މި އަހަރުގެ މިހާތަނަށް ޑެންގީއާއި ޗިކުންގުންޔާ ޖެހިގެން ރިޕޯޓްކުރި އަދަދު އިތުރުވަމުންދާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެ އެޖެންސީން ބުނީ ވޭތުވެ ދިޔަ އަހަރު ތަކުގެ ޖަނަވަރީ އިން އޭޕްރީލް މަހަށް ޑެންގީ ޖެހޭ މިންވަރަށް ބަލާއިރު، މި އަހަރުގެ ޖަނަވަރީ އިން އޭޕްރީލް މަހަށް ޑެންގީ ހުން ޖެހިގެން ރިޕޯރޓް ކޮށްފައިވާ އަދަދު ގިނަކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި ޗިކުންގުންޔާގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އެންމެފަހުން ރާއްޖޭގައި ޗިކުންގުންޔާ ގެ އައުޓްބްރޭކެއް އައިސްފައިވަނީ 2006 ވަނައަހަރުގައި ކަމަަށާއި، އޭގެފަހުން ވަރަށް މަދުން ކޭސްތައް ރިޕޯޓް ކުރެވިފައި ވީ ނަމަވެސް މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން މިހާތަނަށް 846 ކޭސް ރިޕޯރޓްކޮށްފައިވާ ކަމަށެވެ.

އަދި މާޗު މަހާ އަޅާ ބަލާ އިރު އޭޕްރީލް މަހު ޗިކަންގުންޔާ ޖެހިގެން ރިޕޯރޓްކޮށްފައިވާ އަދަދު އިތުރުކަމަށް އެޗްޕީއޭއިން ބުނެއެވެ. އެހެންކަމުން ޑެންގީ އާއި ޗިކުންގުންޔާ ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް ކޮންޓްރޯލް ކުރުމަށާއި ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭއިން ބުނީ މިއަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން 1957 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި ވޭތުވެދިޔަ ތިން އަހަރުގެ މި ދުވަސްވަރާ އަޅާބަލާ އިރު މި އަހަރުގެ މި ދުވަސްވަރު ޑެންގީހުން ޖެހިގެން ރިޕޯޓުކުރަމުންދާ މިންވަރު އިތުރުވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މިދިޔަ މާޗް މަހުގެ 466 ޑެންގީ ކޭހެއް ރިޕޯޓްކޮށްފައިވާ އިރު، މިދިޔަ މަހު 509 ޑެންގީ ކޭ ވަނީ ރިޕޯޓްކޮށްފައެވެ.

ޗިކުންގުންޔާގެ ކޭސްތައް ވެސް ރިޕޯޓްކުރާ މިންވަރު އިތުރު ވެފައިވާ އިރު، މި އަހަރުގެ މިހާތަނަށް 846 ކޭހެއް ވަނީ ރިޕޯޓްކޮށްފައެވެ. އަދި މި އަހަރުގެ ޖެނުއަރީން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ޗިކުން ގުންޔާގެ ކޭސްތައް ވަނީ އެއް މަހަށްވުރެ އަނެއް މަހު އިތުރުވެފައެވެ. މާޗް މަހު 279 ކޭސް ރިޕޯޓްކުރި އިރު، މިދިޔަ މަހު 310 ޗިކުންގުންޔާގެ ކޭސް ރިޕޯޓްކޮށްފައެވެ.

ޖެނުއަރީ މަހު ޗިކުންގުންޔާގެ 74 ކޭސް ރިޕޯޓް ކޮށްފައިވާ އިރު، ޖެހިގެން އައި ފެބްރުއަރީ މަހު ރިޕޯޓް ކުރި ކޭހުގެ އަދަދު ވަނީ 179 އަކަށް އަރާފައެވެ. އަދި މާޗް މަހު 279 ކޭސް ރިޕޯޓް ކޮށްފައިވާ އިރު، މިދިޔަ މަހު ޗިކުންގުންޔާގެ ކޭސްތައް ރިޕޯޓްކުރި މިންވަރު ވަނީ އެހެން މަސްތަކާ އަޅާ ބަލާއިރު ނިސްބަތުން ދަށްވެފައެވެ.