ރާއްޖޭގެ ވިޔަފާރި ފުޅާ ކުރުމުގައި ޗައިނާ ފަދަ ބޮޑު ގައުމެއްގެ ތަޖުރިބާ މުހިންމު ކަމަށް އިކޮނޮމިކް މިނިސްޓާ ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް ވިޔަފާރީގެ ދާއިރާގައި ދިމާވާ ދަތިތަކަށް އެހީތެރީކަން ފޯރުކޮށްދިނުމަށް ޗައިނާއާ ރާއްޖެއާ ދެމެދު އެމްއޯޔޫ އެއްގައި ސޮއި ކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ފައްޔާޒް ވިދާޅުވީ ރާއްޖޭގެ ވިޔަފާރި ފުޅާ ކުރުމުގައި ޗައިނާ ފަދަ ބޮޑު ގައުމެއްގެ ތަޖުރިބާ މުހިންމު ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވިޔަފާރީގައި ހިމެނޭ ދާއިރާތަކުގެ އެކްސްޕާޓުންނާއެކު ރާއްޖެއަށް މަސައްކަތް ކުރެވޭނެ ކަމަށެވެ.

އިއްޔެ ޗައިނާއާ ދެމެދުވި މި އެއްބަސްވުމުގެ ދަށުން ވޯކްޝޮޕްތައް ބާއްވާ، ކަނޑައެޅޭ ދާއިރާތައް ދެ ގައުމުން މަޝްވަރާ ކުރާން ނިންމާފައިވާއިރު، މި އެއްބަސްވުމާއެކު ރާއްޖޭގެ ފަންނީ ދާއިރާތަކަށް ވެސް ޗައިނާގެ އެހީތެރިކަން ލިބޭނެ ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ފަރާތުން މި އެއްބަސް ވުމުގައި މިނިސްޓަރު ފައްޔާޒު ސޮއި ކުރެއްވި އިރު، ޗައިނާގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުގެ މާކެޓް ރެގިއުލޭޝަން އޮތޯރިޓީގެ ސްޓޭޓް މިނިސްޓަރު ޒޭންގް މާއޯ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރާއްޖެއާއި ޗައިނާއާ ވަނީ ގާތް ގުޅުމެއް އުފެދިފައެވެ. ނަމަވެސް، ސަރުކާރު ބަދަލުވުމާއި ގުޅިގެން އެ ގުޅުން ހީނަރުވެފައި ވަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ދަނީ އެ ގުޅުން އަލުން ބަދަހި ކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.