ރޯދަ މަހުގެ ފުރަތަމަ ދުވަހު ހުޅުމާލޭގައި ބަހެއްގެ ދަށުގެ މަރުވި ޔޫކްރެއިންގެ އަންހެން ފަތުރުވެރިޔާގެ ހަށިގަނޑު މިއަދު އެ ގައުމަށް ފޮނުވާލާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ޖޮގިން އަށް ނުކުމެ އުޅެނިކޮށް އެމްޓީސީސީގެ ބަހެއްގެ ދަށުގެ އެ އަންހެން މީހާ މަރުވެފައިވަނީ މިދިޔަ ހަފްތާގެ ހޯމަ ދުވަހުއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ބަސް ދުއްވަން އިން ޑްރައިވަރު ނިދި ޖެހިގެންނެވެ. 31 އަހަރުގެ މި އަންހެން މީހާގެ ހަށިގަނޑު ވަނީ އޭނާގެ އާއިލާއާއި ހަވާލުކޮށްފައެވެ.

މަރުވި ފަތުރުވެރިޔާގެ ހަށިގަނޑު ޔުކްރެއިނަށް ގެންދަން އޭނާގެ މަންމަ ވަނީ ރާއްޖެ އައިސްފައެވެ. އަދި ހަށިގަނޑު ގެންދެވެންދެން ބާއްވާފައި އޮތީ މޯޗަރީގައެވެ.

މި އެކްސިޑެންޓާއި ގުޅިގެން ޑްރައިވަރުގެ ބަންދަށް ތިން ދުވަސް ދީފައިވެއެވެ. ނަމަވެސް ފަހުން އެމީހާގެ ބަންދާމެދު ނިންމިގޮތެއް ސާފެއް ނުވެއެވެ.