މިދިޔަ މަހުގެ 22 ވަނަ ދުވަހު ށ. ޅައިމަގުން ގެއްލިގެން ހޯދި ބަންގުލަދޭޝް ލުތުުފަރު މަރާލާފައި ކަނޑު ފައްތާލި މަންޒަރު އެ މައްސަލައިގައި ހައްޔަރުކުރި ދެ ބިދޭސީން ފުލުހުންނަށް ކުޅެދީފިއެވެ.

މި މަންޒަރު ކުޅެފައިވަނީ ލުތުފަރު މަރާލި ތަނާއި، އޭނާ ކަނޑު ފައްތާލި ހިސާބުގައެވެ. ލުތުފަރުގެ މަރުގެ މައްސަލައިގައި ހައްޔަރު ކުރި އޭނާގެ ދެ ރައްޓެހިން އެ މަންޒަރު ފުލުހުންނަށް ކުޅެދީފައިވާއިރު، އެ މަންޒަރު ފެނުނު ޅައިމަގު މީހަކު "ދަ ޕްރެސް" އަށް ބުނީ އެ ދެމީހުން ލުތުރުފަރު މަރާލީ ބޯޓު ތެރޭގައެވެ. އަދި ފައިސާގެ މައްސަލައެއްގައި ކަމަށް ބެލެވޭ މައްސަލައެއްގައި އެ މީހުންގެ މެދުގައި ޒުވާބު ކުރުމަށްފަހު އެތަނުން އެކަކު ލުތުފަރުގެ އަރިކަށީގައި ޖަހާ އޭނާ ހޭނައްތާލި ކަމަށް މަންޒަރު ދުށް މީހާ ބުންޏެވެ.

އޭނާ ބުނީ ލުުތުފަރު ހޭނައްތާލުމަށްފަހު ކަރުގައި ހިފާ މަރާލި ކަމަަށެވެ. އަދި އޭނާގެ ޓީޝާޓް ބޭލުމަށްފަހު ގައިގައި 20 ލިޓަރުގެ ރީނދޫ ހަމެއް ބަނދެފައި ފަޅުތެރެއަށް އެއްލާލި ކަމަށާއި، އެމީހުން އޭނާ ގެންގޮސް އެރުވީ އެރަށުގެ ކޮނެފައިވާ ބަނދަރުގެ ތެރޭގައި ހިކިފައި އޮތް ތަނަކަށް ކަމަށެވެ.

އަދި އެތަނަށް ލުތުފަރުގެ ހަށިގަނޑު އެރުވުމަށްފަހު، އޭނާގެ މޭގައާއި ފައިގައި ވެލި ބަސްތާއެއް އައްސާ އެ ދިމާލުން ކަނޑުތޮށިން ބޭރަށް ގެންދިޔަ ކަމަށެވެ. އަދި ލުތުފަރު ގައިގައި އެއްސި ރީނދޫ ހަން ކަނޑާލަށް އެމީހުން ކަނޑަށް އެރުނު ކަމަށާއި، ވެލި ބަސްތާ ބަނދެފައި ހުރުމުން ލުތުރުފަރުގެ ހަށިގަނޑު އަޑިއަށް ދިޔަ ކަމަށް މަންޒަރުދުށް މީހާ ބުންޏެވެ.

ޅައިމަގު ކުރިމަގު ބޯޓުގެ މާލޭ ނޯތް ހާބަރުގައި / ފޮޓޯ: އެފްބީ

ލުތުފަރުގެ ގެއްލުނު ފަހުން ޅައިމަގު ކައިރިން އިންސާނެއްގެ ބައިތަކެއް ފެނިގެން އެއީ ލުތުފަރުކަމަށް ވާހަކަ ދެކެވުނެވެ. އެހެންކަމުން އެއިރު ފެނުނު އިންސާނެއްގެ ހަށިގަނޑުގެ ބައިތަކަކީ ލުތުފަރުގެ ހަށިގަނޑުގެ ބައިތަކެއް ކަމަށް ވުމީ ގާތް ކަމެކެވެ.

ފުލުހުން ކުރިން ބުނެފައި ވަނީ ތަހުގީގަށް ލިބިފައިވާ މައުލޫމަތުގެ އަލީގައި އޭނާ އޮތް ކަމަށް ބެލެވޭ ކަނޑުގެ ސަރަހައްދު ފީނައިގެން ބެލި ބެލުމުން އެހާދިސާގައި ގެއްލިފައިވާ ލުތުފަރުގެ ހަށިގަނޑުގެ ބައިތަކެއް ކަމަށް ބެލެވޭ ބައިތަކެއް ފެނިފައިވާ ކަމަށެވެ. ނަމަވެސް އެއީ ލުތުފަރުގެ ހަށިގަނޑު ކަމެއް ފުލުހުން ޔަގީންކޮށްދީފައެއް ނުވެއެވެ.

މި މައްސަލައިގައި ދެ ބިދޭސީއަކު ހައްޔަރު ކުރި އިރު، އެމީހުން އުޅުނު ކުރިމަގު ބޯޓުގައި މަސައްކަތް ކުރި އެހެން ބިދޭސީއަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރު ކުރީ ގަވާއިދާ ހިލާފަށް އުޅޭތީއެވެ.