ހައްޖުގެ ކަންކަން ހަރުދަނާކަމާއެކު ތަންފީޒު ކުރުމަށް ގާނޫނެއް އެކުލަވާލަން ޖެހޭ ކަމަށް ހައްޖު އިންތިޒާމު ކުރުމުގެ ނިޒާމާއި ގުޅޭ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރިޕޯޓުން ދައްކައިފިއެވެ.

އޭސީސީން މިއަދު މި ރިޕޯޓް އާންމު ކުރީ، ހައްޖު އިންތިޒާމު ކުރުމުގެ ނިޒާމުގައި ހިމެނޭ ކޮރަޕްޝަންގެ ހިރާސް ދެނެގަނެ އެހިރާސްތައް ކުޑަކުރުމަށް ލަފާދިނުމުގެ ބޭނުމުގައި ކަމަށް އެ ކޮމިޝަނުން ބުނެއެވެ. މި ރިޕޯޓު އާންމު ކުރީ އޭސީސީގެ ކޮންފަރެންސް ހޯލްގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އޭސީސީގެ މެންބަރު ޔަޒްމީދު މުހައްމަދު މި ރިޕޯޓް ނެރެދެއްވި އިރު، ރިޕޯޓް އާންމު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި އޭސީސީގެ ބައެއް އިސްވެރިންނާއި މުވައްޒަފުން ބައިވެރިވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭސީސީގެ މެމްބަރު އާމިނަތު މިންނާ ވަނީ ހައްޖުގެ އަޅުކަމަކީ ދިވެހީން ނުހަނު އިސްކަމެއް ދީގެން އަދާކުރާ އަޅުކަމެއް ކަމަށާއި، އެ ކަން އިންތިޒާމު ކުރުމުގައި ހިންގާ ކަންކަން ކޮރަޕްޝަނުގެ ހިރާސްއިން ސަލާމަތް ވެފައިވުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ. މިންނާ ވަނީ އޭސީސީން އާންމު ކުރި ރިޕޯޓްގައި ފާހަގަކޮށްފައި ކަންކަން އިސްލާހު ކުރުމަށް ކަމާގުޅުންހުރި ދައުލަތުގެ އެންމެހައި އިދާރާތަކުން މަސައްކަތްކޮށް ދެއްވުމަށް އިލްތިމާސް ކުރައްވާފައެވެ.

ހައްޖު އިންތިޒާމްކުރުމުގެ ނިޒާމާއި ގުޅޭ ރިޕޯޓަށް އޭސީސީން ކުރި ދިރާސާއިން ހާމަވަނީ ހައްޖު އިންތިޒާމު ކުރުމުގެ މަސައްކަތްތަކާ ގުޅޭ ހަރުދަނާ ގާނޫނީ އޮނިގަނޑެއް ނެތްކަމާއި، ހައްޖުގެ ކަންކަން ހަރުދަނާ ކަމާއެކު ތަންފީޒު ކުރުމަށް ގާނޫނީ އޮނިގަނޑެއް އެކުލަވާލުން މުހިންމުވެފައި ވާކަމެވެ. އަދި ހައްޖު ކޯޓާގެ ކަންކަން އިންތިޒާމު ކޮށްފައިވާ ގޮތާއި، ހައްޖަށް މީހުން ގެންދިޔުމަށް ފައިސާ ނެގުމާ ގުޅިގެން ފާހަގަ ކުރެފައިވާ މައްސަލަތަކުގެ އިތުރުން، ހައްޖު މިޝަންގެ މަސައްކަތްތަކާ ގުޅިގެން ކުރިމަތިވާ މައްސަލަތައް ވެސް މި ރިޕޯޓުން ހާމަވެއެވެ. މީގެއިތުރުން، ބައެއް ގަވާއިދުތަކާއި އުސޫލުތަކަށް ކުންފުނިތަކާއި ހާޖީން އަހުލުވެރި ކުރުމުގެ މުހިންމުކަން އަދި މުޠައްވިފުންނާ ގުޅިގެން ފާހަގަކުރެވިފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތްކުރަން ޖެހިފައިވާކަން ފާހަގަކުރެވުނެވެ.

އޭސީސީން މި ދިރާސާއިން ލިބުނު މައުލޫމާތަށް ބިނާކޮށް ބުނީ، ހައްޖަށް މީހުން ގެންދިއުމުގެ ކަންކަން އިންތިޒާމު ކުރުމުގެ ނިޒާމުގައި ހުރި ގޮންޖެހުންތަކުން އަރައިގަނެ، އެ ނިޒާމު ހަރުދަނާކޮށް ރައްޔިތުންގެ އިތުބާރު ލިބިފައިވާ ނިޒާމެއް ބައްޓަން ކުރެވޭނީ ދުނިޔޭގެ ކާމިޔާބު މޮޑެލްތަކުގެ ކާމިޔާބީ ބަލައި، އެފަދައިން މަސައްކަތް ރޭވި އިންތިޒާމު ކުރެވިގެން ކަމަށެވެ. އޭސީސީން ވަނީ މި ދިރާސާއަށް އެހީވި ފަރާތްތައް ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ. އެ ފަރާތްތަކަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، މޯލްޑިވްސް ހައްޖު ކޯޕަރޭޝަން، ސިސިލްފަރު ހައްޖު ޢުމްރާ ގުރޫޕްގެ އިތުރުން އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑްގެ ވެރިންނާއި މުވައްޒަފުން އަދި ހައްޖަށް މީހުންގެ ގެންދިއުމުގެ އިންތިޒާމުތަކުގެ ތެރެއިން ހިދުމަތް ހޯދި ފަރާތްތަކެވެ.