ހދ ކުޅުދުއްފުއްޓާއި ހއ ދިއްދޫން މަސްތުވާތަކެއްޗާ އެކު ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައި ވަނީ 21 އަހަރުގެ ފިރިހެނެކެވެ.

ކުޅުދުއްފުށީގައި މަސްތުވާތަކެތި ބޭނުންކޮށް މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި 21 އަހަރުގެ މީހަކު ހައްޔަރު ކުރީ އިއްޔެ ހަވީރު 16:51 ހާއިރެވެ. މި މީހާ ހައްޔަރު ކުރީ ކުޅުދުއްފުށީ ބަނދަރު ސަރަހައްދުން މިމީހާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް މިމީހާގެ އަތުން ފެނިގެން ކަމަށް ފުލުހުން ބުނެއެވެ.

އެގޮތުން ދިއްދޫން މަސްތުވާތަކެއްޗާއި އެކު 30 އަހަރުގެ ފިރިހެނަކު ހައްޔަރު ކުރީ އެރަށު ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. ފުލުހުން މި އޮޕަރޭޝަން ހިންގީ މާލެއިން ފުރައިގެން ހއ. ދިއްދުއަށް ދަތުރުކުރަމުންދާ ދޯންޏަކުން މީހަކު ދިއްދުއަށް މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެންނެވެ.

30 އަހަރުގެ މި މީހާ ހައްޔަރު ކުރީ އާދިއްތަ ދުވަހުގެ ރޭ 1:47 ހާއިރު ދިއްދުއަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ވަށަފަރާއި ގާތްކުރުމުން ފުލުހުންގެ ބެލުމުގެ ދަށަށް އެމީހާ ގެނެސް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ތިން ސެލޯފިންކޮޅު ފެނިގެން ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ހއ. އުތީމު މެޖިިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށެވެ.

މި ދެ މައްސަލަ ވެސް ދަނީ ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުންނާއި ހއ. ދިއްދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންނެވެ.