އޭޕްރިލް 21 ވަނަ ދުވަހުގެ ހަމަލަތަކާ ގުޅިގެން ސްރީލަންކާގެ އާންމު މަސްރަހު ހަލަބޮލިވެ، މުސްލިމުންނާ މުސްލިމުންގެ މުދަލާ ތަކެއްޗަށް ގެއްލުން ދެމުންދާ މިންވަރު އިތުރުވެފައި ވާއިރު، ސްރީލަންކާގެ ސަލާމަތީ އަދި ދިފާއީ ބާރުން އަމަލު ކުރަމުންދާ ގޮތާ މެދު ހިތްހަމަ ނުޖެހޭކަމަށް ސްރީލަންކާގައި ދިރިއުޅެމުންދާ މުސްލިމުން ބުނަން ފަށައިފިއެވެ.
ފޭސްބުކް ޕޯސްޓެއްގެ މައްސަލާގައި މުސްލިމުންނާ ނަސޯރާއިންނާ ދެމެދު ވަރުގަދަ ހަމަނުޖެހުންތަކެއް އާދީއްތަ ދުވަހުން ފެށިގެން ހިންގަމުން ދާއިރު، ކާފަރުންގެ ހަމަލާއެއްގައި މުސްލިމެއްގެ ފުރާނަވެސް މިހާރު ވަނީ ގެއްލިފައެވެ. މިހަމަނުޖެހުންތަކާ ގުޅިގެން ސްރީލަންކާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. ނަމަވެސް މުސްލިމުންނަށް އެއްވެސް ވަރެއްގެ ހިމާޔަތެއް ނެތްކަން އެގައުމުގައި ދިރިއުޅޭ މުސްލިމު އާއިލާތަކުން ދަނީ ބުނަމުންނެވެ.
"އަހަރަމެންނާ ދެކޮޅަށް އެތައް ސަތޭކަ ބަޔަކު އެތިބީ މަގުތަކަށް ނިކުމެ. އަހަރަމެންގެ މިސްކިތްތައް އަންދައިފި. ފިހާރަތައް ސުންނާފަތިކޮށް ލޫޓުވައިފި. އެކަމަކު އަސްކަރިއްޔާއާއި ފުލުހުން ހަމަ ތިބެނީ ކުޅި ބަލަން. އެކަމަކު، އަހަރަމެން ގެއިން ނިކުންނަން އުޅެފިނަމަ ސަލާމަތީ ބާރުތަކުން އެބަ އެކަމަށް ހުރަސްއަޅާ. އަހަރަމެންނަށް އަންގަނީ ގޭތެރޭގައި ތިބުމަށް"، މީޑިއާގައި ނަން ހާމަނުކުރުމަށް އެދި ރޮއިޓާޒްއާ ވާހަކަ ދެއްކި ސްރީލަންކާގެ މުސްލިމަކު ކިއާދިނެވެ.
މިފަދަ ނުތަނަވަސް ހާލެއްގައި ސްރީލަންކާގައި މުސްލިމުން ދިރިއުޅެމުން ދާއިރު، މުސްލިމުންނަށް އަމާޒުކޮށް ސީރިއަސް ހަމަލާތަކެއް ދިނުމުގެ "ޓްރެންޑެއް" ސްރީލަންކާގައި ފެށިފައި ވާކަމުގެ އިންޒާރު، އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ އެމްނެސްޓީ އިންޓަނޭޝަނަލްއިން ވަނީ ދީފައެވެ.
އިތުރު ހަމަނުޖެހުން ތަކެއްގެ ނުރައްކާ ސްރީލަންކާގައި އިންތިހާއަށް ބޮޑުވެފައި ވާއިރު އެގައުމުން ވަނީ ބައެއް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ނުވަދެވޭނެހެން ބްލޮކް ކޮށްފައެވެ. ހަމަ އެހެންމެ، އެކި ގަޑިތަކުގައި ކާފިއު އިއުލާން ކުރަމުން ދާއިރު، ސްރީލަންކާގެ ކަމާ ބެހޭ ފަރާތްތަކުން ދޭ އޯޑަރުތަކާ ފޯރުކޮށްދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް، ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް، ދިވެހި އެމްބަސީއިން ވަނީ ގޮވާލާފައެވެ.