ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ހަފުތާގެ ނިމުމަކާ ހިސާބަށް އާދެވިފައިވާއިރު މިމައްސަރަކީ ދިރިއުޅުމަށް އެދެވޭ ބަދަލުތަކެއް ގެނައުމަށް ކޮންމެ މީހަކުވެސް ގަދަ އަޅާ މަސައްކަތްކުރާނެ މައްސަރެއްކަން ޔަގީނެވެ. މި ނަޒަރުން ވިސްނާއިރު ތިމާވެށްޓާ ރަހުމަތްތެރި އަދި ދުނިޔެއަށް އެދެވިގެންވާ ދިރިއުޅުމަކަށް އަޅުގަނޑުމެން އިންސާނުންގެ އާދަތައް ބަދަލުކޮށްލުމަށްވެސް ރަމަޟާން މަހަކީ ހިތްވަރެއް ކަމުގައި ދެންނެވިދާނެއެވެ.

ތާޒާ މޭވާއާއި ތަރުކާރީއަށް ބުރަވުން

ތަޖުރިބާކާރުން ބުނާ ގޮތުގައި ޖައްވު ހޫނުކުރާ ވިހަ ގޭހުގެ މާއްދާތައް ބޭރުކުރުމުގައި އެންމެ ބޮޑު ހިއްސާއެއް (%51) ކުރަނީ އެއްގަމު މަހުގެ އުފެއްދުންތަކުގެ ސިނާއަތެވެ. ޖައްވަށް ބޭރުވެގެންދާ ވިހަ މާއްދަތައް މަދުކުރުމަށް، މި ރަމަޟާން މަހަކީ ވީހާވެސް ބޮޑަކަށް، ތާޒާ މޭވާއާއި ތަރުކާރީއަށް ބަރޯސާވާ މަހަކަށް ހެދުން ކިހިނެއް ވާނެތޯއެވެ. ވަކި ފަރުދަކު ގެންނަ ކުޑަ ބަދަލަކުންވެސް އިޖުތިމާއީ ނަޒަރަކުން ބަލާއިރު ބޮޑު ފަރަގެއް ފާހަގަކުރެވޭނެއެވެ.

މާރުކޭޓުގައި މޭވާ ގަތުމަށް މީހަކު ހުއްޓިލައިގެން / ފޮޓޯ: ދަ ޕްރެސް

ގެޖެޓްސްއާއި ދުރުވެލުން

ރަމަޟާން މަހަކީ ރޫޙު ތާޒާކޮށްލުމަށް ލިބޭ ރަނުގެ ފުރުސަތެއްކަމާ މެދު ދެބަސްވާނެ މީހަކު ނުހުންނާނެއެވެ. ވީއިރު ދިރިއުޅުމުގައި ފާއިތުވެދިޔަ ތަނުގައި ތިބާ އެތަކެއްޗަށް ދެވި ހިފައި، އަތުން ދޫނުވެގެންއުޅުނ ގެޖެޓްތައް ދޫކޮށް، ކުޑަ ވަރެއްގެ ބްރޭކެއް ނެގުން ކިހިނެއްވާނެތޯއެވެ. މިކަމުގެ ސަބަބުން ކަރަންޓް ޚަރަދު ކުޑަވެގެން ދިއުމުގެ އިތުރަށް ތިބާގެ ހަށިގަނޑާ ނަފްސަށްވެސް އެދެވޭ ބަދަލުތަކެއް އަންނާނެއެވެ. އަދި އަޚުވަންތަ ގުޅުންތައް ބަދަހިވެގެން ދިއުމަށްވެސް މަގު ތަނަވަސްވެގެންދާނެއެވެ. ތިބާ ދެކެ ލޯބިވާ އަދި އެބަޔަކު ތިބާ ދެކެ ލޯބިވާ ފަރާތްތަކާއެކު ހުސްވަގުތުކޮޅެއް ހޭދަކޮށްލުމުން އެ ލިބޭ ހިތް ހަމަޖެހުމާ، އުފާ މާ ބޮޑުވާނެކަން ޔަގީނެވެ. އެބަޔަކާއެކު ތިބާ ވަގުތު ހޭދަކޮށްލުމުން އެމީހުންނަށް އެލިބޭ އުފާ އިހުސާސްކޮށްލައްވަބަލާށެވެ. ގެޖެޓްތަކުން އަތްދޫކޮށް، އެކުގައި އުޅޭ މީހަކަށް ބަލާލުމަށްފަހު ހިނިތުންވެލާބަށެވެ. ހިނިތުންވުމަކީވެސް ޞަދަގާތެކެވެ.

މޯބައިލް ފޯނު މެދުވެރިކޮށް މީހަކު ސޯޝަލް މީޑިއާ އެޕްލިކޭޝަނެއް ބޭނުންކުރަނީ/ފޮޓޯ: އޭއެފްޕީ

އިސްރާފުނުކުރުން

ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރެކެވެ. ނަމަވެސް ދިރިއުޅުމުގެ އާދަކާދަ ބިނާވެގެން އައިސްފައިވާ ގޮތުން ރަމަޟާން މަހަކީ ކާބޯތަކެތި އެންމެ ގިނައިން އިސްރާފު ކުރެވޭ މަހަށްވެސް ގިނަ ފަހަރު އޮންނަނީ ވެފައެވެ. އިސްރާފުކުރުމަކީ އިސްލާމް ދީނުގައި ކިހާ ނުރައްސަވާކަމެއްކަން އަބަދުވެ ހަނދާންކޮށްގެން ރޯދަމަހުގެ ސުފުރާތައް ފުރިހަމަ ކުރުމުގެ ހެޔޮކަން ދެދުނިޔޭގައިވެސް މަންފާކުރާނެކަން ޔަގީނެވެ.

އިސްރާފު ކުރުމުން ދުރުވުމަށްޓަކައި ރޯދަ މަހުގެ ދުވަސްތަކަށް ބަހަލައިގެން އެ ދުވަހަކަށް ހާއްސަކުރެވިފައިވާ މެނޫގައިވާ ތަކެތި ދުރާލާ ތައްޔާރުކޮށް ފްރީޒްކުރުން ބުއްދިވެރިއެވެ. މިހެން ކަންކުރުމުން ތަނަކުން ހަމަ ފެންނަހާ އެއްޗެއް ހަދައިގެން އިސްރާފުވުމުގެ ފުރުސަތު ވަރަށް ކުޑަވާނެއެވެ.

ރަމަޟާން މަހަށް ހާއްސަކޮށްގެން ފަލަސްޠީނުގެ ބާޒާރެއްގައި ވިއްކަން ހުރި ބޮކިތަކެއް ގަތުމަށް މުސްލިމު އާއިލާއަކުން ހަރަކާތްތެރިވަނީ/ފޮޓޯ: އޭއެފްޕީ

ބައެއް މީހުންނަކީ ރަމަޟާން މަހު ވަގުތު ސަލާމަތް ކުރުމުގެ ނަމުގައި ކޭސްކޭހުން ބިސް ފަދަ ތަކެތި ގަންނަ މީހުންނެވެ. ނަމަވެސް ގިނަ ފަހަރު، ރޯދަ މަސް ނިމޭއިރުވެސް ކޭހުން ދެބައިކުޅަ އެއްބައިވެސް ހުސްވާ އަތަށް ނާޅައެވެ. މިފަދަ ހާލަތްތަކުގައި މާ ގިނަ ދުވަހަށް ރައްކާ ނުކުރެވޭ ކާބޯތަކެތި ހަލާކުވެ، އިސްރާފުވާ ގޮތްވެއެވެ. އެހެންކަމުން، މިފަދަ ތަކެތި ހަދިޔާގެ ގޮތުގައިދޭނެ ބަޔަކު ދުރާލާ ހޯދާފައި ބޭއްވުން އެދެވިގެންވެއެވެ.

ރައްކާތެރި ކާބޯތަކެތި ޚިޔާރުކުރުން

އަތުން ކުޑަ ޚަރަދެއް ދިޔަ ކަމުގައި ވީ ނަމަވެސް ތާޒާ މޭވާއާއި ތަރުކާރީ ބައްލަވައި ގަތުމުގައި ތިމާވެއްޓާ ބީރައްޓެހި އަދި އިންސާނާގެ ސިއްހަތުގެ ހަތުރުންގެ ގޮތުގައި ސިފަކުރަމުން އަންނަ މަސްނޫއީ ކެމިކަލްތަކުން ބަރާކޮށްފައިވާ ތަކެއްޗާ ދުރުހެލިވުން އެދެވިގެންވެއެވެ. ވަގުތީ ގޮތުން ޖީބަށް ލުއިވިއެއް ކަމަކު، ފަހުން އުފުއްލަންޖެހިދާނެ ވޭން މާ ހިތްދައްޗެވެ.

ރަމަޟާން މަހަކީ މާތް މައްސަރަކަށްވާއިރު، ވިޔަފާރި ކުރުމުގައި އޮޅުވާލުންތަކާ މަކާރާ ހީލަތް ހެދުމުން ދުރުވާންޖެހެއެވެ. މުއްދަތު ހަމަވެ، ހަލާކުވާން ކައިރިވެފައި ހުންނަ ތަކެތި ކަސްޓަމަރުންގެ "ބޮލުގައި އެޅުވުން" ހުއްޓުމަކަށް ގެނަންޖެހެއެވެ. އަގެއްނެތް އެއްޗެތި ނުއަގުގައި ވިއްކުން ހުއްޓުމަކަށް ގެނެސް، ވިޔަފާރީގައިވެސް ތެދުވެރިވާންޖެހޭނެއެވެ.

ރަމަޟާން މަހުގެ ރޯދަ ވީއްލަ ގަޑީގައި ސުފުރާ މައްޗަށް ފޮނި ބުއިމެއް ސާވްކުރަނީ/ފޮޓޯ: އައި.އޭ.އެން.އެސް

ދިރިއުޅޭ ވެށި ރަމަތަކޮށްލުން

ރަމަޟާން މަހާ ދިމާކޮށް ސާފުކުރުމުގެ ޕްރޮގްރާމްތަކަކީ ކޮންމެ ގޭބިސީއެއްގައިހެން އެބަޔަކަށް ވީ ވަރަކުން ކުރަމުންދާ ކަމެކެވެ. މިކަން ކުރުމުގައިވެސް މެދުމިން ހިޔާރުކުރަންވާނެއެވެ. އިސްރާފު ކުރަން ނުވާނެ ފަދައިން، އަނެކުންނަށް ތަކުލީފުވެސް ޖައްސާކަށް ނުވާނެއެވެ. ސާފުކޮށް ބަލަހައްޓަންވީ ހަމައެކަނި ބަދިގެ އެއް ނޫނެވެ. ނުވަތަ އާ ކުރަންވީ ސުފުރާ މައްޗަށް ނަގާ ތަށި ސަމުސަލެއްވެސް ނޫނެވެ. ސާފުކުރަންވީ ތިބާގެ ނަފްސެވެ. އޭރުން ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށެވެ.