ކ. އޮޅުވެލި ބީޗް އެންޑް ސްޕާ ރިސޯޓުގައި މިއަދު ހިނގި ހަމަނުޖެހުމެއްގައި އެ ރިސޯޓުގެ ބައެއް މުދަލަށް ގެއްލުން ދީފިއެވެ. ފުލުހުން ބުނީ އެރިސޯޓުގައި ކޮންޓްރެކްޓަށް މަސައްކަތް ކުރާ ބަޔަކު އަމަން ނަގާލައި ހަޅުތާލުކޮށް ރިސޯޓުގެ މުދަލަށް ގެއްލުން ދިން މައްސަލައެއް ބަލަމުން ދާ ކަމަށެވެ. 'ދަ ޕްރެސް' އަސް އެނގިފައިވާ ގޮތުގައި މިއަދުގެ ހަމަ ނުޖެހުމުގައި އެމީހުން ގެއްލުން ދިން ތަންތަނުގެ ތެރޭގައި ޕްރޮޖެކްޓް އޮފީސްވެސް ހިމެނެއެވެ.
މިއަދު އެ ރިސޯޓުގައި ހަމަނުޖެހުން ހިންގީ މީގެ ދެތިން ދުވަސް ކުރިން ހަމަނުޖެހުން ހިންގި މީހުން ނޫން ކަމަށާ މިއަދު ހަމަނުޖެހުން ހިންގީ އެމީހުން ލައްވާ މަސައްކަތް ކުރުވާ ފަރާތުން 3 މަހުގެ މުސާރަ ނުދީގެން ހަޅުތާލު ކުރި ބައެއް ކަމަށެވެ. އަދި ހުކުރު ދުވަހު ހަޅުތާލު ކުރި މީހުން ހަޅުތާލު ކޮށްފައިވަނީ 1 މަހުގެ މުސާރައިގެ މައްސަލައިގައި ކަމަށްވެސް ވަނީ އެނގިފައެވެ.
މިދިޔަ ހުކުރު ދުވަހު ހަޅުތާލުކޮށް ހަމަނުޖެހުން ހިންގަން މަސައްކަތް ކުރި މީހުންނަށް މުސާރަދޭން ހަމަޖައްސާފައި އޮތީ އިއްޔެއެވެ. ނަމަވެސް އެމީހުނަށް މުސާރަ ދިންކަން އަދި ވަނީ ޔަގީން ނުކުރެވިފައެވެ. 'ދަ ޕްރެސް' އެނގިފައިވާ ގޮތުން އެމީހުނަށް އިއްޔެ ދިނުމަށް ނިންމާފައި އޮތީ މުސާރައަށް ވާ ފައިސާގެ ތެރެއިން 400 ލައްކަ ރުފިޔާއެވެ. އެނގިފައިވާ ގޮތުގައި މިއަދު ހިންގި ހަމަނުޖެހުންތަކުގައި ހުކުރު ދުވަހުގެ ހަމަނުޖެހުމުގައި ހިމެނޭ މީހުން ބައިވެރިއެއް ނުވެއެވެ. 'ދަ ޕްރެސް' އާ މައުލޫމާތު ހިއްސާކުރި ފަރާތަކުން ބުނެފައިވަނީ އެ ރިސޯޓުގައި މަސައްކަތް ކުރާ ބައެއް ފަރާތްތަކަށް 10 މަހުގެ މުސާރަވެސް ނުދީ އެބަ ހުރި ކަމަށެވެ.
މިކަމާ ގުޅޭގޮތުން ސަން ކޮންސްޓްރަކްޝަންގެ ބަހެއް ލިބޭގޮތް ވެފައި ނުވާއިރު އެ ރިސޯޓުގައި ހިންގާ މަސައްކަތް ސަބްކޮންޓްރެކްޓަށް ހަވާލުވެ ހުރީ އިބްރާހިމް އަލީ (ބަހާރޭ) ކަމަށް ލިބިފައިވާ މައުލޫމާތާ ގުޅިގެން 'ދަ ޕްރެސް' އިން އޭނާއާ ގުޅުމުން ބުނީ އޭނާއާއި ސަން ކޮންސްޓްރަކްޝަނާ ދެމެދު ހަދާފައި އޮތް އެއްވެސް އެގްރީމެންޓެއް ނޯންނާނެ ކަމަށާ، އެ ރިސޯޓުގައި ސްޓާފުންގެ އިތުރުން ދުވަހު މުސާރައަށް މަސައްކަތް ކުރާ މީހުން ހަމަ ނުޖެހުމުގައި ބައިވެރިވި ކަން އޭނާއަށް އެނގިފައިވާ ކަމަށެވެ. އަދި އޭނާއަކީ ސަން ކޮންސްޓްރަކްޝަނުގެ މުސާރައިގައި ހުރި މީހެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. އިތުރަށް އޭނާ ބުނީ އެ ރިސޯޓުގައި ދުވަހު މުސާރައަށް މަސައްކަތް ކުރަން އުޅޭނީ 10 ވަރަކަށް މީހުން ކަމަށާ، އެމީހުންނަކީ ސަން ކޮންސްޓްރަކްޝަނުގެ މުސާރަގައިގައި ތިބި މީހުން ކަމަށެވެ.
225 ވިލާ ހުންނަ އެރިސޯޓުގައި މިދިޔަ ހުކުރު ދުވަހު ހިންގި ހަމަނުޖެހުމުގައި 50 އަށް ވުރެ ގިނަ ބިދޭސީ މުވައްޒަފުން ލަކުޑި ބުރި އާއި ދަނޑިބުރިފަދަ ތަކެއްޗާއެކު ހަޅުތާލުކޮށް ގެސްޓު އޭރިޔާ އަށް ވަނުމަށް މަސަތްކަތް ކޮށްފައި ވެއެވެ.