މާލޭގައި ދުއްވާ ޓެކްސީތަކުގެ ޑިޒައިން ބަދަލުކޮށް ހުރިހާ ޓެކްސީތައް އެއް ޑިޒައިނަކަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފިއެވެ.
ޓެކްސީތަކުގެ ޑިޒައިން ބަދަލު ކުރަން ޖެހިފައި ވަނީ މިހާރު އެހާބޮޑަށް ޓެކްސީތަކާ ޕްރައިވެޓް ކާރުތައް ވަކިކުރަން ނޭނގޭތީ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މައުލޫމާތުދެއެވެ. މި ބަދަލު ގެނައުމުން މާލެ އަންނަ ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ވެސް ޓެކްސީ ދެނެގަތުމަށް ފަސޭހަ ވެގެން ދާނޭ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީ އިން މައުލޫމާތު ދެއެވެ.
މީގެ އިތުރުން ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ މިހާރު ބައެއް ޓެކްސީތައް ވަރަށް ބޮޑަށް ބާވެފައި ވާކަމަށާ ޓެކްސީތަކުގެ ޑިޒައިނަށް ގެންނަ ބަދަލާއެކު މިކަން ކޮންމެވެސް ވަރަކަށް ހައްލު ވެގެން ދާނޭކަމަށެވެ.
ނަމަވެސް އަދި ޓެކްސީ ތައް ބަދަލު ކުރުމަށް ހަމަޖެހިފައިވާ ޑިޒައިން އާންމުކޮށްފައެއް ނުވެއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ކުރިޔަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ޓެކްސީތަކުގެ ޑިޒައިނަށް ގެންނަ ބަދަލު އާންމުކޮށް އަމަލީ ގޮތުން ޑިޒައިން ބަދަލު ކުރުމުގެ މަޝްރޫއު ފަށާނެކަމަށެވެ.
މާލޭގައި އަދި އަތޮޅުތެރޭގެ ބޮޑެތި ބައެއް ރަށްތަކުގައި ދުއްވަމުން އަންނަ ޓެކްސީތަކުގައި، ޓެކްސީއެއްކަން އަންގައިދިނުމަށް މިހާރު ހަރުކޮށްފައި ހުންނަނީ ހަމައެކަނި ބޯޑު ތަކެކެވެ. ބަދަލު ގެންނަން ހަމަޖެހިފައިވަނީ މިފަދަ ބޯޑު ތަކަށް ކަމެއް ނުވަތަ ޓެކްސީގެ ކުލަޔަށް ކަމެއް އަދި ޓެރާންސްޕޯޓް އޮތޯރިޓީން ހާމަކޮށްފައެއް ނުވެއެވެ.