ސްރީލަންކާގައި ދިރިއުޅެމުންދާ މުސްލިމުންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކާ، ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް 20 އަށްވުރެ ގިނަ މީހުން ގެންގޮސްފައިވާކަމަށް ޚަބަރު ލިބިއްޖެއެވެ.

ސްރީލަންކާގައި ދިރިއުޅޭ މުސްލިމުންނާ، މުސްލިމުންގެ މުދަލާ ތަކެއްޗާއި މުސްލިމުންނަށް ނިސްބަތްވާ ތަންތަނަށް އަމާޒުކޮށް އެގައުމުގައި ދެމުންދާ ވަރުގަދަ ހަމަލާތަކަކީ އޭޕްރިލް 21 ވަނަ ދުވަހު ސްރީލަންކާއަށް ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން މުސްލިމުންނާ މެދު ފިތުނަވެރިކަން އުފެއްދުމަށް ބަޔަކު މަސައްކަތް ކުރަމުންދަނިކޮށް، އޭގެ ފަހުން ސޯޝަލް މީޑިއާގައި ހިންގި ދެބަސްވުންތަކަކާއި ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުން އުފެދިގެން އުޅޭ، ނުރައްކާތެރި ހަމަނުޖެހުންގަނޑެކެވެ.

މުސްލިމުންނަށް ހަމަލާ ދިނުމަށް ކަނޑިއާއި ދަގަނޑުބުރިއާ ލަޓިބުރިތައް ހިފައިގެން އެގައުމުގެ އެކި ހިސާބުތަކުގައި އާންމުންގެ ބަޔަކު ނިކުމެގެން ހަރަކާތްތެރިވަމުންދާއިރު، މުސްލިމުންނަށް އެކަށީގެންވާ ހިމާޔަތް ނުލިބޭ ކަމުގެ ޝަކުވާ ވަނީ އުފުލާފައެވެ.

ދިފާއީ އަދި ސަލާމަތީ ބާރުތަކުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާ، މުސްލިމުންނަށް ހިމާޔަތް ނުދޭ މައްސަލަ ފެންމަތިވެފައިވާއިރު، ނަސްލީ އަދި ދީނީ ގޮތުން ފިކުރު ތަފާތު މީހުން ދެމުންދާ ހަމަލާތަކުން ދިފާއުވުމަށް ބައެއް ސަރަހައްދުތަކުގައި ދިރިއުޅޭ މުސްލިމުން ފިލާ ތިބެނީ ދަނޑުބިންތަކަ ހަނޑާހައްދާ ޗަކަ ބިންތަކުގެ ތެރޭގައި ކަމަށް މައުލޫމާތު ލިބެއެވެ.

މުސްލިމުންނަށް އަމާޒުކޮށް ސްރީލަންކާގެ އުތުރުގެ ސަރަހައްދުތަކުގައި ވަރުގަދަ ހަމަލާތައް ދެމުންދާއިރު، މުސްލިމުންގެ މިސްކިތްތައް ސުންނާފަތިކޮށްލާފައިވާއިރު، ކީރިތި ޤުރުއާނުގެ މުސްޙަފުތަކުގައި ހުޅުޖަހާ ހަދާފައިވާކަމަށްވެސް ޚަބަރު ލިބެއެވެ.

22 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސްރީލަންކާގެ އާބާދީގައި މުސްލިމުން ހިއްސާކުރަނީ %10އެވެ. ނަމަވެސް ދުނިޔޭގެ އެކި ހިސާބުތަކުން ގިނަ އަދަދެއްގެ މުސްލިމުންނަކީ މިހާރުވެސް ސްރީލަންކާއަށް ދިރިއުޅުން ބަދަލުކޮށްގެން އެގައުމުގައި ދިރިއުޅެމުންދާ ބައެކެވެ.

ސްރީލަންކާ ފުލުހުންގެ ތަރުޖަމާނު ރުވާން ގުނަސޭކަރު ވިދާޅުވީ މަސްރަހު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށާ، އިތުރު ހަމަނުޖެހުންތަކެއްގެ ރިޕޯޓެއް އަންގާރަ ދުވަސް ނިމިގެންދިޔައިރުވެސް ލިބިފައި ނުވާކަމަށެވެ. ރޭ 09:00 އިން ފެށިގެން ފަތިހު 04:00ގެ ނިޔަލަށް މުޅި ސްރީލަންކާގައި ކާފިއު އިއުލާންކޮށްފައި އޮތްއިރު، ހަމަނުޖެހުންތައް އެންމެ ހޫނުވެފައިވާ ބައެއް ސަރަހައްދުތަކުގައި އަދިވެސް އޮތީ ވަކި މުއްދަތެއް ނެތް ގޮތަށް ކާފިއު އިއުލާންކޮށްފައެވެ.

ސްރީލަންކާއަކީ ގިނަ އަދަކަށް ދިވެހިންވެސް ދިރިއުޅެމުންދާ ގައުމަކަށްވާއިރު، ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން ދޭ އޯޑަރުތަކަށް އިހުތިރާމު ކުރުމަށް ދިވެހި ޚާރިޖިއްޔާއިންވަނީ ގޮވާލާފައެވެ.