފަހު ހާލަތުގައެވެ. ނަފްސާނީ ގޮތުން އިންސާނީ ސިކުނޑި ގަބޫލުކުރަނީ ވެސް އެގޮތް ކަންނޭނގެއެވެ. އެހޭ ކިއާ، ހަށިގަނޑަށް ސަރުބީކޮޅެއް ދިޔަނުދީ، ސައްތަ އިންސައްތަ "ފެޓްފްރީ" ނުވަތަ "ލޯފެޓް" ކޮށްލުމަކީ ސިއްހަތަށް އެންމެ އެދެވޭ ގޮތް ނޫންކަން ހަނދާނުގައި ބަހައްޓަންޖެހެއެވެ.

ފާހަގަކުރަންޖެހޭ ކަމަކީ "ފެޓްފްރީ" ނުވަތަ "ލޯފެޓް" އުފެއްދުންތަކަކީ އޭގައި ސަރުބީ އެކުނުލެވޭ އުފެއްދުންތަކަކަށްވެފައި އޭގައި މީރު ރަހަ ލައްވާ، އެ އުފެއްދުމުގެ އޮލަ ހެޔޮވަރު ކުރުމަށްޓަކައި އާޓިފިޝަލް ހަކުރާ ވިހަ ކެމިކަލްގެ މާއްދާތައް ބޭނުން ކުރަމުންދާކަމެވެ.

އިންސްޓަންޓް ކޮފީ، އޯޓްމީލް ކުކީޒް އަދި ތައްޔާރީ ނާސްތާއަށް ބަލާއިރު އެ އުފެއްދުމަކުން ލިބޭ ކެލަރީޒްގެ 25 ޕަސެންޓާއި 60 ޕަސެންޓާ ދެމެދު މިންވަރެއް ހިއްސާކުރަނީ ހަކުރުންނެވެ.

ތިބާގެ ޑައެޓަކީ ސިއްހަތަށް ފައިދާކުރަނިވި ޑައަޓަކަށް ހެދުމަށްޓަކައި ގުދުރަތީ ގޮތުން ސަރުބީގެ ބައި މަދު އުފެއްދުންތައް ހިޔާރުކުރުން ބުއްދިވެރިއެވެ. އޭގެ ތެރޭގައި ތާޒާ މޭވާއާއި ތަރުކާރީ ހިމެނެއެވެ. ފަހަރެއްގައިވެސް ދަޅުދަޅުގައި ބަންދުކޮށްފައި ހުންނަ އުފެއްދުންތަކެއް ނޫނެވެ. ހަމަ މިފަދައިން، ގުދުރަތީ ގޮތުން ފެޓީ އެސިޑް އެކުލެވޭ އުފެއްދުންތައް ބޭނުންކުރުންވެސް ބުއްދުވެރިއެވެ. އޭގެ ތެރޭގައި މަސް، ބަދަން، އަވޮކާޑޯ އަދި ޒައިތޫނި ތެޔޮ ފާހަގަކުރެވެއެވެ.

ގަބޫލުކުރަންޖެހިފައިވާ ހަގީގަތަކީ "ފެޓްފްރީ" ނުވަތަ "ލޯފެޓް" އުފެއްދުންތަކުގެ ގޮތުގައި ވިއްކާ ތަކެއްޗަށް ބަރޯސާވުމަކީ އޭގެ ނަތީޖާ އަނެއްކޮޅުން ފެންނާނެ ކަމެއް ކަމެވެ. "ފެޓްފްރީ" ނުވަތަ "ލޯފެޓް" ނޫން އިތުރު ބާވަތެއް ބޭނުން ނުކުރާނަމަ، ހަށިގަނޑުގެ ބަރުދަން އިތުރުވެގެންދާގޮތް މެދުވެރިވާނެކަމެވެ.