ދިވެހިރާއްޖެ އަށާއި، ރާއްޖެ ހިމެނޭ ސަރަހައްދަށް ސަލާމަތީ ގޮތުން ދިމާވެފައިވާ ކަންކަމުން އަރައިގަތުމަށް އެހީތެރިކަން ދޭން ތައްޔާރަށް އޮތްކަމަށް އެގައުމުން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްފައިިވަނީ އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެލައިނާ ޓެޕްލިޒް، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

މިނިސްޓަރުގެ އަރިހަށް މިއަދު ހެނދުނު ކުރެއްވި ޒިޔާރަތުގައި އެމެރިކާގެ ސަފީރު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން، ސަލާމަތީ ވެށްޓަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ދެއްވަމުން ގެންދަވާ ހާއްސަ ސަމާލުކަން ފާހަގަ ކުރައްވާފައެވެ. އަދި ދިވެހި ރާއްޖެއަށާއި، ރާއްޖެ ހިމެނޭ ސަރަހައްދަށް ސަލާމަތީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަތައިގަތުމުގައި، ފުރިހަމަ އެހީތެރިކަމާ އެއްބާރުލުން ދެއްވުމަށް އެމެރިކާ ސަރުކާރުން ތައްޔާރަށް އޮތްކަމަށް ސަފީރު ވިދާޅުވިއެވެ.

މީގެ އިތުރުުން ދިވެހި ސިފައިން ތަމްރީނުކުރުމުގަޔާއި، އެނޫންވެސް ކަންކަމުގައި ދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ މާރިޔާ ވިދާޅުވީ ދިވެހި އަސްކަރިއްޔާއިން މިއަދުގެ ހާލަތަށް ރިއާޔަތްކޮށް ކަމާބެހެ އެންމެހާ ފަރާތްތަކާއި ގުޅިގެން ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅުއްވަމުންދާ ކަމަށެވެ.

މި ބައްދަލުވުމުގައި މާރިޔާގެ އިތުރުން، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި، އެންސީޓީސީގެ ޑިރެކްޓާ ޖެނެރަލް، ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރުގެ އިތުރުން އިންޓަނޭޝަނަލް ޑިފެންސް ކޯޕަރޭޝަންގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ކާނަލް އަބްދުލް މަތީން އަހުމަދު ބައިވެރިވެވަޑައިގެންނެވިއެވެ.