މީގެ ފަސް އަހަރު ކުރިން ހައްޖަށް ދިއުމަށް އަލްފަތުހު އެންޑް އުމްރާ ގްރޫޕަށް ފައިސާ ދެއްކި މީހުން މިމަހު 30 ވަނަ ދުވަހުގެ ކުރިން މޯލްޑިވްސް ޕޮލިސް ސާވިސަސް އަށް ގުޅަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އަންގައިފިއެވެ.

ޕީޖީ އޮފީހުން ބުނީ 1435 ވަނަ އަހަރު ހައްޖަށް ދިއުމަށް ފަތުހު ޖަމާއަތަށް ފައިސާ ދެއްކި މީހުންގެ ތެރެއިން ބައެއް މީހުންނަށް އަދިވެސް ގެއްލުމުގެ ބަދަލު ލިބިފައި ނުވާ ކަމަށެވެ. އަދި މި މީހުންނަށް ގުޅޭގޮތް ވެފައި ނުވާތީ، މި މައްސަލައިގައި ގެއްލުމުގެ ބަދަލު އެއްވެސް ގޮތަކަށް ނުލިބޭ މީހުން ފުލުހުންގެ 9690048، މި ނަންބަރަށް ގުޅުމަށް އެ އޮފީހުން އެދެއެވެ.

ފަތުހު ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު، މުސްތަފާ މުހައްމަދު ދީދީ، ވަނީ މީގެ ފަސް އަހަރު ކުރިން އެ ކުންފުނީގެ ގާނޫނީ ޝަހްސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް، ހައްޖަށް މީހުން ގެންގޮސްދޭނެ ކަމަށްބުނެ، އޮންނަ އުސޫލާ ހިލާފަށް ގިނަ އަދަދެއްގެ މީހުން އަތުން މަކަރާއި ހީލަތުން ފައިސާ ހޯދައިފައެވެ. މި މައްސަލައާ ގުޅިގެން މުސްތަފާގެ މައްޗަށް ކްރިމިނަލް ކޯޓުން ހުށަހެޅި މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ސާބިތު ނުވުމާއި ގުޅިގެން ޕީޖީ އޮފީހުން ވަނީ މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފަށް އެދިފައެވެ.