ރަމަޟާން މަހަކީ ކެއިންބުއިމުގެ އާދަތަކަށް ބޮޑެތި ބަދަލުތަކެއް އަންނަ މައްސަރެކެވެ. ވަކިން ހާއްސަކޮށް ކާ ގަޑިތަކަށް އަންނަ ބަދަލުތަކާއެކު، ބައެއް މީހުންނަށް ކެވޭ މިންވަރަށްވެސް ބަދަލު އާދެއެވެ. ރަމަޟާން މަސް ނޫން ދުވަސްވަރެއްގައި ދުވާލެއްގެ މައްޗަށް 4 ރޮށިން ފުދޭ މީހަކަށް ރަމަޟާން މަހުގެ އިފްތާރާ، ތަރާވީހާ ސުހޫރުގެ ވަގުތަށް ބަހާލައިގެން 7 ރޮށިންވެސް ނުވެފައި އޮންނަ ފަހަރު އާދެއެވެ. މިއީ އާންމުކޮށް ދިމާވާ ކަމަކަށް ވެއްޖެނަމަ، ސިއްހީ އެހީތެރިއެއްގެ އިރުޝާދު ހޯދަންވާނެއެވެ.

ކިތަންމެ ރަނގަޅަކަށް ކައި ނިންމާލިއަސް ބަނޑު ނުފުރޭހެން ހީވުން ނުވަތަ ކައި ނިމޭތާ ކުޑައިރުކޮޅެއްގެ ތެރޭގައި އަނެއްކާވެސް ކާން ބޭނުންވެދާނެ ބައިވަރު ސަބަބުތައް އެބަހުއްޓެވެ. އެ ސަބަބުތަކުގެ ތެރޭގައި:

  • މަސައްކަތް ބުރަވުމާ ސްޓްރެސް (ހާސްކަމާ ނުތަނަވަސްކަން)
  • ހަމަ ނިދި ނުލިބުން
  • ސަރުބީގެ ބާވަތްތަކާ އާދައިގެ ކާބޯހައިޑްރޭޓްސްގެ މިންވަރު އިތުރުވެފައި ހުންނަ ކާބޯތަކެތި މާ ގިނައިން ބޭނުންކުރުން (ތައްޔާރީ ފާސްޓްފުޑް، މެޓާ) އަދި އެކި ކަހަލަ ކާބޮނޭޑަޓް ބުއިންތައް މާ ގިނައިން ބޭނުން
  • ބޭސް ބޭނުންކުރުން (އެންޓިހިސްޓަމީންސް، އެންޓިޑިޕްރެސަންޓްސް، ސްޓްރޮއިޑްސް، އެންޓިސައިކޮޓިކްސް އަދި ހަކުރުބަލީގެ ބޭސްތައް)
  • ތައިރޮއިޑް މައްސަލަ ހުރުން
  • ބަލިވެއިނުން ފަދަ ސަބަބުތައް ހިމެނެއެވެ.

މިއިން އެއްވެސް އަލާމަތެއް ފާހަގަކުރެވި، އާދަޔާ ހިލާފު ގިނައިން ކެވޭ ގޮތް ވާނަމަ، ނިއުޓްރިޝަނިސްޓެއް އަދި ފިޒީޝަނެއްގެ އިރުޝާދާ ލަފާ، ވީ އެންމެ އަވަހަށް ހޯދަންވާނެއެވެ. މިފަދަ އަލާމާތްތަކަކީ ސަކަރާތަކަށް ހެދުމުގެ ބަދަލުގައި، މިއީ ދުޅަހެޔޮ ސިއްހަތެއްގައި ދިގުއުމުރެއް ވޭތުކުރުމަށްޓަކައި ކޮންމެހެން ސަމާލުވާންވީ އަލާމާތްތަކެކެވެ.