މިދިޔަ މަހު ތ. ތިމަރަފުށީ ހިއްކި ސަރަހައްދުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ވޭނެއް ކޮންޓްރޯލް ނުވެ ހިނގި އެކްސިޑެންޓުގައި އަނިޔާލިބުނު އަންހެން މީހާ ކޯމާއެއްގައި އޮތުމަށް ފަހު ރޭ ދަންވަރު ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ތިމަރަފުށީ އެކްސިޑެންޓުގައި އަނިޔާވި 52 އަހަރުގެ އަންހެން މީހާ ލަންކާގައި ފަރުވާ ދެމުން ދަނިކޮށް ރޭ 1:20 ހާއިރު ނިޔާފައިވާ ކަމަށް އާއިލާން މައުލޫމާތު ދީފައިވާ ކަމަށެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ. މި އެކްސިޑެންޓް ހިނގީ އެ ރަށުގެ ހިއްކި ސަރަހައްދުން އެއާޕޯޓަށް ދާން އޮންނަ މަގުން އަންހެން މީހާ ހިނގާފައި ދަނިކޮށް ވޭން ކޮންޓްރޯލު ނުވެގެން ގޮސް އޭނާގެ ގައިގާ ޖެހިގެންނެވެ. މި އެކްސިޑެންޓްގައި އަންހެން މީހާ އަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ.

އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ވަގުތުން އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދީފައިވެއެވެެ. އެކްސިޑެންޓުގެ ސަބަބުން އެ އަންހެން މީހާގެ ބޮލުގެ ތިން ތަނެއް ފަޅައިގެން ގޮސް، ސިކުނޑި އަށް ލޭ އެޅިފައިވާ ކަމަށް އޭރު މައުލޫމާތު ދިނެވެ. އަދި އޭނާގެ ސިކުނޑީގެ އޮޕަރޭޝަނެއް ވެސް ކޮށްފައިވާ އިރު، އޭޑީކޭގައި އޭނާ ބާއްވާ އޮތީ ވެންޓިލޭޓަރުގެ އެހީގައެވެ.

މި އެކްސިޑެންޓުގައި ވޭން ދުއްވަން އިން މީހާގެ ލައިސަންންސް ވަނީ ވަގުތީގޮތުން ހިފަހައްޓާފައެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށް ފަހު ވާނީ ތ. އަތޮޅު ޕީޖީ ގޮތްޕާ ހަވާލުކޮށްފައި ކަމަށެވެ. އަދި މި މައްސަލައިގައި ދައުވާ ކުރުމުގެ ބައި ކުރިއަށްދާ ކަމަށް ފުލުހުން ބުނެއެވެ.