އެމްޓީސީސީން އޮޕަރޭޓްކުރާ ބަސްތައް ދުއްވާ ޑްރައިވަރުންގެ ހަރަކާތްތައް މޮނިޓާކުރުމަށް ބަހުގައި ކެމެރާ ހަރުކުރުމަށް އެމްޓީސީސީން ނިންމައިފިއެވެ.

ބަހުގައި ކެމެރާ ހަރުކުރާކަން ހާމަކޮށްފައިވަނީ އެމްޓީސީސީގެ ޑްރައިވަރުންނަށް ހާއްސަކޮށްގެން މަގުމަތީގެ ގަވާއިދާ ގާނޫނަށް ހޭލުންތެރިކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމުގެ ތެރެއިންނެވެ. އެމްޓީސީސީގެ ސީއީއޯ އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވީ ބަސްތަކުގައި ކެމެރާ ހަރުކުރުމުން، ބަސް އޮޕަރޭޓް ކުރާ ވަގުތު ޑްރައިވަރުންގެ ހަރަކާތްތައް މޮނީޓާ ކުރެވޭނެ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި، ވަރަށް އަވަހަށް އެ މަސައްކަތް ފަށައިގަނެވޭނެކަމަށް ޝާހު ވިދާޅުވިއެވެ.

އެމްޓީސީސީގެ ބަސްތަކުގައި ކެމެރާ ހަރުކުރަން ނިންމާފައިވަނީ ފާއިތުވި ހަފްތާގައި ހިނގި އެކްސިޑެންޓެއްގައި ފަތުރުވެރިއަކު މަރުވެފައިވަނިކޮށެވެ. މި އެކްސިޑެންޓް ހިނގާފައި ވަނީ ބަސް ދުއްވަން އިން މީހާ ނިދިޖެހިގެން ކަމަށް ބުނާ އިރު، މީގެ ކުރިން ވެސް ބަހުގެ ޑްރައިވަރު ނިދި ޖެހިގެން ހުޅުމާލޭގައި އެކްސިޑެންޓެއް ވަނީ ހިނގާފައެވެ.

ޝާހު ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި ހިނގައިދިޔަ އެކްސިޑެންޓްތަކަށްފަހު ޑްރައިވަރުންގެ ޕޮލިސް ރިކޯޑާއި، ޑްރައިވިން ލައިސަންސް ވެރިފައި ކުރުމާއި، ޑިއުޓީއަށް ފަހު ޑްރައިވަރުންގެ ވަގުތު ހޭދަ ކުރާ ގޮތް ބަލާނެކަމަށެވެ.